English Edition
Dhivehi Edition

މިއަހަރު އޮގަސްޓުމަހު ފެށޭ ދިރާސީ އާ އަހަރުގެ އެކަޑަމިކް ކަލަންޑަރ އެޑިއުކޭޝަން މިނިސްޓްރީން މިއަދު ނެރެފިއެވެ.

ކޮންމެ އަހަރަކުވެސް އެޑިއުކޭޝަން މިނިސްޓްރީން ނެރެމުން އަންނަ އެކަޑަމިކް ކަލަންޑަރުގައި ވާގޮތުން މިއަހަރު އެކަޑަމިކް އަހަރު ފެށިގެން މިދަނީ އެހެން އަހަރުތަކާ ޚިލާފަށް އަހަރުގެ މެދުތެރެއިންނެވެ. ކޮންމެ އަހަރަކު ޖެނުއަރީމަހުގައި ދިރާސީ އާއަހަރު ފެށިގެންދާއިރު މިއަހަރު ދިރާސީ އާއަހަރު ފެށޭނީ އޮގަސްޓް މަހުގައެވެ. މިބަދަލުތައް ގެންނަން އެޑިއުކޭޝަން މިނސްޓްރީން ނިންމީ ދުނިޔޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ނުރައްކާތެރި ކޮވިޑް-19 ގެ ސަބަބުން ކުދިންގެ ކިޔެވުމަށް އޭގެ އަސަރުކޮށްފައިވަތީއެވެ.

މިއަހަރުން ފެށިގެން ދެން ކޮންމެ އަހަރަކުވެސް ދިރާސީ އާއަހަރު ފެށޭނީ އޮގަސްޓުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ނިންމާފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާއްމުކޮށްފައިވާ ތާވަލުގައި ބަޔާންކޮށްފައިވާ ގޮތުން ދިރާސީ އާ އަހަރު ފެށުމަށް ފަހު އެންމެ ފުރަތަމަ މިޑްޓާމް ބަންދެއް ލިބޭނީ އޮކްޓޯބަރުން 17 އިން ފެށިގެން އޮކްޓޯބަރު 21 އަށެވެ. އަހަރުގެ ފުރަތަމަ ޓާމުގެ ޓެސްޓަށްފަހު ޑިސެމްބަރު 23، 2021 ގައި ސްކޫލުތައް ބަންދުވާނެ އެވެ.

ދެ ވަނަ ޓާމުގެ ކިޔެވުން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ 16 ގަ އެވެ. އޭޕްރީލް މަހުގެ ފުރަތަމަ ހަފުތާގައި މިޑްޓާމަށް ސްކޫލުތައް ބަންދުވާނެ އެވެ. އެއަށްފަހު އަންނަ އަހަރުގެ ޖޫން 30 ގައި ދެ ވަނަ ޓާމަށް ބަންދުވާނެ އެވެ. މަސް ދުވަހުގެ ޗުއްޓީއަކަށްފަހު އަންނަ އަހަރުގެ ދިރާސީ އާ އަހަރުގެ ކިޔެވުން ފަށާނީ އޮގަސްޓް 7، 2022 ގަ އެވެ.

އެޑިއުކޭޝަން މިނިސްޓަރ ޑރ.އައިޝަތު އަލީ ވިދާޅުވާ ގޮތުގައި ދުނިޔޭގެ ގިނަ ގައުުމުތަކުގައި ދިރާސީ އާއަހަރު ފެށެނީ އޮގަސްޓުގައެވެ. އެހެންކަމުން ރާއްޖޭގައިވެސް އެގޮތަށް ބަދަލުތައް ގެނައުމުން ކުދިންނަށް ވަރަށް ބޮޑު ފައިދާއެއް ކުރާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.