ދިވެއްސަކަށް ވީތީ ފަޚުރުވެރިވާން ދިވެހި ދަރިންނަށް ދަސްކޮށްދޭން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. ނައިބު ރައީސް މިހެން ވިދާޅުވީ އަތޮޅު ފެންވަރުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް ށ. މާއުނގޫދޫގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ށ. މާއުނގޫދޫ ސުކޫލް ހޯލުގައި ކުރިއަށްދިޔަ މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދިވެހިބަހުން ރީތިކޮށް ވާހަކަދައްކައި ލިޔެކިޔުމަކީ ކިހާ އުފާވެރި ފަޚުރުވެރިކަމެއްކަން ވިސްނައިދިނުމަށްވެސް ބާރު އަޅުއްވަވާފައެވެ. ހަމައެއާއެކު ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ޤައުމާ މުހާތަބުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުން އިބުރަތް ހާސިލްކޮށް އެގޮތުގައި ކުރިއަށްދިއުމަށް ވެސް އެމަނިކުފާނު ބާރުއެޅުއްވިއެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މި ޤައުމުގެ މުސްތަޤްބަލަށްޓަކައި ދަރީންނަށް ޤައުމިއްޔަތު އުގަންނައިދީ އަހުލުވެރި ކުރުވުމުގައި ޒަމާނީ ވަސީލަތްތައް ބޭނުންކުރަން ޖެހޭކަމަށެވެ.
މި ސަރުކާރުން ޚާއްޞަކޮށް ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ ދިވެހީންނަށް އެންމެ އިސްކަން ދިނުމުގެ ސިޔާސަތު، ނުވަތަ “ޕްރޯ މޯލްޑިވްސް” ސިޔާސަތު ދެމެހެއްޓެވުމަށް އެމަނިކުފާނު ކުރައްވާ މަސައްކަތްޕުޅަށް އަލިއަޅުއްވާލައްވަމުން ނައިބު ރައީސް ވަނީ ރައީސުލްޖުމްހޫރިއްޔާގެ ޤައުމީ އެޖެންޑާގެ އަމާޒަކީ، ޑްރަގްގެ ވަބާއިން ޤައުމު ސަލާމަތްކުރެއްވުންކަމަށާއި، ގޭންގް ކުށްތަކާ ޤާނޫނު މުގުރުމަށް އެއްވެސް ފުރުޞަތެއް ނުދެއްވުންކަމަށް ފާހަގަ ކުރައްވަވާފައެވެ.
މީގެ އިތުރުންވެސް ޤައުމުގައި އަމާންކަމާއި ސުލްޙަމަސަލަސްކަން ޔަގީންކޮށް، ރާއްޖެއަށް އާމްދަނީ ލިބޭނެ އިތުރު ގިނަ ޞިނާޢަތްތައް ތަޢާރަފްކުރައްވައި، އަމިއްލަ ފައިމައްޗަށް ތެދުވެތިބި ފުދުންތެރި ރައްޔިތަކު ދިރިއުޅޭ ދައުލަތެއް ބިނާކުރެއްވުމަކީވެސް ރައީސުލްޖުމްހޫރިއްޔާގެ އަމާޒެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބޮޑުތަކުރުފާނު ޤައުމަށްޓަކައި ކޮށްދެއްވި އަގުހުރި މަސައްކަތްޕުޅުތައްވެސް ފާހަގަކުރައްވާފައެވެ.
“ބޮޑުތަކުރުފާނުގެ މުޅި އުމުރުފުޅު ހޭދަކުރެއްވީ ޤައުމީ ޚިދުމަތުގައި. ޖިހާދުކުރެއްވުމުގައި. ދިވެހީންގެ އަމިއްލަވަންތަކަން ކަށަވަރުކުރެއްވުމުގައި. ދިވެހި ޤައުމުގެ މުސްތަޤިއްލުކަން ވަރުގަދަކޮށް އެތައް ހާސް އަހަރަކަށް ދެމިއޮންނާނެ ބިންގާތައް މި ޤައުމުގައި އެޅުއްވުމުގައި. މިއީ ޤައުމީ ދުވަހު އަޅުގަނޑުމެން އެންމެން ފުންކޮށް ވިސްނާ ޢަމަލުކުރަންވީ ގޮތް.” ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ށ. އަތޮޅުގެ އަންހެނުން ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ތެރެއިން އެންމެ ހިންގުންތެރި ކޮމިޓީތަކަށްދޭ “މާރެސް” އެވޯޑް ހަވާލުކޮށްދެއްވާފައެވެ.