English Edition
Dhivehi Edition

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް، އައިޑީބީން ދިވެހިރާއްޖެއަށް 117 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ ފެސިލިޓީސް ދިނުމަށް ނިންމަވައިފިއެވެ. އައިޑީބީން ދިވެހިރާއްޖެއަށް 117 މިލިއަނަށްވުރެ ގިނަ ޑޮލަރުގެ ފެސިލިޓީސް ދިނުމަށް ހަމަޖެހުނީ، މިމަހުގެ 16 އިން 21 އަށް ބޭއްވި އައިޑީބީގެ އަހަރީ ބައްދަލުވުމުގެ ހަވާސާގެ ތެރެއިން، ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު އެ ބޭންކުގައި ހިމެނޭ އިންސްޓިޓިއުޓް ތަކާއެކު ބޭއްވި ބައްދަލުވުންތަކަށްފަހުއެވެ. މިގޮތުން އައިޑީބީގެ ރައީސް ޑރ.ބަންޑަރ އެމް.އެޗް ހައްޖަރު އާއިއެކު ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގައި މިހާރު ކުރިއަށްދާ މުހިންމު ޕްރޮޖެކްޓްތަކުގެ މައުލޫމާތު ހިއްސާކުރެއްވިއެވެ. މި މަޝްވަރާތަކުގައި އައިޑީބީން އެހީވާނެ ދާއިރާތަކުގެ ތެރޭގައި އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުތަކާއި ކުނި ނައްތާލުމުގެ ޕްރޮޖެކްޓުތައް ހިމެނޭކަމަށް ފިނޭންސް މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރުން އިސްލާމިކް އެފެއަރޒް މިނިސްޓްރީން ކުރިއަށްގެންދެވުމަށް ހުށަހަޅާފައިވާ މަޝްރޫޢުތަކަށް ފައިސާ އިތުރުކުރެއްވުމަށްވެސް މި މަޝްވަރާގެ ތެރެއިން ވަނީ ނިންމަވާފައެވެ. ހަމަ މިއާއެކު އައިޑީބީގެ އިންޓަރނޭޝަނަލް އިސްލާމިކް ފައިނޭންސް ކޯޕަރޭޝަންގެ ސީއީއޯ ހާނީ ސާލިމް އާއެކު ބެއްވެވި ބައްދަލުވުމުގައި ވިޔަފާރިއާއި މަސްވެރިކަމާއި އަދި ބަނދަރު ތަރައްޤީކުރެއްވުގެ މަސައްކަތްތަކަށް މިހާރު ދެއްވުމަށް ނިންމަވާފައިވާ ލޯނު އެހީގެ އަދަދު އިތުރުކުރެއްވުމަށާއި، ފައިނޭންސްއާ ގުޅޭ ފަންނީ އެހީތެރިކަން ދެއްވުމަށްވެސް ވަނީ ނިންމަވާފައެވެ. ފިނޭންސް މިނިސްޓަރުގެ މި ދަތުރުފުޅުގައި ވަނީ އިތުރު ޖަމިއްޔާތަކުގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ. މީގެ ތެރޭގައި އޮފިޑް އަދި ކުވައިތު ފަންޑްގެ ހިމެނެއެވެ.