ގދ. މަޑަވެލީގައި ހޯމް ކަރަންޓީން ގައި ހުރިފަރާތެއް ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާކަން މަޑަވެލީ ހެލްތް ސެންޓަރުން ހާމަކޮށްފިއެވެ.
އޭ.އޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން ގދ. މަޑަވެލީ ސިއްހީމަރުކަޒުގެ ފަރާތުން ވާހަކަ ދެއްކެވި އެ މަރުކަޒުގެ ސީނިޔަރ އެޑްމިނިސްޓްރޭޓަރ ހުޝާމް ހާޝިމް ވިދާޅުވީ އެފަރާތަކީ މިމަހުގެ 3 ވަނަ ދުވަހު މާލެއިން އައިސް ހޯމް ކަރަންޓީން ވެފައިވާ މަޑަވެއްޔަށް ނިސްބަތްވާ ފަރާތެއް ކަމަށާއި، ރޯގާގެ އަލާމާތެއް ހުރިކަން ފާހަގަކުރެވިގެން އެފަރާތުން ރިޕޯޓް ކުރުމުން 6 މޭގައި އެފަރާތުގެ ސާމްޕަލް ނެގިފައިވާ ކަމަށެވެ. ނެގި ސާމްޕަލް ޕޮޒިޓިވް ވުމާ ގުޅިގެން އެ ފަރާތާ އެއްވެސް ކޮންޓެކްޓެއް ހުރިތޯ ބަލަމުންދާ ކަމަށްވެސް މައުލޫމާތު ދެއްވިއެވެ. އަދި ކޮންޓެކްޓް ޓްރޭސިންގްގެ މަސައްކަތަށް އެންމެހާ ރައްޔިތުގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށްވެސް އެދުނެވެ.
ކޮވިޑް-19 އަދި މި ކޭސްއާ ގުޅުންހުރި އެއްވެސް މައުލޫމާތެއް ޙިއްސާ ކުރައްވަން ބޭނުންފުޅު ނަމަ އެ މަރުކަޒުގެ ރިސެޕްޝަން ނަންބަރު 6842614 އަދި 9193612 އަށް ގުޅުއްވައި މަޢުލޫމާތު ހިއްސާކުރެއްވުމަށް ހެލްތް ސެންޓަރުން އެދެއެވެ. އަދި ހުރިހާ ބޭފުޅުންވެސް ރައްކާތެރި ކަމުގެ ފިޔަވަޅު ތަކާއެކު މާސްކް އެޅުމަށް ހުޝާމް ވަނީ އިލްތިމާސް ކުރައްވާފައެވެ. މަޑަވެއްޔާއި ކޯޒްވޭއަކުން ގުޅާލެވިފައި އޮންނަ ހޯނޑެއްދޫއިންވެސް މީގެ 2 ދުވަސް ކުރިންވަނީ ހޯމްކަރަންޓިންގައި ހުރި ފަރާތެއް ޕޮޒިޓިވްވެފައެވެ.