ކޮވިޑްގެ ބިޔަ ރާޅުތައް ބިންދާލާފައިވާ އިންޑިއާގެ މުމްބާއީ ހޮސްޕިޓަލެއްގައި މަސައްކަތް ކުރަމުން އައި މާބަނޑު ޑޮކްޓަރަކަށް އެގައުމު ރައްޔިތުން ތައުރީފުގެ ބަސްތަކުން ސޯޝަލްމީޑިއާ ފުރާލައިފިއެވެ.
އުމުރުން 32 އަހަރުގެ ޑޮކްޓަރ ރުޕާލީ މޯހިތު އައީ ކޮވިޑް ފުރަތަމަ އިންޑިއާ އަށް އައުމާއެކުވެސް ބަލިމީހުންނަށް ފަރުވާ ދިނުމުގައި އަވަދިނެތި މަސައްކަތް ކުރަމުންނެވެ. އޭނާ މި މަސައްކަތުގައި އުޅޭތާ މިހާރު އަހަރުވެއްޖެއެވެ. ރުޕާލީ މިހާރުވެސް ދަނީ ދުވާލެއްގެމައްޗަށް ކޮވިޑްޖެހިގެން ހޮސްޕިޓަލަށް ގެންނަ 80-90 އަދަދަށް ކައިރި ކުރާ ބަލިމީހުންނަށް ފަރުވާ ދެމުންނެވެ.
ރުޕާލީ ވަރުބަލި ކަމެއްނެތި މަސައްކަތް ކުރަމުން ދަނިކޮށް ބަނޑަށް 6 މަސް ފުރިފައި ހުއްޓާ އޭނާ އަށް ކޮވިޑް ޖެހުނީ މިދިޔަ އޭޕްރީލް މަހު 4ވަނަ ދުވަހުއެވެ. ބަލި ޖެހުމާ އެކު އޭނާ ވަނީ ފަރުވާ ހޯދަން ގޭގައި އެކަހެރި ވެފައެއެވެ. ރުޕާލީ ބުނީ އޭނާ ދިރިއުޅޭގެ ފިރިމީހާގެ މަންމަގެ ގޭގައި ކަރަންޓީންވެ ހުރެ ފަރުވާ ހޯދައި ބަލިން ފަސޭހަ ވުމާއެކު އަނެއްކާ ބޭނުންވީ ހޮސްޕިޓަލަށް ގޮސް ބަލި މީހުންނަށް ފަރުވާ ދިނުމަށް ކަމަށެވެ. އޭނަ ބުނީ ބަލި ޖެހުމާއެކު ދެވަނަ ފަހަރަށް ހޮސްޕިޓަލަށް އޭނާ ދިޔުމަށް ފިރިމީހާ އަދި މައިދައިތަ އެއްބަސް ނުވެދާނެ ކަމަށް ބިރުގަތް ނަމަވެސް އެމީހުންގެ އެއްބާރުލުން ލިބުނުކަމަށްޓަކައި އުފާކުރާ ކަމަށެވެ.
ރުޕާލީފަދަ ހިތްވަރުގަދަ ޑޮކްޓަރަކު ބަލިވެ އިނުމަށްފަހުވެސް ރައްޔިތުންނަށް، ގައުމަށް ހިދުމަތް ކުރަން ބިރުނުގަނެ ފަސްޖެހުމެއްނެތި މަސައްކަތަށް ނިކުތުމުން އިންޑިއާގެ އެތައް ރައްޔިތުންނެއް ދަނީ އޭނައަށް ހިތްވަރުދީ ތައުރީފު ކުރަމުންނެވެ.
ކޮވިޑް ބަލީގައި މުޅިދުނިޔޭންވެސް އެންމެ ހާލަތު ބޮޑުވެފައިވާ ގައުމަކަށް މިހާރުއިންޑިއާ ވެފައިވާ އިރު އެގައުމުން ދުވާލެއްގެ މައްޗަށް ލައްކައަކަށް ވުރެ ގިނަމީހުން ބައްޔަށް ޕޮޒިޓިވްވެ މަރުވާ މީހުންގެ އަދަދު އުޅެނީ ހާހުން މަތީގައެވެ،