އައްޑޫ ސިޓީގައި ފުޓުބޯޅަ ޓްރެއިނިންގ ސްކޫލެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފް.އޭ.އެމް) އިން ބުނެފިއެވެ.
އިއްޔެ އެފް.އޭ.އެމް އިން އައްޑޫ ސިޓީ ކައުންސިލާއި އެކު ބޭއްވި ބައްދަލުވުމުގައި، އެފް.އޭ.އެމް އިން ވަނީ އައްޑޫ ސިޓީގައި އެ އެސޯސިއޭޝަން ހިންގާ ހަރަކާތްތަކާއި ބެހޭ ގޮތުން މަޝްވަރާކޮށްފައެވެ. މި ގޮތުން އެފް.އޭ.އެމް ވަނީ އައްޑޫ ސިޓީގައި ފުޓުބޯޅަ ޓްރެއިނިންގ ސްކޫލެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާކަން ހާމަކޮށްފައެވެ.
މީގެ އިތުރުން އައްޑޫ ސިޓީ ހިތަދޫ ޓާފު ދަނޑު (މައިލޯ ދަނޑު) ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތު އަންނަ މެއި މަހުގެ 20 ވަނަ ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. އަދި ހަމަ އެ ދުވަހު ސްކޫލް ކުދިންނަށް ޚާއްޞަކޮށްގެން ހިންގާ ފުޓުބޯޅަ ޙަރަކާތެއް އިފްތިތާޙުކުރުމުގެ ރަސްމިއްޔާތުވެސް އެ ދަނޑުގައި ބާއްވަން ރާވަފައިވާ ކަމުގައި އެފް.އޭ.އެމް އިންވަނީ ބުނެފައެވެ.
އެފް.އޭ.އެމްގެ ފަރާތުން އެ އެސޯސިއޭޝަންގެ ޖެނެރަލް ސެކްރެޓަރީ، ޙުސައިން ޖަވާޒު އަދި ޓެކްނިކަލް ޑިރެކްޓަރ، އަޙުމަދު ޝަރީފް ބައިވެރިވި މި ބައްދަލުވުމުގައި އައްޑޫ ސިޓީ ކައުންސިލުން ވަނީ އައްޑޫގައި ބާއްވާ ކުޅިވަރު ޙަރަކާތްތަކަށް އެފް.އޭ.އެމް އިން ފޯރުކޮށްދެއްވާ އެހީތެރިކަން ފާހަގަކޮށްފައެވެ. މިގޮތުން މި އަހަރު ނިމިގެންދިޔަ އައްޑޫ ފުޓުބޯޅަ ޗެމްޕިއަންޝިޕް 2020 މުބާރާތްވެސް ކާމިޔާބުކަމާއެކު ނިންމާލުމުގައި އެފް.އޭ.އެމް އިން ދެއްވި އެއްބާރުލެއްވުން ފާހަގަކޮށް މޭޔަރ ވަނީ އެ އެސޯސިއޭޝަނަށް ޝުކުރު އަދާކޮށްފައެވެ.