English Edition
Dhivehi Edition
A rescue worker motions for everybody to be quiet as they are searching for people under the rubble of a collapsed building after an earthquake hit Mexico City, Mexico September 19, 2017. REUTERS/Claudia Daut

އަންގާރަ ދުވަހު 7.1 މެގްނިޓިއުޑް ބާރުމިނުގައި މެކްސިކޯއަށް އައި ބާރުގަދަ ބިންހެލުމުގައި ގިނަ ކުޑަކުދިންތަކެއް މަރުވެފައިވާކަމަށް އެޤައުމުން ހާމަކޮށްފިއެވެ. އެގޮތުން މެކްސިކޯ ސިޓީގައި ހުރި ސްކޫލެއް ބިމާ ހަމަވުމުގެ ސަބަބުން މިހާތަނަށް 25 ހަށިގަނޑު ހޯދިފައިވާއިރު އޭގެ ތެރެއިން 20 ކުދިން ފެނިފައިވާކަމަށް ޙަބަރުތައް ލިބިފައިވެއެވެ.

މި ބިންހެލުމާއި ގުޅިގެން މިހާތަނަށް 216 މީހުން މަރުވެފައިވާކަމަށް އެޤައުމުގެ އަސްކަރިއްޔާއިން ހާމަކޮށްފައިވެއެވެ. މީހުން ހޯދުމުގެ މަސައްކަތުގައި ސިފައިންގެ އިތުރުން ފުލުހުންނާއި، އަލިފާން ނިއްވާމީހުންގެ އިތުރުން އާއްމުންވެސް ގިނަ އަދަދަކަށް ހަރަކާތްތެރިވަމުން ދެއެވެ.

ބިންހެލުން އައި ސަރަޙައްދަށް ރައީސް އެންރިކިއު ވެސް ވަނީ ޒިޔާރަތްކޮށްފައެވެ. އަދި އެމަނިކުފާނު ވަނީ އެސަރަޙައްދުގެ ރައްޔިތުންނަށް ހަމްދަރުދީ ފޮނުވާފައެވެ. އޭގެ އިތުރުން މީހުން ސަލާމަތް ކުރުމުގައި ހަރަކާތްތެރިވާ އިތުރު މީހުން އެސަރަހައްދަށް ފޮނުވާނެކަމަށް ވެސް ވިދާޅުވެފައިވެއެވެ.

މެކްސިކޯ ސިޓީގެ މޭޔަރ މިގުލް އެންޖެލް މެންސެރަ ބުނެފައިވަނީ ބިންހެލުމުގެ ސަބަބުން 44 އިމާރާތަކަށް ގެއްލުން ލިބިފައިވާ ކަމަށާއި، އޭގެ ސަބަބުން އެތައްހާސް ބަޔަކު މަގުތައްމައްޗަށް ނުކުމެ ތިބުމުގެ ސަބަބުން އެހީފޯރުކޮށްދިނުމުގައި ދަތިވަމުން ދާކަމަށެވެ.

މި ބިންހެނުން އައިސްފައިވަނީ މެކްސިކޯ ސިޓީ އާއި 76 ކިލޯމީޓަ ދެކުނަށެވެ. އަދި އެއިރު ގަޑިން މެންދުރު 13:14 އެވެ. ބިންހެލުން އައި ސަރަޙައްދުގެ ގިނަ އިމާރާތްތަކަކީ މަށިއާއި ވެލި ބޭނުންކޮށްގެން ހަދާފައިވާ ތަންތަނަށްވުމުން ބިންހެލުމުގެ ސަބަބުން ވަރަށް ބޮޑަށް އެއިމާރާތްތަކަށް އަސަރުކޮށްފައި ވެއެވެ.

މި ބިންހެލުމުގެ އަސަރު 400 މޭލަށް ކޮށްފައިވާއިރު ބިންހެލުމުގެ ފަހުން އައި ލޮޅުންތައްވެސް 60 މޭލަށް އަސަރުކޮށްފައިވާ ކަމަށް ރިކޯޑް ކުރެވިފައިވެއެވެ.