English Edition
Dhivehi Edition

ނުހައްގު މުއްސަނދިކަން ކުށަކަށް ހެދުމަށް ގާނޫނުން އުގޫބާތަށް ގެނެސްފައިވާ އިސްލާހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގު ކުރައްވައިފި އެވެ.

ކޮރަޕްޝަން ހުއްޓުވުމުގެ މުހިންމު ފިޔަވަޅެއްގެ ގޮތުން ހުށަހެޅި މި ބިލަކީ 19 އެޕްރީލް ގައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ 2021 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 30 ވަނަ ޖަލްސާއިން ފާސްކޮށްފައިވާ ބިލެކެވެ،

ގާނޫނުލް އުގޫބާތަށް ގެނައި ހަތަރު ވަނަ އިސްލާހުގައި ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމުގެ ކުށާއި، ދައުލަތުގެ މުދަލާއި ފައިސާއަށް ހިޔާނާތްތެރިވުމުގެ ކުށާއި، ދައުލަތަށް ފައިދާއެއް ލިބެންއޮތް ކަމެއްގައި އެ ނޫންގޮތަކަށް އަމަލުކުރުމުގެ ކުށާއި، ނުފޫޒުން ވިޔަފާރިކުރުމުގެ ކުށް ކަނޑައަޅާފައިވެ އެވެ. އަދި އެފަދަ ކުށެއްކުރިކަމުގައި ނިންމާ ހަމަތަކާއި އުސޫލުތައްވެސް އެ އިސްލާހުގައި ތަފްސީލްކޮށްފައިވެ އެވެ.

ގާނޫނު އުގޫބަތަށް ގެންނަން މަޖިލިހުން ފާސްކުރި އެ އިސްލާހުގައިވާ ގޮތުން

  • ދައުލަތުގެ މުވައްޒަފަކަށްވެ ހުރެ ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔައިރު ލިބެމުން ދިޔަ އާމްދަނީއާ ނުބައްދަލު ދިރިއުޅުމުގެ ފެންވަރެއް ގާއިމްކޮށްފައިވުން ނުވަތަ އެފަދައިން ދިރިއުޅުމުގެ ފެންވަރު ގާއިމްކުރުމަކީ ކުށެކެވެ.
  • ދައުލަތުގެ މުވައްޒަފަކު ނުވަތަ ދައުލަތުގެ ވަޒީފާއެއް އަދާކުރަމުން ދިޔަ ދުވަސްވަރު ލިބެމުންދިޔަ އާމްދަނީއާ ނުބައްދަލު މިންވަރަކަށް އެ މުވައްޒަފުގެ ނަމުގައި ނުވަތަ މުވައްޒަފުގެ އާއިލާގެ ނަމުގައި ނުވަތަ ޒާތީ ނުވަތަ ވިޔަފާރީ ގުޅުމެއް އޮތް މީހެއްގެ ނަމުގައި މުދާ މިލްކު ކުރުމަކީ ކުށެކެވެ.
  • މުވައްޒަފެއްގެ ދިރިއުޅުމުގެ ފެންވަރު ގާއިމުކޮށްފައިވަނީ ގާނޫނީ ގޮތުން ހުއްދަކޮށްފައިވާ ގޮތުގެ މަތިންކަން ސާބިތުކޮށް ނުދެވުމަކީ ވެސް ކުށެކެވެ. މީގެ އިތުރުން އާއިލާގެ ނަމުގައި ނުވަތަ ޒާތީ ނުވަތަ ވިޔަފާރީގެ ގުޅުމެއް އޮތް މީހަކަށް މުދަލެއް ލިބިފައިވަނީ ވެސް ގާނޫނީ ގޮތުން ހުއްދަކޮށްފައިވާ ގޮތުގެ މަތިންކަން ސާބިތުކޮށް ނުދެވުމަކީ ވެސް ކުށެކެވެ. ނުހައްގުން މުއްސަނދިކަން ހޯދާ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާ ނުވަތަ ވަޒީރަކު ނުވަތަ މަޖިލިސް މެމްބަރަކު ނުވަތަ ފަނޑިޔާރަކު ނަމަ އެއީ ޖިނާޔަތުގެ ދެ ވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައި ބުނެފައިވެ އެވެ. އެހެން ކަމަށްވާ ނަމަ، އެ ކުށުގެ އެންމެ ބޮޑު އަދަބަކީ 15 އަހަރަށް ޖަލަށް ލުމެވެ.މި ކުށް ކުރި ފަރާތަކީ ދައުލަތުގެ އެހެން ވަޒީފާއެއްގައި އުޅޭ މީހެއްކަމަށްވާ ނަމަ، އެއީ ޖިނާއަތުގެ ތިންވަނަ ދަރަޖައިގެ ކުށެއް ކަމަށް އިސްލާހުގައިވެއެވެ. އެ ދަރަޖާގައި ކުށުގެ އެންމެ ބޮޑު އަދަބަކީ އަށް އަހަރު ދުވަހުގެ ޖަލު ހުކުމެކެވެ.