ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލް އިދާރާއިން މިއަދު ކަރަންޓް ކަނޑާލުން މިއީ ޕީ.ޕީ.އެމް.ގެ ސަރުކާރުން ވެސް ނުކުރާ ފަދަ ޖެއްސުމެއް ކަމަށް ގދ. ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު ވިދާޅުވެއްޖެއެވެ.
ތިނަދޫ ކައުންސިލްގެ ރައީސް މިގޮތަށް ވިދާޅުވެފައި ވަނީ ތިނަދޫ ކައުންސިލް އިދާރާއިން 1.9 މިލިއަން ރުފިޔާގެ ބިލްތަކަށް ފައިސާ ނުދައްކާ ހުރުމާއި ގުޅިގެން މިއަދު އެ އިދާރާއިން ކަރަންޓު ކަނޑާލުމާއި ގުޅިގެން ފޭސްބުކްގައި އާންމުކުރި 300 ދިވެހި ބަހުން ލިޔެފައިވާ ސްޓޭޓަސްއެއް ނިންނާލަމުންނެވެ. މިއަދު ފެނަކަ ކޯޕަރޭޝަނުން ކައުންސިލް އިދާރާގެ ކަރަންޓް ކަނޑާލަން އައުމުން ފައިސާ މިއަދު ދައްކަން ކައުންސިލް އިދާރާއިން ބަޖެޓް ކޯޑް ބަދަލުކުރުމާއި ވައުޗަރ ތައްޔާރުކުރަމުން ދަނިކޮށް ކަރަންޓް ކަނޑާލުން މިއީ ޕީ.ޕީ.އެމް.ގެ ސަރުކާރުން ވެސް ނުކުރާ ފަދަ ޖެއްސުމެއް ކަމަށް އަމްޖަދު ވަނީ ފާހަގަކޮށްފައެވެ.
ފެނަކަ ކޯޕަރޭޝަންގެ ބިލްތަކެއް ކައުންސިލް އިދާރާގައި ނުދެއްކި ގިނަ ވާންޖެހުނީ ރަށްރަށުގެ މިސްކިތްތައް ކައުންސިލްތަކާއި ހަވާލުކުރި އިރު މިނިސްޓްރީން ނުދައްކާ ހުރި ގިނަ އަދަދެއްގެ ބިލްތަކެއް ކައުންސިލްގެ ބަޖެޓުން ދައްކަން ތިނަދޫ ކައުންސިލުން ނުފެންނާތީ ކަމަށެވެ.
އަދި 2021 ވަނަ އަހަރުގެ ބަޖެޓް ފާސްކުރި އިރު 2020 ވަނަ އަހަރު ކޮވިޑް-19ގެ ބަލިމަޑުކަމާއި ގުޅިގެން ފިނޭންސް މިނިސްޓްރީން 15 މިލިއަން ރުފިޔާ ހޯލްޑް ކުރުމުން ނުދެއްކި ހުރި ބިލްތަކަށް ފައިސާ ދައްކާ ހަލާސް ކުރެވޭނެ ވަރަށް ހިމަނާފައިވާ ނަމަވެސް 2018 އަދި 2019 ވަނަ އަހަރުގެ ބައެއް ބިލް ދައްކަން ވިސްނާފައި ނުވާކަމަށް އަމްޖަދު ވަނީ ފާހަގަކޮށްފައެވެ.
ގދ. ތިނަދޫގައި ގާއިމްކުރެވިފައިވާ 120 ފްލެޓްގެ މެއިންޓެނަންސް ފައިސާގެ ގޮތުގައި ލިބެންޖެހޭ ފައިސާ ޖަމާވެފައި ވަނީ މިއަހަރުގެ މާރިޗް މަހުގައި ކަމަށް ފާހަގަކޮށް އެ ފްލެޓްތަކުގެ ސިޑިތަކުގެ ކަރަންޓް ބިލްތައް ނުދައްކާ ހުރީ މެއިންޓެނަންސް ފައިސާ ކައުންސިލްގެ އެކައުންޓަށް މިނިސްޓްރީން ޖަމާކޮށްފައި ނެތުމުގެ އިތުރުން ފްލެޓްތަކުގެ ކޮމަން އޭރިއާ ފޮޅާ ސާފުކުރާ މީހުންނާއި މެއިންޓެނަންސް އަށް ބަހައްޓާފައި ހުންނަ ބިދޭސީ މީހާ އަކީވެސް ކައުންސިލުން ޚަރަދު ކުރަމުންދާ މީހުންނަށް ވާތީ ކަމަށް ވެސް އަމްޖަދު ވަނީ ވިދާޅުވެފައެވެ.
ކައުންސިލްގެ ބަޖެޓަކީ ތިޖޫރީގައި ހުންނަ އެއްޗެއް ނޫން ކަމަށާއި ފިނޭންސް މިނިސްޓްރީން ރިލީޒް ކުރާ މިންވަރަކުން ކައުންސިލުން އެފައިސާގެ ބޭނުން ހިފާ އެއްޗެއް ކަމަށް އަމްޖަދުގެ ސްޓޭޓަސްގައި ވަނީ ފާހަގަކޮށްފައެވެ.