English Edition
Dhivehi Edition

ހުވަދު އަތޮޅު ދެކުނުބުރީ ހޯނޑެއްދޫއަކީ މީގެ ވިއްސަކަށް އަހަރުކުރީގަ ހުވަދޫ އަތޮޅުގައި މީހުންދިރިއުޅޭ މަލަފެހި ޗާލު ދޮންވެލި ގޮނޑުދޮށެއް ލިބިފައިވާ ގުދުރަތީ މުއްސަދިކަން ލިބިފައިވާ ރަށެކެވެ. ރަށުގެ ގުދުރަތީ ރީތިކަން އިތުރުކޮށްދެނީ ރަށުގެ އުތުރު ފަރާތުގައި ދެމޫސުމަށް ވޮޑޭ ދޮންވެލި ތުނޑިއެވެ. ދޫނިތައް އުނދުހިލާފައި ތިރިކޮށްލާ މަންޒަރު ބަލާ ފޫހިނުވާނެކަން ޔަގީނެވެ. މި ތުނޑިއަކީ މުޅި ހުވަދު އަތޮޅުގެ ނަން މަޝްހޫރު “ވަރަހުއްޓާ” އެވެ. ބައެއް މޫސުންތަކުގައި މި ތުނޑީގެ އެއްފަރާތުގައި 20 ނުވަތަ 30 މީހުން ތިބޭއިރު އަނެއްފަރާތަށް ނުފެންނާނެކަމަށްވެސް ވެއެވެ. އެހާމެ ބޮޑަށް އުފުލެއެވެ. ހިމުން، ކިރު ކުލައިގެ ދޮންވެލި ގަނޑެކެވެ. ކީއްކުރާނީ ތޯއެވެ. އަދުގެ ޖީލަށް ވަރަހުއްޓާ ފެންނާނީ ފޮޓޯއަކުންނެވެ. ނޫނީ އިސްރައްވެއްސަކު ކިޔާއަޑެވެ.

ހޯނޑެއްދޫ ބިމުން މަސް ފެކްޓަރީއެއް އެޅުމުގެ ބޭނުމަށް 5.13 ހެކްޓަރުގެ ބިމެއް މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑު އެގްރިކަލްޗަރއިން 8 ޑިސެމްބަރ 2005 ގައި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓު ލިމިޓެޑު ނަމަކަށް ކިޔާ ކުންފުންޏަކަށް ވަނީ ކުއްޔަށް ދޫކޮށްފައެވެ. މި ބިމުގެ އެގްރިމެންޓު ހެދިފައި ވަނީ، އެ މިނިސްޓްރީ އާއި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓު ލިމިޓެޑާ ދެމެދުގައެވެ. ހޯނޑެއްދޫގެ ބިމުގެ 3/1 ދޫކުރެވުނު ފަހުން 15 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު މ ފެކްޓަރީއަކީ ހޯނޑެއްދޫ އާއި މަޑަވެލި ދާއިރާއާ، މުޅި އަތޮޅުގެ ވެސް އިޤުތިޞާދާ ގުޅިފައިވާ ތަނެއްކަމަށްވާއިރު، އެ ތަނުގެ ސަބަބުން އިޤުތިޞާދަށް އަދި ރައްޔިތުންނަށް ކުރާ ސީދާ ފައިދާއެއް ވެސް ނެތްކަން ހިތަމަޔާއެކު ފާހަގަކުރަމެވެ.
މަސް ފެކްޓަރީ އެޅުމުގެ މަސައްކަތަށް 15 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާއިރު، މި މަސައްކަތް ނުނިމެންވީ ސަބަބަކީ ވިލާ ހޯނޑެއްދޫ ޕްރޮޖެކްޓް ގެނަމުގައި ރާއްޖޭގެ މަހުޖަނު ޤާސިމް އިބްރާހީމްގެ ވިޔަފާރި އޮތް ހުރިހާތަނަކަށް ޑިއުޓީ ފްރީކޮށް މުދާ އެތެރެ ކުރާތީއެވެ. ޑިއުޓީ ހޯޑެއްދޫ ސައިޓަކީ މަހުޖަނުގެ މުދާ ރައްކާކުރާ ގުދަނަށް ހެދުމުންނެވެ. އަދި ސަރުކާރުތަކުން މިކަން މިހާ ފަސޭހަކޮށް ދޫކޮށްގެން ތިބޭތީއެވެ. އެހެނީ މި ކަމަކީ މުޅި ހުވަދުއަތޮޅާއި، މުޅި ރާއްޖޭގެ އިޤުތިޞާދާ ގުޅުންހުރި ބޮޑު މައްސަލައެކެވެ. މި މައްސަލައިގެ ސަބަބުން ހޯނޑެއްދޫ އާއި މުޅި ހުވަދުއަތޮޅުގެ ރައްޔިތުންނަށް ކުރަންޖެހޭ ފައިދާ އަދި މަސްވެރިކަމުގެ ދާއިރާއިން އިތުރު ކުރިއެރުމެއް ނުލިބޭކަމާއި، މިކަމުގެ ސަބަބުން ހުވަދުއަތޮޅުގެ މަސްވެރިންނަށް ލިބުނު ލުޔުއް، ފަސޭހައެއް ނެތްކަމީ ހިތާމަކުރަން ޖެހޭ ކަމެކެވެ. މިކަމުގެ ސަބަބުން މަސްވެރިންގެ ކަންބޮޑުވުން އިތުރުވެ، އެ މަސްވެރިންވަނީ އިތުރަށް މާޔޫސްވެފައެވެ.

ފެކްޓްރީއެއް ހެދުމުގެ މަސައްކަތްކުރާތީވެ ގިނަ ވަޒީފާތަކެއް އުފެދިގެން ދިޔައެވެ. ޖުމްލަ 90 ވަރަކަށް ވަޒީފާ އުފެދުނުއިރު ހޯނޑެއްދޫ ރައްޔިތުންނަށް ލިބުނީ 25 ވަރަކަށް ވަޒީފާއެވެ. ބާކީ ތިބި ވަޒީފާކޮޅު ބަހާލީމަހުޖަނުގެ އެކުވެރިންނާއި ގާތްތިމާގެ މީހުންނަށެވެ. ބީރައްޓެހިންގެ ގޮތުގައި މި ސައިޓްގައި މަހުޖަނުގެ ތިމާގެ އުމުރުން 80 އަހަރުގެ މީހަކުވެސް ވަޒީފާ އަދާކުރިޔެވެ. އެތަނުގެ މަސައްކަތް ދުވަހެއް ދުވަހަކަށް ދިޔައީ ހުއްޓެމުންނެވެ. ވަޒީފާތަކުން މުވައްޒަފުން މަދުކޮށްލީ މާލީ ތަނަވަސްކަން ހުރި ގޮތުންކަމަށްބުނެއެވެ. ކުރިން ސެކިއުރިޓީގައި 3 ޝިފްޓަށް ޝިފްޓަކު 4 މީހަކާއި ސުޕަރވައިޒަރ އެއް ހުރެއެވެ. ނަމަވެސް މިއަދު އެތަނުގައި މަސައްކަތްކުރަނީ ޖުމަލަ 12 މުވައްޒަފުންނެވެ. އެއީވެސް ކޮވިޑް19 އާ ގުޅިގެން 1000ރުފިޔާގެ މުސާރަލިބޭ 11 މުވައްޒަފަކާއި މެނޭޖަރެކެވެ. 1000 ރުފިޔާއަކީ މިހާރުގެ ތަކެތީގެ އަގަށް ބަލާނަމަ ކުޑަކުއްޖެއްގެ ނެޕީ ބޮނޑިއަކާއި ކިރުދަޅެކެވެ. މި ތަނުގައި މިހާރު އެއްވެސް މަސައްކަތެއް ނުކުރާއިރުވެސް މިދެންނެވި މުވައްޒަފުން އިޚްލާސްތެރިކަމާއެކު ޑިއުޓީ ކުރާކަން ފާހަގަކުރަމެވެ. މި މަސައްކަތްތެރީންގެ ހައްގުގައި ވަކާލާތުކުރަނީ ކޮންބައެއްތޯއެވެ. ވާނީވެސް އެހެންތާއެވެ. އެހެންމީހުން އެހެންތަންތަނުގައި ވަޒީފާ އަދާކުރީމަ އެމީހުން ތިބެނީ ފުދިގެން ކަމުގައިވާތީއެވެ. މި ސައިޓުގެ މެނޭޖަރުވެސް އެހެންނެވެ. މި ބޭފުޅާގެ މަސައްކަތަކީ އެ ސައިޓްގެ ވަށާފާރު ރާނާފައިވުމުން އެތަނުގައި ދަނޑުވެރިކަން ކުރުމެވެ. ވަޒީފާ އަދާކުރާ މުވައްޒަފަށްވުރެ ކަރާކޮޅު މުހިންމެވެ.

މިފަދަ ބޮޑު ބިމެއް ހޯނޑެއްދޫގެ އެއިރުގެ ވެރިންގެ ހުއްދަލިބިގެން ސަރުކާރުން ބަޔަކާ ހަވާލުކުރާނީ ވަރަށް ފޮނި އުންމީދުތަކާ އެކުގައިކަން ކަށަވަރެވެ. ގއ ކޫއްޑޫއަށް މަސްކިރޭވަރާއި، އެތަނުގެ ކެޕޭސިޓީ ސަރުކާރަށް އިގޭތީވެ މި ހޯނޑެއްދޫ މަސް ފެކްޓްރީ ނިމުމުން މަސްވެރިންނަށާއި އަދި ސަރުކާރަށް ލިބިގެންދާނެ ލުޔެއްކަމުގައި ސަރުކާރުން ދެކުނެވެ. ހުވަދުއަތޮޅަށް އުފެދެންޖެހޭ 450 ވަރަކަށް ވަޒީފާގައި މަހުޖަނުގެ ހިޔަނި އެޅި، ހޯނޑެއްދޫގެ ރައްޔިތުންނަށް އެރައްޔިތުންގެ ބިމުން 3/1 ގެއްލުމެވެ. މި ބިމުގެ ބަދަލުގައި އެތާގައި ރީތި ދޮންވެލި ގޮނޑުދޮށް އޮތްނަމަ އެތަނުގައި މިހާރި ލޯކަލް ޓުއަރިޒަމް ނުފެށި ނުދާނެކަން ޔަގީނެވެ. ހޯނޑެއްދޫގައި މިހާރުވެސް 17 ގެސްޓް ހައުސް ރަޖިސްޓްރީ ކުރެވިފައިވެއެވެ. ހޯދެއްދޫއަށް އެ މީހުންގެ ފުރިހަމަ ބިން މިލްކު ވާނީ ކޮން ދުވަހަކުންބާއެވެ. ސަރުކާރުންވެސް ކުރެވުނުހާ ކަމަކީ އެތަނުގެ ބިމުކުލި ސީދާ ހޯނޑެއްދޫ ކައުންސިލަށް ލިބޭގޮތްހެދުމެވެ. މިތަނުން ނުލިބިގެން މިއިޅެނީ ބިމު ކުލި އެކަނޏެއްނޫނެވެ. ވަޒީފާއާއި ރަށުގެ ކުރިއެރުމެވެ.

1 ކޮމެންޓް
މީހެއް
މެއި 10, 2021
17 ގެސްޓް ހައުސް އޭ؟؟ 100 ގެސްޓް ހައުސް އެއް ނޫންތަ؟ ދޮން ކަލޯ ޔޫޝައު. ނޫސް ވެރިކަން ކެރަ ޒިއްމާދާރުކޮޓެ.