English Edition
Dhivehi Edition

“އޭއޯ ރޯދައިގެބަދިގެ” މި ސެގްމެންޓްގައި މިއަދު ގެނެސްދެނީ ވަރަށް ފަސޭހައިން ތައްޔާރު ކޮށްލެވޭ ސްޕޮންޖް ކޭކެއް ތައްޔާރުކުރާނެ ގޮތުގެ ރެސިޕީއެވެ. ރޯދަ ވީއްލުމަށް ސުފުރާމަތީގައި ފޮނިއެއްޗެއް ހިމެނުމަކީ އެންމެން ވެސް ވަރަށް އިސްކަންދޭ ކަމެކެވެ. އެހެން ކަމުން މިއަދު މިގެނެސްދޭ ކޭކް އަކީ ރޯދަވީއްލާގަޑީގައި ނޫނީ ފަހުންވެސް ކާލަން މީރުވާނެ ކޭކެއް ކަމަށް އުންމީދުކުރަމެވެ.

ބޭނުންވާތަކެތި:

4 ބިސް

3/4 ޖޯޑު ކޯންފްލާ (ޒުވާރިފުށް)

2 ޖޯޑު ސެލްފް ރައިޒިން ފްލާ (ސެލްފްރައިޒިންގ ފްލާގޭގައި ތައްޔާރު ކުރާނީ 2 ޖޯޑު ގޮދަން ފުށަށް 2 ސަމްސާ ބޭކިނގް ޕައުޑަރ އެޅުމަށްފަހު ރަނގަޅަށް މިކްސް ކޮށްގެން)

1 ޖޯޑު ހަކުރު

ތައްޔާރު ކުރާނެގޮތް:

އަވަނުގެ ރެކް މެދައްޖައްސާފައި 180 ޑިގްރީއަށް ޕްރީހީޓް ކޮށްލާށެވެ. 20 ސެންޓިމީޓަރގެ ދެ ޓްރޭނަގާފައި ތެޔޮކޮޅެއް ހާކާފައި ޓްރޭގެ އެތެރޭގައި ކަރުދާސްކޮޅެއް އަޅާލާށެވެ. ބޮޑު ބޯތައްޓެއް ނަގާފައި ހަކުރާއި ބިސް އަޅުމަށްފަހު ހޭންޑް މިކްސަރުން ރަނގަޅަށް އޮލަވަންދެން 10 މިނެޓް ވަންދެން ގިރާލާށެވެ. މަޑުމަޑުން، ގިރާފައި ހުރި ހަކުރާއި ބިސް މިކްސްޗަރގެ ތެރެއަށް ފުށް އަޅަމުން ދޭފަތުން އެއްކުރަމުން ދާށެވެ. ގޮށް ނުލާހެން ރަނގަޅަށް މިކްސް ކުރުމަށްފަހު ތައްޔާރު ކޮށްފައި ހުރި ދެ ޓްރޭއަށް އެއްވަރަކަށް ފުށްގަނޑު އަޅާލާށެވެ. ދެން އަވަނަށްލައި 20 މިނެޓްވަންދެން ނޫނީ ރަނގަޅަށް ކޭކް ފިހެންދެން ފިހެލާށެވެ.

ކޭކް ފިހެވުމުން ޓްރޭއިން ނަގާފައި ކަރުދާސްކޮޅު ނައްޓާފައި ބޯޑުމަތީ ބޭއްވުމަށްފަހު ވިޕިންގް ކްރީމް ނޫނީ ބޭނުން ޓޮޕިނގް އެއް ބޭނުންކޮށްގެން ކޭކް ޑެކަރޭޓް ކުރުމަށްފަހު ސާރވް ކުރާށެވެ.