ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ހަމަލާއަކީ ވަރަށް ފިނޑި ޓެރަރިސްޓު ހަމަލާއެއް ގޮތުގައި މަޖިލީހުގެ ނައިބު ރައީސް އިވާ އަބްދުﷲ ސިފަކުރައްވައިފިއެވެ،
ރޭ ދިން ހަމަލާއާ ގުޅިގެން ކުއްލި ގޮތަކަށް މަޖިލީހުގެ ޖަލްސާއެއް ބާއްވާ، އެ މަނިކުފާނުގެ ސިއްހީ ހާލުކޮޅާ ބެހޭ ތަފުސީލުތައް ލިބެންދެން ޖަލްސާ ކުރިއަށް ގެންދަން ނިންމައިފައިވާއިރު އީވާ ވަނީ އޭނާގެ އަމިއްލަ ނަމުގަ އާއި މަޖިލީހުގެ މެމްބަރުންނާއި މުވައްޒަފުންގެ ނަމުގައި މިހަމަލާ ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވާފައެވެ
މިރޭ ކުރިއަށް ދާ ޖަލްސާ ދިގުދެމިގެންދާ ގޮތަށް ކުރިއަށް ގެންދަވާނެ ކަމަށް ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ވިދާޅުވެފައެވެ.
އިތުރަށް އީވާ ވިދާޅުވީ، ރައީސް ނަޝީދުގެ ސިއްޚީ ހާލުކޮޅާ ގުޅޭ ގޮތުން ޑޮކްޓަރުންނާއި އޭޑީކޭ ހޮސްޕިޓަލުން މައުލޫމާތު ދެވެމުންދާ މިންވަރަކުން މަޖިލީހުގެ މެންބަރުންނަށް ޚިއްސާ ކުރައްވާނެކަމަށެވެ. އަދި ނަޝީދަށް ދިން ހަމަލާ ސިފައިންނާއި ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަަމަށާއި އެ މައުލޫމާތު ވެސް މެމްބަރުންނާ ހިއްސާކުރަމުން ގެންދަވާނެކަމަށް އިވާ ވިދާޅުވިއެވެ.
ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާގައި އެމަނިކުފާނުގެ އިތުރުން ސެކިއުރިޓ އާއި ސިފައިންގެ ތިން ބޭފުޅަކަށާއި އަދި ބިދޭސީއަކަށް ވެސް ވަނީ އަނިޔާވެފައެވެ.