English Edition
Dhivehi Edition

އިންޑިއާގެ ބޮކަރޯ އަވަށުގެ ޓީޗަރެއްކަމަށްވާ ޑެވެންޑްރާ އޭނަގެ އެކުވެރިޔާ އަށް ކޮވިޑްޖެހި އޮކްސިޖަން ނުލިބުމުން ނޮޑިއާއަށް ދިއުމަށް އޮކްސިޖަން ފުޅި ހިފައިގެން 1400ކިލޯމީޓަރުގެ ދަތުރެއް ކޮށްފިއެވެ.

ޑެވެންޑްރާ ބުނީ، ނޮޑިއާ އަވަށުގައި ދިރި އުޅޭ އޭނަގެ އުމުރުން 38 އަހަރުގެ އެކުވެރިޔާ އެކަނި ގޭގައި ދިރިއުޅެނިކޮށް ކޮވިޑްޖެހި އޭނައަށް ފަރުވާ ލިބުނުނަމަވެސް އޮކްސިޖަން ފުޅިއެއް ލިބޭގޮތް ނުވުމުން ހާލުދެރަވަމުން ދިޔަކަމަށެވެ.

އެކުވެރިޔާގެ ހާލަތު އެނގުމާއެކު ޑެވެންޑްރާ އޭނަގެ ގޭގައި ހުރި ހުސްވެފައިވާ އޮކްސިޖަން ފުޅިހިފައިގެން އެކި ހިސާބުތަކަށް ގޮސް އާދޭސްކޮށް އެފުޅި ރިފިލްކުރަން 10000ރުޕީސް ހޭދަކޮށް ފައިވެއެވެ. އޭނާބުނީ، ސިލިންޑަރ ރިފިލްކުރަން ދުއްވި ދުއްވުމުގައި ދެފަހަރަކު ފުލުހުން އޭނާ މަގުމަތިން ހިފެހެއްޓިކަމަށެވެ. ނަމަވެސް ވެގެން އުޅޭގޮތް ކިޔައިދިނުމުން ދޫކޮށްލީކަމަށެވެ.

އިންޑިއާއަށް އޮކްސިިޖަނަށް ބޭނުންވެފައިވާ މިދަނޑިވަޅުގައި ކަޅުބާޒާރުގައި އޮކްސިޖަން ވިއްކަމުންދާތީ އެކަން ކުށްވެރިކޮށް ފުލުހުންވަނީ އެއަމަލު ހިންގާމީހުން ހައްޔަރުވެސް ކޮށްފައެވެ.

ޑެވެންޑްރާ 24ގަޑިއިރުގެ މި ދަތުރު އޭނަގެ ކާރުގައި ހޭދަކުރުމަށްފަހު އެކުވެރިޔާ އަށް އޮކްސިޖަންފޯރުކޮށްދިނެވެ. އަދި އޭނާ ބުނެފައިވަނީ އެކުވެރިޔާ ބަލިން އެއްކޮށް ރަނގަޅުވަންދެން އޭނަގެ ގޭގައި މަޑުކުރާނެކަމަށެވެ. އިތުރަށް ޑެވެންޑްރާ ބުނީ މިހާރު މަޑުމަޑުން އެކުވެރިޔާގެ ހާލު ރަނގަޅުވަމުން އަންނަކަމަށެވެ.

އިންޑިއާގައި ކޮވިޑްގެ ހާލަތު ގޯސް މުޅި ދުނިޔެއިން އެންމެ ގިނަ މީހުން ޕޮޒިޓިވްވެގެން ރިޕޯޓުކުރާ ގައުމަކަށް އެގައުމު ވެގެންގޮސްފައިވާއިރު، އޮކްސިޖަން ލިބުމުގެ ދަތިތަކާއި، ސިއްހީ ނިޒާމަށް އޮބިނޯންނަ ވަރަށް ކޭސްތައް އިތުރުވެ އެ ގައުމުގައި ކޮވިޑު ޖެހިގެން މަރުވާ މީހުންގެ އަދަދުތައްވެސް ދަނީ އިތުރުވަމުންނެވެ.

އިންޑިއާގެ ސިއްޙީ ވުޒާރާއިން ހާމަކުރާގޮތުގައި އެގައުމުގައި ދުވާލެއްގެ މައްޗަށް 3 ލައްކައަށްވުރެ ގިނަ ޕޮޒިޓިވްކޭސް ރިޕޯރޓްކުރެއެވެ.