English Edition
Dhivehi Edition
މިއަދު ކުރިއަށް ދާ އިންތިޚާބުގައި ރައީސް ޞޯލިޙް ވޯޓު ލައްވަވަނީ: ފޮޓޯ އެމްވީކްރައިސިސް

މިއީ ރާއްޖޭގެ ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އަންނާނެ މުހިންމު އިންތިޚާބެއްކަމަށާ، ވީހާވެސް ގިނަބަޔަކު ނުކުމެ ވޯޓުލުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި ވޯޓު ލެއްވެވުމަށް ފަހު ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ލާމަރުކަޒީ ނިޒާމަށް މިހާރު ގާނޫނީ ގޮތުން އޮތީ ބޮޑެތި ބަދަލުތަކެއް ގެނެސްފައި ކަމަށާއި އެ ނިޒާމު ރަށްރަށަށް ގެނައުމަށް ޓަކައި ވޯޓު ލުމުގެ ފުރުސަތުގެ ބޭނުން ހިފުމަށް އެދިލައްވަވާ ކަމަށެވެ.

“މި ދަނޑިވަޅަކީ ވަރަށް ދަތި ދަނޑިވަޅަކަށް ވާތީ ވޯޓު ލާ މީހުންގެ އަދަދު މަދުވުމަކީ މި ވަގުތު އެކަށީގެންވާ ކަމެއް .އެކަމަކު އަޅުގަނޑަށް ހީވަނީ މެންދުރު ފަހު ރަނގަޅުވާނެހެން” ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވޯޓުލެއްވީ ޖަމާލުއްދީން ސްކޫލުގައި ހުރި ވޯޓުފޮށްޓަށެވެ. އެއީ ޅ.އަތޮޅުގެ ދާއިރާތަކުގެ ރައްޔިތުން ވޯޓުލުމަށް މާލޭގައި ވޯޓު ފޮށިތައް ބަހައްޓާފައިވާ މަރުކަޒެވެ.

މިއަދު ހެނދުނު 7:00އިން ފެށިގެން ވޯޓުލުންވަނީ ފަށާފައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައާއި ރިސޯޓްތަކާއި ސިނާއީ މަސައްކަތް ހިނގާ ރަށްރަށުގައި ވޯޓުލުމުގެ އިންތިޒާމުވަނީ ހަމަޖައްސަވާފައެވެ. ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާފައިވަނީ އިންޑިއާއާއި ސްރީ ލަންކާގައެވެ. މިއީ ނިސްބަތުން ގިނަ ޢަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ދެޤައުމެވެ.

މި އިންތިޚާބުގައި 982 މެންބަރުން ލޯކަލް ކައުންސިލްތަކަށް އިންތިޚާބުކުރަން ހަމަޖެހިފައިވެއެވެ. އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށް 930 މެންބަރުން އިންތިޚާބު ކުރާނެއެވެ.