English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުދޫ މީދޫ އިން އަނެއްކާވެސް ކޮވިޑްގެ ޕޮޒިޓިވް ކޭހެއް ފެނުމާއިގުޅިގެން މޮނިޓަރިންގ އަށް ލައިފިއެވެ.

އެޗްޕީއޭއިން ހުޅުދޫ މީދޫ މޮނިޓަރިންގ އަށް ލާފައިވަނީ މާލެއިން އައްޑޫއަށް އައި ބޯޓެއްގައި ހުރި ދިވެއްސަކު ކޮވިޑަށް ޕޮޒިޓިވް ވުމާއި ގުޅިގެން އޭނާގެ ކޮންޓެކްޓުން ގިނަވާނެކަމަށް ބަލާފައެވެ.

ހުޅުމީދޫ މޮނިޓަރިންގ އަށް ލާފައިވާ ކަން އެޗް.ޕީ.އޭ އިން އަންގާފައިވަނީ މިއަދު ހަވީރު16:46ގައެވެ.

އެގޮތުން އަޅާފައިވަ ފިޔަވަޅުތަކަކީ، ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު ހެލްތް ޕްރޮޓެކްޝަން އެޖެންސީން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އެޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް ރަށް މޮނިޓަރިން އަށް ލުންކަމަށް ލިޔުމުގައި ވެއެވެ.

 

މިއަދު ހުޅުދޫ މީދޫ އިން މީހަކު ޕޮޒިޓިވް ވުމާއި ގުޅިގެން ދާދި ދެންމެ ސިއްޙީމަރުކަޒު ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްރާހިމް ދީދީ ފޭސްބުކްގައި ޝެއާކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ހުޅުދޫ އަދި މީދޫ މީހުން މަގުމައްޗަށް ނުކުންނަ އިރު މާސްކު އެޅުމަށާއި، ޒަރޫރީ ބޭނުމެއްގައި ނޫނީ ކޮންމެހެން ދާންޖެހޭ ތަންތަނަށް ނުދިޔުމަށް އެރަށުގެ އެންމެހައި މީސްތަކުންނަށް އިލްތިމާސް ކުރައްވާ ކަމަށެވެ.

މީދޫ އިން މިދިޔަ ފެބްރުއަރީ މަހު ވެސް ކޮވިޑްގެ ކޭސްތަކެއް ފެނިފައިވެއެވެ. އަދި ރަށް ލޮކްޑައުންކޮށް ކާފިއު ހިންގައި ބަލި ކޮންޓްރޯލް ކުރެވެން ދެން ވަރުގަދަ ފިޔަވަޅުތައް އަޅާފައި ވެއެވެ. އެ ފިޔަވަޅުތައް އުވައިލާފައި ވަނީ މާރިޗްމަހުގައެވެ.