English Edition
Dhivehi Edition

މާލެއިން ދަތުރުފުޅު ކުރައްވާ ބޭފުޅުން ހާލުބެލުން ވެބް ޕޯޓަލްގައި ރަޖިސްޓްރީ ނުވެ ނުވަތަ ދަތުރުކުރާ ދުވަހާއި މާބޮޑަށް ގާތްކޮށް ރަޖިސްޓްރީ ވުމުގެ ސަބަބުން ހޯމް ކަރަންޓީން ނޯޓިސްތައް ޖެހުމުގެ ދަތިތަކެއް ހުންނަކަމަށް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ޕަބްލިކް ހެލްތުގެ ފަރާތުން ފަތާތު ހަސަން ވިދާޅުވެއްޖެއެވެ.

ފަތާތު މިހެން ވިދާޅުވެފައި ވަނީ ތިނަދޫގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން މިވަގުތު ތިނަދޫގެ ޙާލަތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ރޭ ތިނަދޫ ކައުންސިލުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިވަގުތު ތިނަދޫގެ ޙާލަތާ ގުޅޭގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން ފަތާތު ވިދާޅުވީ އެކިއެކި ބޭނުންތަކުގައި މާލެ ދަތުރުފުޅު ކުރެއްވުމަށްފަހު އެނބުރި ރަށަށް އަންނަން ބޭނުންފުޅުވާ ނަމަ އެންމެ ފުރަތަމަ ކަމަކަށް މާލެ ދަތުރުކުރި ސަބަބާއިއެކު ހެލްތް އެމަރޖެންސީ އޮޕަރޭޝަންސް ސެންޓަރ (އެޗް.އީ.އޯ.ސީ) އަށް، ދަތުރުކުރައްވާ ބޭފުޅާގެ މަޢުލޫމާތާއެކު ދަތުރުކުރުމުގެ ހުއްދައަށް އެދި މެއިލް ކުރެއްވުމަށެވެ.

ދަތުރުކުރުމަށް އެޗް.އީ.އޯ.ސީ ގެ ހުއްދަ ލިބުމުން، ހާލުބެލުން ވެބް ޕޯޓަލްގައި ރަޖިސްޓްރީ ވުމަށްފަހު ހުއްދަ ލިބުނުކަމުގެ ލިޔުމާއެކު ކައުންސިލަށް ހުށަހެޅުމުން، ތިނަދޫ ކައުންސިލާއި ތިނަދޫ ޕަބްލިކް ހެލްތުން އެބޭފުޅެއް ކަރަންޓީނުގައި ހުންނަވާ ތަނަކީ އެކަށީގެންވާ ފަދަ ތަނެއްތޯ ބެއްލެވުމަށް ފަހު ރަށަށް އައުމުގެ ހުއްދަ ދެއްވާނެކަށެވެ.

އެހެންނަމަވެސް ދަތުރުކުރާ ދުވަހާއި ގާތްކޮށް މިކަންތައް ކުރިއަށްގެންދިއުމުން އެޗް.އީ.އޯ.ސީ އަށާއި ތިނަދޫ އީ.އޯ.ސީ އަށް ވެސް ދަތިތަކާއި ކުރިމަތިވާ ކަމަށް ފުތާތު ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން އެންމެންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ދަތުރުފުޅު ކުރައްވާ ބޭފުޅުން ދަތުރުކުރެއްވުމުގެ ކުރިން މިފަދަ ކަންތައްތައް ފުރިހަމަކޮށް ކައުންސިލުން ހުއްދަ ލިބިފައިވޭތޯ ކަށަވަރު ކުރުމަށްވެސް ފުތާތު ވަނީ އެދިލައްވާފައެވެ.