English Edition
Dhivehi Edition

ޤައުމިއްޔަތު މަޝްރޫޢުގެ ބޭނުމަކީ ދިވެހިންގެ އަސްލުތަކަށް ޢިލްމީ ނަޒަރަކުން ބަލައި، ދިރާސާކުރުންކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ޤައުމީ ދުވަސް އަތޮޅު ފެންވަރުގައި ފާހަގަކުރުމަށް ށ. މާއުނގޫދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ ދިވެހީން އެއްބަހަކުން ވާހަކަދެއްކުމާއި، ދިވެހީންނަށް އެކި ކަންކަމުގައި ކުރެވިހުރި އެއްގޮތް ތަޖުރިބާތަކާއި، ދިވެހީންގެ ކެއިން ބުއިމުގައި ހުރި އެއްގޮތްވަންތަކަމާއި، ދިވެހީންގެ ރަށްތައް އުފެދި އެތުރިފައި އޮތް ގޮތްފަދަ ހުރިހާ ކަމަކީ ދިވެހީންނާއި ދިވެހި ޤައުމިއްޔަތުގެ ޚާއްޞަ ސިފަތައްކަމަށެވެ. އަދި ޙަޤީގަތުގައި އަޅުގަނޑުމެން ދިވެހީން ވަކިވަކި ވާންޖެހޭ، ބައިބައި ވާން ޖެހޭ ސަބަބެއް ނެތްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ތާރީޚުގައި ދިވެހިންނަށް ދިމާވި ކޮންމެ ނުރައްކަލަކުން ޤައުމު ސަލާމަތްކުރީ ކާބަފައިންގެ އެއްބައިންތަކަމާއި އެމީހުންގެ ޙިކުމަތު ޢަމަލީ މަސައްކަތުންކަމަށެވެ.

“މިއަދު ދިވެހި ޤައުމު އޮތް ގޮތަށް ބަލާއިރު، އަޅުގަނޑުމެން ފާއިތުވިތާގައި ތިބި ގޮތާ މިއަދު އަޅުގަނޑުމެން ތިބި ގޮތާ ވަރަށް ގިނަ ގޮތްގޮތުން ތަފާތުކަން ފާހަގަ ކުރެވޭ. މި ތަޖުރިބާ ސާޅީސް އަހަރުން މަތީގެ ކޮންމެ ދިވެއްސެއްގެ ވަރަށް ރަނގަޅަށް ހުންނާނެކަން އެއުމުރުގެ ކޮންމެ ދިވެއްސަކު އެއްބަސްވާނެ . ދިވެހީން އެއްބައެއްގެ ގޮތުގަ ތިބި ތިބުން، ދިވެހީން އެއް ރޫޙެއްގައި ދިވެހި ޤައުމައިގެން ކުރިއަށްދިޔަ ދިއުން، ދިވެހީން އެއް ޖޯޝެއްގައި ރަށް ބިނާކުރަން، އަތޮޅު ބިނާ ކުރަން، އަދި ޤައުމާއި ދިވެހީންގެ ރާއްޖެ ބިނާކުރަން ކުރި ހިންމަތާއި މިންނަތް، އަދި އެއިން ދިވެހީން ހޯދި ކާމިޔާބީގެ ތަޖުރިބާ ދިވެހީންގެ އެބަ ހުރި “ވަޒީރު ވިދާޅުވިއެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވަނީ މީގެ ކުރިން ދިވެހިންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި ރިވެތި އަގުހުރި ސިފަތައް އިޢާދަކުރެއްވުމަށް ކަމަށެވެ. އަދި ދިވެހިންގެ ރާއްޖެއެއް ބިނާކުރުމަށް ރައީސް ޑރ. މުޢިއްޒު ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރަމުން އަންނަނީ، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން، ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ ސަލާމަތްކޮށްދެއްވުމުގެ ޒިކުރާ އައުކުރުމުގެ ގޮތުން ކޮންމެ އަހަރަކުވެސް ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހުއެވެ.

މިއަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި މާއުނގޫދޫގެ އިތުރުން ހއ. އުތީމާއި މާލޭގައިވެސް ޖަލްސާ ބާއްވާފައިވެއެވެ.