English Edition
Dhivehi Edition
ފޮޓޯ: މުޙައްމަދު އަޚްތަރު (ސޯޝަލް މީޑިއާ)

ވެންޓިލޭޓަރ ގައި ފަރުވާދެވޭނެ 02 އެނދު ތިނަދޫ ކޮވިޑް ފެސިލީޓައި މިވަގުތު ގާއިމްކުރެވިފައިވާ ކަމަށާއި ބޭނުން ޖެހިއްޖެ ހާލަތެއްގައި 04 އެނދުގައި ވެންޓިލޭޓަރ ގައި ފަރުވާދެވޭނެ އިންތިޒާމު ހަމަޖެއްސޭނެ ކަމަށް ގދ. ތިނަދޫ އިމަރޖަންސީ އޮޕަރޭޝަންސް ސެންޓަރުން ހާމަކޮށްފިއެވެ.

ކޮވިޑް-19 އާއި ގުޅިގެން މިވަގުތު ތިނަދޫގެ ޙާލަތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިރޭ ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ކަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރ އަދި ގދ. ތިނަދޫ ކޮވިޑް ފެސިލިޓީގެ މެނޭޖަރ ޑރ. އާޒިމް އަބްދުއް ޝުކޫރު ވިދާޅުވީ ތިނަދޫގައި ކޮވިޑް-19 އަށް ފައްސިވެފައިވާ ބަލިމީހުންނަށް ފަރުވާދިނުމަށް ބޭނުންވާ ވަސީލަތްތަކާއެކު ކޮވިޑް ފެސިލިޓީ މިހާރު ތައްޔާރުކުރެވިފައިވާ ކަމަށެވެ.

“ގާފު”ގެ ނޫސްވެރިއެއް ކަމުގައިވާ އަޙްމަދު ޝުރާއު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އާޒިމް ވިދާޅުވީ ކޮވިޑް ފެސިލިޓީގައި ޖުމްލަ 08 އެނދުގައި ކޮވިޑް-19 އަށް ފައްސިވާ ބަލިމީހުންނަށް ފަރުވާދިނުމަށް މިހާރު އެއްވެސް ދަތިކަމެއް ނުހުންނާނެ ކަމަށާއި މީގެތެރޭގައި ވެންޓިލޭޓަރ ގައި ފަރުވާދެވޭނެ 02 އެނދު މިވަގުތު ބެހެއްޓިފައި ހުރިކަމަށެވެ. އަދި ބަލީގައި ސީރިއަސް ހާލަތަށް ދާ މީހުންގެ އަދަދު ގިނަވެއްޖެ ހާލަތެއް މެދުވެރިވެއްޖެ ނަމަ 04 އެނދުގައި ވެންޓިލޭޓަރ ގައި ފަރުވާދެވޭނެ އިންތިޒާމު ހަމަޖެއްސޭނެ ކަމަށެވެ.

ގދ. ތިނަދޫގައި މިވަގުތު ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދާ އެއްވެސް ބަލިމީހެއްގެ ހާލު ސީރިއަސް ނޫން ކަމަށާއި މިވަތުގު މިމީހުންނަށް ފަރުވާދެމުން އަންނަނީ ހޯމް އައިސޮލޭޝަންގައި ބައިތިއްބައިގެން ކަމަށް ވެސް ގދ. ތިނަދޫ އިމަރޖަންސީ އޮޕަރޭޝަންސް ސެންޓަރުން ވަނީ ހާމަކޮށްފައެވެ.