ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް ރޭންްކް ގައި 72 ވަނަ އަށް ދިވެހިރާއްޖެއަރައިފިއެވެ. 2020 ވަނަ އަހަރު ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް ރޭންްކް ގައި ދިވެހިރާއްޖެ 79 ވަނައިގައި އޮތް އިރު މިއަހަރު މިވަނީ 7 ދަރަޖަ ކުރިއަށް ގޮސްފައެވެ. މިކަމާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެއަށް މިލިބުނު ބޮޑު ކާމިޔާބީ އަށް ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމަށާއި އެގޮތުން ނޫސްވެރިކަމުގެ މިނިވަން ކަމުގައި ރާއްޖެެއަށް މިލިބުނު ކުރިއެރުމަކީ ނޫސްވެރިންނަށް މިނިވަން ކަމާއި ރައްކާތެރިކަމާއެކު މަސައްކަތް ކުރެވޭނެ މާހައުލެއް ޤާއިމް ކޮށްދެއްވުމަށް ކުރެވޭ މަސައްކަތަށް ލިބުނު ކުރިއެރުމެއް ކަމަށް ސިފަކުރައްވާފައިވެއެވެ.
2013 ވަނަ އަހަރު ވޯލްޑް ޕްރެސް ފްރީޑަމް އިންޑެކްސް ރޭންްކްގައި ދިވެހިރާއްޖެ އޮތީ 103 ވަނައިގައެވެ. 2013 ވަނަ އަހަރު ރައީސް ޔާމިން ވެރިކަމާއި ހަވާލުވެވަޑައިގެންނެވިފަހުން 103 ގައި އޮތް ރޭންކް 2018 ވަނަ އަހަރާއި ހަމައަށް 17 ދަރަޖަ ދަށައް ގޮސްފައިވެއެވެ. ރައީސް ޔާމިންގެ ވެރިކަމުގައި ދަރަޖަ ދަށަށް ގޮސްފައިވަނީ އޭރު ރައްޔިތުންގެ މަޖްލީހުގެ މެޖޯރިޓީ ބޭނުން ކޮށްގެން ބޭނުން ގޮތަކަށް ޤާނޫންތައް ހަދައި އެކި މުޢައްޞަސާތަކުގެ ޢަމަލު އޭރު ހުރިގޮތުން ކަމަށްގިނަ ބަޔަކު ދެކެއެވެ. .މިކަންތައްތަކާއި ހެދި ރައީސް ޔާމިންގެ ފަސް އަހަރުވެސް ދިޔައީ ޕްރެސް ފްރީޑަމް އިންޑެކްސް ރޭންްކްއިން ރާއްޖެދަށަށެވެ.
ރައީސް ޔާމިންގެ ވެރިކަމުގައި އަބުރާއި ބެހުން ޖިނާއީ ކުށަކަށް ހަދާ 2016 ވަނަ އަހަރު ފާސްކުރި އަބުރު ރައްކާތެރި ކުރުމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ގާނޫނަކީ ނޫސްވެރިކަމުގެ މިނިވަންކަން ގެއްލެން ދިމާވި މައިގަނޑު ސަބަބު ކަމުގައި އާރުއެސްއެފް ޖަމިއްޔާއިން ފާހަގަ ކޮއްފައިވެއެވެ. މީގެ އިތުރުން ޔާމިންގެ ވެރިކަމުގައި މި ގާނޫނު ބޭނުންކޮށްގެން ރާއްޖޭގެ މީޑިއާތަކާއި ނޫސްވެރިންގެ މައްޗަށް އެތައް ދައުވާއެއް ކުރުމާއި،ރައީސް ޔާމީނުގެ ވެރިކަމުގައި ރާއްޖެޓީވީގެ ނޫސްވެރިންގެ މައްޗަށް ޖިނާއީ ދައުވާކޮށް، ރާއްޖެޓީވީގެ މައްޗަށް އަބުރުގެ ދައުވާކޮށް ހަތަރު ފަހަރެއްގެ މަތިން 3.7 މިލިއަން ރުފިޔާއިން ޖޫރިމައިނާ ކުރުމާއި އެންމެ ގިނަ ދުވަސްވީ ނޫސް “ހަވީރު” ހުއްޓާލަންޖެހުމާއި، ނޫސްވެރިޔާ މުހައްމަދު ރިލުވާން އަބްދުﷲ ގެއްލުވާލުމުގެ ޙާދިސާގެ އިތުރުން ރަހުމު ކުޑަ ގޮތަކަށް މަރާލާފައިވާ ބްލޮގަރ ޔާމީން ރަޝީދު މަރާލުމުގެ ހާދިސާއަކީވެސް ދިވެހިރާއްޖޭގެ ޕްރެސް ފްރީޑަމް އިންޑެކްސް ރޭންްކް ދަށަށް ދާން މެދުވެރިވި ސަބަބު ތަކެއް ކަމަށްބެލެވެއެވެ.
އާރުއެސްއެފް އިން ފާހަގަ ކޮށްފައިވާ ގޮތުގައި އިބްރާހިމް މުހައްމަދު ސޯލިޙް ވެރިކަމާއި ހަވާލުވެވަޑައިގެން އަބުރުގެ ޤާނޫނު އުވާލުމަކީ ދިވެހިރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް ކުރިއެރުންތަކެއް ލިބުނު ކަމެކެވެ.