English Edition
Dhivehi Edition

އިރާނާއި ދުނިޔޭގެ 6 ބާރާ ދެމެދު ވެވިފައި އޮތް ނިއުކްލިއާ އެއްބަސް ވުމާ މެދު އަލުން މަޝްވާރާ ނުކުރެވޭނެ ކަމަށް އެގައުމުގެ ރައީސް ހަސަން ރޫޙާނީ ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު އިރާންގެ ރައީސް މިފަދައިން ވިދާޅު ވެފައިވާއިރު އެމެރިކާގެ ރައީސް ވަނީ މި އެއްބަސް ވުމަކީ ‘ލަދު ގަންނަވަރުގެ’ އެއްބަސް ވުމެއް ކަމަށް ވިދާޅުވެެފައެވެ. ޓްރަމްޕްވަނީ މިއެއްބަސް ވުމަކީ ވަކި ފަރާތަކަށް ބުރަވެފައިވާ ވިޔަފާރި އެއްބަސްވުމެއް ގޮތުގައި ސިފަކުރައްވާފައެވެ. އަދި މިއީ އެމެރިކާއިން ބައިވެރިވި އެންމެ ގޯސް އެއްބަސް ވުން ކަމަށް ބުނެފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި އެއްބަސްވުމާ މެދު ސުވާލު އުފައްދާފައިވާ އިރު ބުދަ ދުވަހު ބޭއްވި އ.ދ ގެ އާންމު ބައްދަލުވުމުގައި އިރާނުގެ ރާއީސް ވިދާޅުވެފައި ވަނީ އިރާނުން މި އެއްބަސްވުމާ ޙިލާފްވާ ފުރަތަމަ ގައުމަށް ނުވާނެ ކަމަށެވެ.

އިރާނާއި ދުނިޔޭގެ 6 ބާރާއެކު 2015 ވަނަ އަހަރު ވެވުނު ނިއުކްލިއާރ އެއްބަސްވުމުގެ ދަށުން އެގައުމުން، އެގައުމުގެ ނިއުކްލިއާރ ޕްރޮގްރާމް މަޑުޖައްސާލާނެއެވެ. އޭގެ ބަދަލުގައި އިރާނާ ދެކޮޅަށް އަޅާފައިވާ އިގްތިސާދީ ދަތި ކުރުންތައް އުފުލަން ވަނީ އެއްބަސް ވެފައެވެ. އޭރު އިރާނު އޮތީ އިގްތިސާދީ އަނދަވަޅަކަށް ވެއްޓިފައެވެ.

އެމެރިކާގެ ރައީސް ވަނީ އެނާ އެއްބަސް ވުމާ މެދު އެމެރިކާއިން އަމަލު ކުރާނެ ގޮތެއް ނިންމާފައިވާކަމަށް ބުނެފައެވެ. ނަމަވެސް އެއީ ކޮންގޮތެެއް ކަމެއް ވިދާޅުވެފައެއްނުވެއެވެ.