English Edition
Dhivehi Edition

މަޑަވެލީ ރިކްރިއޭޝަން އެންޑް ސްޕޯރޓްސް އާއި ކާއްޑޭ ސްޕޯރޓްސް އެކެޑަމީ އިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ “ރޮނާ ކަޕް 2021” ފުޓްސަލް މުބާރާތް މާދަމާ ރޭ ފަށާނެއެވެ.

ހުވަދުއަތޮޅަށް ނިސްބަތްވާ ފުޓްބޯޅަ ކުޅުންތެރިން މިހާރަކަށް އައިސް މަދުވެފައި ވުމާއެކު އެ އަތޮޅުގައި ފުޓްބޯޅަ ކުޅުންތެރިން ބިނާކުރުމުގެ މަގްސަދުގައި، މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އާދަމް ލަރީފް (ރޮނާ) އިސްނަންގަވައިގެން ކުރިއަށްގެންދާ “ރޮނާ ކަޕް” ފުޓްސަލް މުބާރާތް މާދަމާ ރޭ ފެށުމަށް ހަމަޖެހިފައިވާއިރު މި މުބާރާތްތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައި ވަނީ މަޑަވެލީ ފުޓްސަލް ދަނޑުގައެވެ.

މިމުބާރާތާއި ބެހޭގޮތުން ވާހަކަފުޅު ދައްކަމުން ރޮނާ ވިދާޅުވީ 16 އަހަރުން ދަށުގެ 02 ކުޅުންތެރިން ޓީމް ލިސްޓުގައި ހިމަނާގޮތަށް ޓީމްތަކަށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވުނު މިމުބާރާތުގައި ގދ. މަޑަވެލި، ގދ. ހޯނޑެއްދޫގެ އިތުރުން ގދ. ތިނަދޫގެ ޓީމްތަކުންވެސް ބައިވެރިވެފައިވާ ކަމަށެވެ. އެހެންނަމަވެސް ގދ. ތިނަދޫ މިވަގުތު މޮނިޓަރިންގ ހާލަތަކަށް ގެނެސް އެރަށް އަރާ ފޭބުން މަނާކޮށްފައި ވުމާއި އެކު އެ ރަށުން ބައިވެރިވި ތިން ޓީމް ނުހިމަނާ މުބާރާތް ކުރިއަށްގެންދާނީ ޖުމްލަ ފަސް ޓީމާއެކުގައެވެ.

ލީގް އުސޫލުން ކުޅުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ފައިނަލަށް ހޮވޭ ޓީމުތައް ހޮވުމަށް ހަމަޖެހިފައި ވަނީ ސެމީ ފައިނަލް ދެ މެޗަށް ފަހުގައެވެ. މުބާރާތުގެ ޗެންޕިއަންކަން ހޯދާ ޓީމަށް 5،000 ރުފިޔާ އަދި ދެވަނަ އަށް ހޮވޭ ޓީމަކަށް 15،00 ރުފިޔާގެ ފައިސާގެ އިނާނެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.