English Edition
Dhivehi Edition

މެއި 6 ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ޙަމަލާއާއި ގުޅޭ ފޮޓޯއާއި ވީޑިއޯ ދައުރު ނުކުރަން ފުލުހުން އެދިވަޑައިގެންފިއެވެ. ޚާއްސަ އިސްކަމެއް ދެއްވައިގެން މިޙާދިސާ ތަހުގީގު ކުރައްވަމުން ގެންދަވާ މޯލްޑިވްސް ޕޮލިސް ސާވިސް އިން މިކަމަށް އެދި ވިދާޅުވެފައިވަނީ އެޙަމަލާއާއި ގުޅުންހުރި ފޮޓޯއާއި ވީޑިއޯ އަދި އެނޫން ތަކެތިވެސް ސޯޝަލް މީޑިއާގެ ޕްލެޓްފޯމް ތަކުގައި ދައުރު ނުކުރުމަށެވެ. މިއީ މިކަމުގެ ސަބަބުން ނުބައި މަޢުލޫމާތު ފެތުރުމަށް ހިތްވަރުލިބި އޭގެ ސަބަބުން ކުރަމުންދާ ތަޙުގީގަށް ހުރަސް އެޅޭނެ ކަމަކަށް ވާތީ އާއި އަދި މިކަމަކީ އަނިޔާ ލިބިފައިވާ ފަރާތާއި އެފަރާތުގެ ގާތް މީހުންނަށްވެސް އިތުރު ހިތްދަތިކަމެއް ލިބިދާނެ ކަމަކަށްވާތީ މިކަން ހުއްޓާލުމަށް ގޮވާލާފައެވެ.

މީގެ އިރުކޮޅެއް ކުރިން ފުލުހުންވަނީ މިޙަމަލާއާއި ގުޅުންހުރި 2 މީހަކު ހައްޔަރު ކުރިކަން ހާމަ ކޮށްފައެވެ. އަދި މިކަމުގެ އިތުރު ތަފްސީލް މިއަދު 4.00 ގައި ބާއްވާ ނޫސްވެރިންގެ ބައްދަލުވުމުގައި ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވީ މިހާތަނަށް ބެލިބެލުމުން 4 މީހެއްގެ ފަރާތުން ހަމަލާއާ ގުޅިގެން ޝައްކުކުރެވޭ ފަދަ ޢަމަލުތަކެއް ފެނި އެކަން ފުލުހުންގެ ސަމާލުކަމަށް އައިސްފައިވާކަމަށާއި، އެހެންނަމަވެސް މިވަގުތު އެއީ ކޮންބައެއްކަން އަދި އެމީހުންނާމެދު ޝައްކުކުރެވެނީ ކީއްވެގެންކަން ވިދާޅުވެވެން ނެތްކަމަށެވެ. މިމީހުން ހޯދުމުގެ މަސައްކަތް ފަށާފައި ކަމަށް ސީޕީ ހަމީދު ވިދާޅުވެފައިވެއެވެ.

މިތަހުޤީގުގައި އާއްމުންގެ އެހީތެރިކަމަށް ފުލުހުންވަނީ އެދިވަޑައިގެންފައެވެ. ތަހުޤީގާއި ބެހޭ މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންނާ ހިއްސާކޮށްދެއްވުމަށާއި މަޢުލޫމާތުތަކާއި ހިއްސާ ކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކޮށްދެއްވާނެކަމުގެ ޔަގީންކަން ފުލުހުންވަނީ ދެއްވާފައެވެ.