English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުމީދޫގައި ފުލުހުން ކުރިއަށް ގެންދިޔަ ސްޕޯޓްސް ޑިޕްލޮމަސީ ޕްރޮގްރާމް ނިންމައި ބައިވެރިންނަށް ހަނދާނީ ލިޔުން ދީފިއެވެ. މެއި 25 ވަނަ ދުވަހުގެރޭ އައްޑޫ ސިޓީ ހުޅުމީދޫ ޕޮލިސް ސްޓޭޝަންގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ބައިވެރިންނަށް ސެޓްފިކެޓް ބައްސަވާ ދެއްވީ ސައުތު ޕޮލިސް ޑިވިޜަންގެ ކޮމާންޑަރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަލީ ޝަރީފްއެވެ. އައްޑޫ ސިޓީ ހުޅުމީދޫގައި މެއި މަހުގެ 15 ވަނަ ދުވަހުން ފެށިގެން 10 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ސްޕޯޓްސް ޑިޕްލޮމަސީ ޕްރޮގްރާމުގައި ވަނީ 4 ކުޅިވަރަކުން ޓްރެއިނިންގ ކޭމްޕުތަކެއް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދިޔަ ކުޅިވަރުތަކަކީ އެތުލެޓިކްސް އާއި ހޭންޑް ބޯލް އާއި ވޮލީ އަދި ފުޓްސަލްއެވެ. ހުޅުމީދޫގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި 19 ބައިވެރިއަކު ވަނީ ޕްރޮގްރާމް ފުރިހަމަކޮށް ސެޓްފިކެޓް ހާސިލްކޮށްފައެވެ. ސްޕޯޓްސް ޑިޕްލޮމަސީ ޕްރޮގްރާމަކީ ޒުވާނުންނަށް އަމާޒުކޮށްގެން ކުޅިވަރުގެ އަހުލާޤާއި ކުޅިވަރު ހުނަރުތައް ދަސްކޮށްދިނުމުގެ ގޮތުން ފުލުހުން ކުރިއަށް ގެންދާ ސިލްސިލާ ޕްރޮގްރާމެކެވެ. އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ ސްޕޯޓްސް ޑިޕްލޮމަސީ ޕްރޮގްރާމް ކުރިއަށް ގެންދިޔުމުގައި އެތްލެޓިކްސް އާއި ހޭންޑް ބޯލް އާއި ވޮލީ އަދި ފުޓްސަލް އެސޯސިއޭޝަނުން އެހީތެރިކަން ލިބިފައިވާއިރު ކުލާސްތައް ކުރިއަށް ގެންގޮސްދީފައިވަނީ ފުލުހުންގެ ތެރޭގައި މަސައްކަތްކުރާ ކޯޗުންނެވެ. ހަނދާނީ ލިޔުން ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ ކޮމާންޑަރާއި ހުޅުމީދޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ ފުލުހުންނާއި ސްޕޯޓްސް ޑިޕްލޮމަސީ ޕްރޮގްރާމުގެ ބައިވެރިން ބައިވެރިވެފައިވެއެވެ.