ގދ. ތިނަދޫގައި މިވަގުތު ކޮވިޑް-19 އަށް ފަރުވާ ހޯދަމުންދާ އެއްވެސް ބަލިމީހެއްގެ ހާލު ސީރިއަސް ނޫން ކަމަށާއި މިވަތުގު މިމީހުންނަށް ފަރުވާދެމުން އަންނަނީ ހޯމް އައިސޮލޭޝަންގައި ބައިތިއްބައިގެން ކަމަށް ޑރ. އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލުގެ ކަށީގެ ބަލިތަކަށް ޚާއްސަ ޑޮކްޓަރ ޑރ. އާޒިމް އަބްދުއް ޝުކޫރު ވިދާޅުވެއްޖެއެވެ.
އާޒިމް މިގޮތަށް ވިދާޅުވެފައި ވަނީ ތިނަދޫގައި މިވަގުތު ހަލުވިކަމާއެކު ފެތުރެމުން އަންނަ ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން މިވަގުތު ތިނަދޫގެ ޙާލަތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް މިރޭ ތިނަދޫ ކައުންސިލުގައި ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިވަގުތު ތިނަދޫގެ ޙާލަތާ ގުޅޭ ގޮތުން އިތުރަށް ވާހަކަފުޅު ދައްކަވަމުން އާޒިމް ވިދާޅުވީ މިބައްޔަކީ ބަލިޖެހޭ މީހާ އާއި އެމީހެއްގެ ޑައިރެކްޓް ކޮންޓެކްޓްސް ދެނެގަނެވި ކުރީބައިގައި އައިސޮލޭޓް ކުރެވިއްޖެ ނަމަ ފަސޭހައިން ކޮންޓްރޯލް ކުރެވޭނެ ބައްޔެއް ކަމަށެވެ. އެހެންކަމުން ބަލި ޖެހޭ މީހުންގެ ކޮންޓެކްޓް ޓްރޭސިންގ މަސައްކަތް ކުރިއަށްގެންދާއިރު އެމީހަކު ޒިޔާރަތްކުރި ތަންތަނާއި ބައްދަލުވި މީހުންގެ ސައްޙަ މަޢުލޫމާތު ދެއްވުމަށާއި އައިސޮލޭޓް ކުރެވޭ މީހުން ގަވާއިދުތަކާއި ހިލާފު ނުވުމަށް އާޒިމް ވަނީ އެދިލައްވާފައެވެ.
ރެންޑަމް ސާމްޕަލްތައް ނެގުމަށް ފަހު ސާމްޕަލްތަކުގެ ނަތީއްޖާ ލިބުން ލަސްވަނީ މާލެ ފޮނުވައިގެން ރިޒަލްޓް ހޯދަން ޖެހޭތީ ކަމަށް ވިދާޅުވެ މިވަގުތު ރާއްޖޭގެ ހުރިހާ ހިސާބަކުން ނެގޭ ރެންޑަމް ސާމްޕަލްތަކުގެ ޓެސްޓް މާލެއިން ހެދުމަށް ލަސްވި ނަމަވެސް ރެންޑަމް ސާމްޕަލް ނެގޭ މީހުންވެސް ސާމްޕަލް ނެގުމަށްފަހު ނަތީއްޖާ ލިބެންދެން އިތުރު ފަރާތްތަކާއި ބައްދަލުނުކޮށް ގޭގައި ތިއްބެވުމަށް އާޒިމް ވަނީ ތިނަދޫ ރައްޔިތުންގެ ކިބައިން އެދިލައްވާފައެވެ.