ގދ. ތިނަދޫގައި ކޮވިޑް-19އަށް ޓެސްޓުކުރުމަށްޓަކައި ނެގި 290 ސާމްޕަލެއްގެ ނަތިއްޖާ މިވަތުގު ނުލިބި ހުރިކަމަށް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފިއެވެ.
ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުން ހާމަކޮށްފައިވާ އެންމެފަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން ތިނަދޫގައި މިހާތަނަށް ކޮވިޑް-19އަށް ޓެސްޓް ކުރުމަށްޓަކައި މުޅި ޖުމްލަ 1،816 ސާމްޕަލް ނަގާފައިވާއިރު މީގެތެރެއިން މިވަގުތު ނަތީއްޖާ ނުލިބި 290 ސާމްޕަލެއްވެއެވެ. ކޮވިޑް-19އަށް ޓެސްޓުކުރުމަށް ފާއިތުވެ ދިޔަ 24 ގަޑިއިރު ތެރޭގައި 88 ސާމްޕަލް ވަނީ ނަގާފަވެއެވެ.
އެހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ތިނަދޫގައި ޖުމްލަ 12 މީހުން ފައްސިވެ، 03 މީހުން ރަނގަޅުވެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ މީހުންގެ ޖުމްލަ އަދަދު މިވަނީ 87 އަށް އަރާފައެވެ. އަދި 03 މީހަކު ވަނީ ބަލިން ރަނގަޅުވެފަވެއެވެ.
ފައްސިވެފައިވާ 12 މީހުންގެ ތެރޭގައި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގުނު 10 މީހަކާއި، ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ސާމްޕަލް ނެގުނު 02 މީހެއް ހިމެނެއެވެ.
މިފަހުން ގދ. ތިނަދޫގައި ކޮވިޑް ބައްޔަށް ފައްސިވި މީހުންގެ ޖުމްލަ އަދަދު މިވަނީ 128 އަށް އަރާފައެވެ. އެއީ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެ ސާމްޕަލް ނެގި 72 މީހުން، ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރެގެން ސާމްޕަލް ނެގި 30 މީހުން، ރެންޑަމް ސާމްޕްލިންގ ގޮތުގައި ސާމްޕަލް ނެގި 15 މީހުން އަދި ހޯމް ކަރަންޓީން ފުރިހަމަކޮށް ސާމްޕަލް ނެގި 11 މީހުންނެވެ.
ބައްޔަށް ފައްސިވެފައިވާ މީހުންގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި މިހާތަނަށް ފާހަގަކުރެވުނު 444 މީހުން 203 ގެއެއްގައި މިވަގުތު ވަނީ ކަރަންޓީން ކުރެވިފައެވެ. މީގެތެރެއިން 31 ގެއަކީ ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި ކަރަންޓީން ކުރެވުނު ގެތަކެވެ.