English Edition
Dhivehi Edition

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގަކީ ނޫސްވެރިންނަށް ގާނޫނުއަސާސީ އިންވެސް ކަށަވަރުކޮށްދީފައިވާ ހައްގެއް ކަމަށާއި ދައުލަތުގެ އެއްވެސް މުއައްސަސާއަކުން، ނޫސްވެރިކަމުގެ މިނިވަންކަމަށް އެއްވެސް މިންވަރަކަށް ހުރަސް އެޅުމަކީ، ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.

މިއަދު ފާހަގަ ކުރާ ނޫސްވެރިކަމުގެ މިނިވަން ދުވަހާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފޮނުއްވި ޚިތާބުގައި ވިދާޅުވީ މިއަދު ދިވެހި ނޫސްވެރިން ތަޖުރިބާ ކުރަނީ ރައްޔިތުންނާއި ނޫސްވެރިން މީގެކުރިން ޚިޔާލުވެސް ނުކުރާވަރުގެ މިނިވަން ނޫސްވެރިކަމެއް ކަމަށެވެ.

ނޫސްވެރިކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރުކަން ހާމަކުރައްވަމުން ރައީސް އިތުރަށް ވިދާޅުވީ ދިވެހި ނޫސްވެރިކަމަށް މިނިވަން މާހައުލެއް ފަހިކޮށްދިނުމުން ފާއިތުވި ތިން އަހަރުގެ ތެރޭގައި ދައުލަތް ހިންގުމުގެ ނިޒާމުގެ ތެރޭގައި ހުރި ނުރަނގަޅު އެތައް ކަމެއް، ނޫސްވެރިންގެ ހަބަރުތަކާއި ރިޕޯޓުތަކުގެ ޒަރީއާއިން، އާންމު ރައްޔިތުންނާ ހަމައަށް ތިލަކުރުމުގެ ސަބަބުން، އެކަންކަން އިސްލާހު ކުރުމުގެ ފުރުސަތު ދައުލަތަށް ތަނަވަސް ވެގެން ގޮސްފައިވާ ކަމަށެވެ. އަދި ނޫސްވެރިންގެ އެންމެ މަތީ ޒިންމާއެއް ކަމުގައި ހަނދަންވީ ފަނާކުރަނިވި އެންމެހައި ކަންކަމުން ރައްޔިތުން ދުރުހެލިކޮށް، ގައުމު ބިނާކޮށް އާރާސްތުކުރުމުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކުރުމަށް މަސައްކަތް ކުރުން ކަމުގައި ރައީސް ވިދާޅުވި އެވެ.އަދި ނޫސްވެރިއެއްގެ ހައިސިއްޔަތުން ލިބިފައިވާ މިނިވަންކަމުގެ ބޭނުން ހިފާއިރު، އަނެކުންނަށް ލިބިގެންވާ އަބުރު ރައްކާތެރިކުރުމުގެ ހައްގަށް ހުރުމަތްތެރިވުމަކީ، ނޫސްވެރިޔާގެ ޒިންމާއެއްކަން ހަނދާނުގައި ބަހައްޓަންވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައި ބައްޔާމެދު ރައްޔިތުން ހޭލުންތެރިކުރުމަށް ނޫސްވެރިން ކުރަާ މަސައްކަތް ފާހަގަ ކުރައްވާފައެވެ. އަދި ނޫސްވެރިކަމަކީ ވެސް ގައުމީ ހިދުމަތެއް ކަމުގައި ދެކި، ގައުމު ބިނާކުރުމުގެ ރޫހުގައި ހުރިހާ ނޫސްވެރިންވެސް މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.