ކޮވިޑް-19ގެ ދެވަނަ ރާޅެއްގައި އައު ވޭރިއަންޓެއްގެ ސަބަބުން މިހާރު ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ އިންޑިއާ އަށް އެހީވުމުގެ ގޮތުން ފްރާންސުން މިއަދުގެ ވަގުތެއްގައި މެޑިކަލް އިކުއިޕްމަންޓް ފޮނުވައިފިއެވެ.
ފްރާންސްގެ ފޮރިން މިނިސްޓްރީގެ ފަރާތުން ވާހަކަދެއްކެވި ޖޫނިއާ މިނިސްޓަރު ޖީން-ބަޕްޓިސްޓެ ލެމޮއިން ވިދާޅުވީ މިހާރު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19އާ ދެކޮޅަށް ކުރާ ހަނގުރާމައިގައި އެންމެ މުހިއްމު ކަމަކީ ގައުމުތަކުގެ މެދުގައި އެއްބައިވަންތަކަމުގެ ގުޅުން ގާއިމްކޮށް ހުރިހާ ކަމެއްގައި ފުރިހަމަ އަށް އެއްބާރުލުންދިނުން ކަމަށެވެ.
“މިއީ އެތައް ސަތޭކަ މީހުންގެ ބައިވެރިވުމާއެކު ވެވުނު އެހީއެއް. މީގެއިން ވެސް ފެނިގެންދަނީ މި ގައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެއްބައިވަންތަކަމުގެ މިސާލު،” ނޫސްވެރިންނާ ވާހަކަދައްކަމުން ލެމޮއިން ވިދާޅުވިއެވެ.
ފްރާންސުން މިއަދު އިންޑިއާ އަށް އެހީގެ ގޮތުގައި ފޮނުވި ތަކެތީގެ ތެރޭގައި؛ 8 ހައި ކެޕަސިޓީ އޮކްސިޖަން ޖެނެރޭޓަރާއި، 2،000 އެއްހާ ބަލިމީހުންނަށް ބޭނުންކުރެވޭނެ ދިޔާ އޮކްސިޖަން ސިލިންޑަރުގެ އިތުރުން 28 ވެންޓިލޭޓަރާއި އައިސިޔޫގައި ބޭނުންކުރުމަށް ހާއްސަ އާލާތްތަކެއް ހިމެނޭނެކަމަށް އެ ގައުމުން އިންޑިއާ އަށް ކަނޑައަޅާފައި ހުންނަ ސަފީރު އެމަނުއެލް ލެނައިން މި ހަފްތާގައި ކުރި ޓުވީޓެއްގައިވެއެވެ.
އެގޮތުން، ފްރާންސްގެ ކުންފުންޏެއް ކަމަށްވާ ނޮވްއެއާ އިން އުފައްދާފައިވާ މި އޮކްސިޖަން ޖެނެރޭޓަރުތަކުގެ އެހީގައި ހޮސްޕިޓަލްތަކުގައި ބޭނުންކުރުމަށްޓަކައި އޮކްސިޖަން އަމިއްލައަށް އުފެއްދުމުގެ ގާބިލްކަން ލިބިގެންދާނެ ކަމަށާއި، މީގެސަބަބުން އިންޑިއާ އަށް އޮކްސިޖަން ލިބުމުގައި ދިމާވި ދަތިތަކަށް ކޮންމެވެސް މިންވަރެއްގެ ލުޔެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނީގެ އިންޓަނޭޝަލް ޑިރެކްޓަރ ޖީން-ޕިއޭރް ބާލިއޮޒް ބުންޏެވެ.
“މިއީ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އަހަރެމެން އުފެއްދި ޖެނެރޭޓަރުތަކެއް. މިކަމުގެ ސަބަބުން އެތަކެއް ފުރާނައެއް ސަލާމަތްކުރެވޭކަމީ އަހަރެމެން ފަޚުރުވެރިވާ ކަމެއް،” ބާލިއޮޒް ބުންޏެވެ.
ބާލިއޮޒް އިތުރަށް ބުނީ ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އިންޑިއާގައި މިހުރިހާ ޖެނެރޭޓަރުތަކެއް ބޭނުންކުރެވޭނެ އިންތިޒާމްތައް ހަމަޖެހިގެންދާނެ ކަމަށެވެ.
މީގެއިތުރުން، ފްރާންސުން ފޮނުވި އެހީގެ ތަކެތީގެ ތެރޭގައި ހިމެނޭ، އޮކްސިޖަން ސިލިންޑަރުތައް މާގިނަ ދުވަހެއް ނުވެ ކަނޑުގެ މަގުން އިންޑިއާ އަށް ފޮނުވޭނެ ކަމަށާއި އެ ކޮންޓެއިނާތަކަށް އޮކްސިޖަން އެޅުމުގެ މަސައްކަތްކުރަނީ ގަތަރުގައި ހުންނަ ފްރާންސުގެ ކުންފުންޏަކުން ކަމަށް ވެސް ލެމޮއިން ވިދާޅުވިއެވެ.
މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކޮވިޑް-19ގެ އެހެން ރާޅެއްގެ ސަބަބުން ގިނަ ގައުމުތަކަކަށް ސިއްހީގޮތުން އެހީތެރިކަން ފޯރުކޮށްދޭންޖެހިފައިވާއިރު ވޭތުވެދިޔަ 10 ދުވަހުގެ ތެރެއިން ކޮންމެ ދުވަހަކު އިންޑިއާގައި އެވްރެޖްގޮތެއްގައި 3 ލައްކައެއްހާ މީހުން އެ ބައްޔަށް ޕޮޒިޓްވެފައިވެއެވެ. އަދި މިއަދު އެ ގައުމުގައި ކޮވިޑް-19ގެ ސަބަބުން މަރުވި މީހުންގެ އަދަދު 3،500 އަށްވުރެ އިތުރުވެފައިވެއެވެ. މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ އަދަދަކީ 211،853 އެވެ.