English Edition
Dhivehi Edition

ގދ. ހޯނޑެއްދޫއިން ކޮވިޑް-19 އަށް އިތުރު މީހަކު ފައްސިވެފައިވެ އެކްޓިވް ކޭސްތަކުގެ އަދަދު 02 އަށް އަރައިފިއެވެ.

ހޯނޑެއްދޫ ސިއްހީމަރުކަޒުގެ ސީނިއަރ އެޑްމިނިސްޓްރޭޓަރ އަޙްމަދު ޝިފާއު އޭ.އޯ. ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެފަރާތަކީ މިމަހުގެ 7 ވަނަ ދުވަހު މާލެއިން އައިސް ހޯމް ކަރަންޓީން ވެފައިވާ ބައެއް ކަމަށާއި އަދި ރޯގާގެ އަލާމާތެއް ހުރިކަން ފާހަގަކުރެވިގެން އެފަރާތުން ރިޕޯޓް ކުރުމުން 9 މޭ ގައި ނެގި ސާމްޕަލް ޕޮޒިޓިވް ވުމާ ގުޅިގެން އެ ޕޮޒިޓިވް ފަރާތާ ސީދާ ގުޅުންހުރި އަނެއް ފަރާތުގެ ސާމްޕަލްނެގި އޭގެ ނަތީއްޖާވެސް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

ފައްސިވެފައިވާ ދެފަރާތަކީ ދެމައިން ކަމަށާއި އެދެމައިންގެ ހާލު ރަނގަޅުކަމަށްވެސް ވިދާޅުވިއެވެ. އަދި ހަމަ އެދުވަހު ނެގިފައިވާ ސަވައިލެންސް ސާމްޕަލް ނެގެޓިވް ކަމަށްވެސް ވިދާޅުވިއެވެ.

ޝިފާއު އިތުރަށް ވިދާޅުވީ ހޯނޑެއްދޫގެ މި ދެ ކޭސްއާއި ގުޅިގެން ސިއްޙީ މަރުކަޒުން ބެލިބެލުމުން އެ ދެފަރާތާ އެއްވެސް ކޮންޓެކްޓެއް ފާހަގަވެފައި ނުވާކަމަށެވެ. އަދި ހޯނޑެއްދޫ އެންމެހާ ރައްޔިތުންވެސް އެޗް.ޕީ.އޭ ގެ ގަވާއިދުތަކާއި އެއްގޮތަށް އަމަލު ކުރުމަށް ނަސޭހަތެރިވެ، ކޮންމެ ބޭފުޅަކުވެސް ފަރުދީ ޒިންމާ އަދާކުރެއްވުމަށް ވެސް އިލްތިމާސް ކުރެއްވިއެވެ.

އެޗް.ޕީ.އޭ ގެ ރެކޯޑްސްތައް ބުނާގޮތުން ގދ. އަތޮޅުގައި ކޮވިޑް-19ގެ އެކްޓިވް ކޭސްތަކަކީ ގައްދޫގައި 4 ކޭސް، މަޑަވެލީގައި 1 ކޭސް، ހޯނޑެއްދޫގައި 2 ކޭސް އަދި ހުވަދުއަތޮޅުގެ ވިޔަފާރީގެ މައި ރަށް ތިނަދޫގައި އެކްޓިވް ކޭސްތަކުގެ އަދަދަކީ 64 އެވެ.