ގދ. ގައްދޫ އިން ކޮވިޑް-19 އަށް ފައްސިވެފައިވާ އިތުރު މީހުންތަކެއް ފެނި އެރަށަށް އަރާ ފޭބުން މަނާކޮށްފިއެވެ.
އެރަށުގައި ހޯމް ކަރަންޓީންގައި ހުރި މީހެއް ބައްޔަށް ޝައްކުކުރެވޭ އަލާމާތްތަކެއް ހުރުމާއި ގުޅިގެން ނެގި ސާމްޕަލެއް ކޮވިޑް-19 އަށް ފައްސި ވެފައި ވަނީ މިމަހުގެ 08 ވަނަ ދުވަހުގައެވެ. އަދި އެ ފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓްވި ފަރާތްތައް ހޯދުމުގެ މަސައްކަތުގެ ތެރެއިން ފާހަގަކުރެވުނު މީހުން ބައްޔަށް ޓެސްޓުކުރުމަށް ނެގި ސާމްޕަލްތަކުގެ ތެރެއިން އިތުރު 02 ސާމްޕަލެއްގެ ފައްސި ނަތީއްޖާ މިއަދު ލިބިފައިވާކަމަށް ގދ. ގައްދޫ ސިއްޙީ މަރުކަޒުން ވަނީ ހާމަކޮށްފައެވެ.
އެރަށުގައި ކޮވިޑް-19ގެ ހާލަތާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ގދ. ގައްދޫ ސިއްޙީ މަރުކަޒުގެ މީޑިއާ ކޯޑިނޭޓަރ އާމިނަތު ރަޝީދާ ވިދާޅުވީ ބައްޔަށް ފަރުވާ ހޯދަމުން އަންނަ 03 މީހުންގެ ހާލަތު ރަނގަޅު ކަމަށާއި މިވަގުތު އެފަރާތްތަކާއި ޑައިރެކްޓް ކޮންޓެކްޓި ފަރާތްތައް ހޯދުމުގެ މަސައްކަތް ކުރިއަށްދާކަމަށެވެ.
މިވަގުތު ގދ. އަތޮޅުގެ ގައްދޫ އަދި ވެރިކަން ކުރާ ރަށް ތިނަދޫގައި ކޮވިޑް-19 އާއި ގުޅިގެން ސިއްހީގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައްތައް ބެލުމަށް ވަނީ މޮނިޓަރިންގ އަށް ލާފައެވެ. މީގެ އިތުރުން ގދ. ހޯނޑެއްދޫ އިން މިއަދު ކޮވިޑް-19 އަށް ފައްސިވެފައިވާ ފަރާތެއް ފެނި ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް ކުރިއަށް އެބަދެއެވެ.