އިއްޔެ ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮއްވާލައިގެން ދީފައިވާ ޙަމަލާއަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ޙަމަލާއެއްގެ ގޮތުގައި ބަލައިގެން ތަޙުގީގު ކުރިއަށް ގެންދާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ. އިއްޔެގެ ހަމަލާއާއި ގުޅޭގޮތުން ފުލުހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެސާވިސްއަށް މިހާތަނަށް ލިބިފައިވާ މަޢުލޫމާތާއި ފުލުހުން ހޯދާފައިވާ ހޯދުންތަކަށް ރިޢާޔަތްކޮށް އެޙަމަލާއަކީ ސީދާ ރައީސް ނަޝީދަށް އަމާޒުވާ ޙަމަލާއެއްކަމުން އެކަން ތަހުގީގު ކުރަމުންދަނީ އެމަނިކުފާނަށް އަމާޒުކޮށް ހިންގާފައިވާ ޓެރަރިޒަމްގެ ޢަމަލެއްގެ ގޮތުގައި ކަމަށެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދީފައިވާ އެޙަމަލާއާއި ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދިވެހި ޤައުމީ ދިފާޢީ ބާރާއި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެތެރެ ބެލެހެއްޓުމުގައި ޚާއްސަ މަސައްކަތްތަކެއް ވަނީ ފަށާފައެވެ.
ނީލޯފަރު ހިނގުމުގައި އެއްޗެއް ގޮވައި ރައްޔިތުންގެ މަޖިލިސް ރައީސް ، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ޙަމަލާގެ ވަގުތުގައި ޝައްކުވި އެއްވެސް ކަމެއް ހިނގާފައިވާނަމަ އެކަން ޙިއްސާ ކޮށްދެއްވުމަށް ފުލުހުންވަނީ އެދިވަޑައިގެންފައެވެ.
އެގޮތުން މިފަދަ އެއްވެސް ޝައްކެއްވާނަމަ 9704000 ނަމްބަރުގެ ފޯނަށް ގުޅުއްވުމަށް އެދިވަޑައިގެންފައިވެއެވެ.
ރައީސް ނަޝީދަށް އަމާޒުވާ ޓެރަރިޒަމްގެ މިޙަމަލާއާއި ގުޅޭގޮތުން ދިވެހި ފުލުހުންގެ ޚިދުމަތުން ބާއްވާ ޕްރެސް ބްރީފިން ގެ ގަޑި މިހާރުވަނީ މިއަދު މެންދުރު ފަހު 2.30 އަށް ފަސްކޮށްފައެވެ.