English Edition
Dhivehi Edition

ރާއްޖެ އިން ކޮވިޑް ފެނުނުތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު، އެއް ހަފުތާއެއްގެ ތެރޭގައި އެންމެ ގިނަ ބަޔަކަށް އެ ބަލި ޖެހުނީ މިދިޔަ ހަފުތާގައި ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ރޭ ބުނެފި އެވެ. އެ އިދާރާގެ މީޑިއާ ބްރީފިންގައި، ކޮވިޑާ ގުޅޭ ކަންކަމުގައި ހެލްތު މިނިސްޓަރަށް ލަފާ ދޭ ޓެގް ޓީމުގެ މެމްބަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވީ މިދިޔަ ހަފުތާގައި އެކަނި ވެސް 3،000 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވްވެފައިވާ ކަމަށެވެ. މީގެ ކުރިން ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު 150-200 އާ ދޭތެރޭގައި ހުރުމަށް ފަހު ފާއިތުވި ދެ ހަފުތާގެ ތެރޭގައި ވަނީ ކޭސްތައް މައްޗަށް ގޮސްފަ އެވެ. މިހާރު ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ ރޭޓް އުޅެނީ 500 އިން މަތީގަ އެވެ.

މިދުވަސް ރާއްޖޭގެ ކޮވިޑްގެ ހާލަތަށް އަލިއަޅުވާލާ ކުޑަކުދިން ބޭރަށް ނެރުމަކީ ނުރައްކާތެރި ކަމެއް ކަންވެސް އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވިއެވެ. ބެލެނިވެރިން ކުޑަކުދިން ގޮވައިގެން ނުކުމެ މަޑިއެރުވުމުގައި ގިނަ ވަގުތު ތަކެއް ހޭދަ ކުރާކަން ފާހަގަ ކުރައްވާ ރާއްޖޭގައި މިގޮތަށް ކުޑަކުދިން ގޮވައިގެން ބޭރަށް ނުކުމެ އުޅޭ ބެލެނިވެރިންނަށް ނަސޭހަތް ދޭން ޖެހޭ ކަން ވެސް ޝަރީފް ވަނީ ފާހަގަ ކުރައްވާފައެވެ. މާލޭގެ ހުރިހާ ޕާކުތަކާއި މައިޒާންތައް ބަންދު ކޮށްފައި ވާކަމަށާއި އެހެންނަމަވެސް ގިނަ ފަރާތްތަކަކުން އަދިވެސް ކުޑަކުދިން ގޮވައިގެން އެތަންތަނަށް ގޮސް އުޅޭކަން ފާހަގަ ކުރެވިފައިވާ ކަމަށް ވެސް އަބްދުﷲ ޝަރީފްގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

ކޮވިޑާއި ގުޅޭ ކަންކަމުގައި ހެލްތު މިނިސްޓަރަށް ލަފާ ދޭ ޓެގް ޓީމުގެ މެމްބަރު ޑރ. އަހުމަދު ޝަހީދު އިތުރަށް ވިދާޅުވި ގޮތުގައި، ކޮވިޑް ޖެހިގެން މީގެ ދެ ދުވަސް ކުރިން، ޒުވާނަކު މަރުވި އިރު، އޭނާއަކީ ދާއިމީ ބޮޑު ބައްޔެއް ހުރި މީހެއް ނޫނެވެ. އައިސީޔޫގައި މިހާރު ފަރުވާ ދޭ މީހުންގެ ތެރޭގައި އުމުރުން 27 އަހަރާއި 37 އަހަރާއި 39 އަހަރުގެ މީހުން ހިމެނޭ ކަމަށް ވިދާޅުވި އެވެ. ކޮވިޑްގެ ބަލިމަޑުކަމުގައި މިހާތަނަށް ގިނައިން މަރުވެފައި ވަނީ އުމުރުން ދުވަސްވީ މީހުން ނަމަވެސް، ފަހުގެ ހިސާބުތަކަށް ބަލާއިރު ބަލީގެ ބިރު، ހުރިހާ އެންމެންނަށް ވެސް އެބައޮތް ކަމަށް ވެއެވެ.