މިއަހަރުގެ ރަމަޟާން މަސް ދިވެހިންނާއި މި ބައްދަލުކުރަނީ ވަރަށް ތަފާތު ގޮތަކަށެވެ. ޒަމާނުއްސުރެން ދިވެހިން ގެންގުޅުނު އާދަކާދައާއި ފުށުއަރާފަދަ ގޮތަކަށެވެ. ރަމަޟާން މަހަށް ތިން ހަތަރު ދުވަހަށް ވެފައިވާއިރު ވެސް ގިނަ ބަޔަކަށް އަދި އެކަމަށް ވިސްނާލާނެ ފުރުސަތެއް ނުލިބެއެވެ. ސައުވީސް ގަޑިއިރު ބިޒީވެފައިވަނީ ބޯމަތިވެފައި އޮތް އިންތިޚާބާއެވެ. ކެމްޕޭނު ކުރުމާއި ތިމާ ސަޕޯޓްކުރާ ޓީމު މޮޅުވުމަށް މަސައްކަތް ކޮށްދިނުމާއި ވޯޓާ ބެހޭ އެންމެހާ ކަންކަމުގައެވެ. ރަމަޟާން މަސް އަންނައިރު ގޭގައި ކުރަން އެތަކެއް ކަމެއް ފުނިޖެހިފައި ހުރިކަން އެނގި އެކަމާ ހެދި ސިކުނޑި ބުރަވެފައިވާ ޙާލުގައެވެ.
އެންމެ އެވޭލާ ޒަމާނުއްސުރެން ރަމަޟާން މަހާއި ގުޅުވައިގެން ދިވެހިން ގެ ގިނަ އާދަކާދަތަކެއް ފާހަގަ ކުރެވެން އެބަހުއްޓެވެ. ރޯދައަށް މޫދަށް ދިއުމާއި ދިރިއުޅޭ ގެއާއި ގޯތި ސާފުކުރުމާއި ގެންގުޅޭ ތަކެތި ސާފުކުރުމުގެ އިތުރުން މާހެފުން ފަދަ ފޯރިއެވެ. މިއީވެސް ހަމަ ކުރަން އެންމެ ރަނގަޅު ކަންތައްތަކެއްކަން ޔަގީނެވެ. ނަމަވެސް ރަމަޟާން މަހަކީ މުޅި އަހަރުތެރޭގައި ކުރެވޭ ކުށްފާފަ ތަކުން ނަފްސު ތާހިރު ކުރަން ލިބިގެންދާ އަގުހުރި ވަގުތު ތަކެއް ކަމަށްވާއިރު އެ މަހަށް ތައްޔާރުވުމުގައި އަހަރެމެންނަށް މުޅިންވެސް ބުރަ ވެވެނީ ބޭރުފުށުގެ ތާހިރު ކަމަށެވެ. ރަމަޟާން މަހަށް ނަފްސު ތައްޔާރުވުމަށް މަސައްކަތް ކުރެވެނީ މަދުންނެވެ. ތިރީގައި މިވަނީ ދީނީ ބައެއް ޢިލްމު ވެރިން މި މައްސަރުގެ މާތްކަމާ ކުރިމަތިލުމަށް ދެއްވަވާފައިވާ އަގުހުރި ނަސޭހަތް ތަކުގެ ތެރެއިން ބައެއް ވާހަކަ ތަކެވެ.
1- ރަމަޟާން މަހަށް ތައްޔާރުވާން ވީ އެ މަހާ ކުރިމަތިލުމުންނެއް ނޫނެވެ. ދުރާލާ އެމަހަށް ތައްޔާރުވާން ފަށާށެވެ. ކެއުމާއި ބުއިމަށް ބަދަލުގެންނަން ފަށާށެވެ. މަޑުމަޑުން ކެއުމުގެ ގަޑިތަކާއި ކެއުން ބުއިން މަދުކުރުމަށް ފަށާށެވެ. ނަތީޖާއެއްގެ ގޮތުން ރަމަޟާން މަހުގެ ފުރަތަމަ ދެތިން ދުވަހު މާބޮޑަށް ވަރުބަލިވާން ނުޖެހި އެކަމަށް ދުރާލާ ހަށިގަނޑު ތައްޔާރުކުރެވެއެވެ.
2- ދުވާލުގެ 24 ގަޑިއިރުގެ ތެރެއިން މަދުވެގެން 15 މިނެޓް ﷲ މަތިން ހަނދުމަކޮށް ޒިކުރު ކުރުމަށް ހުސްކުރަން ފަށާށެވެ. އަދި ދުވާލަކަށް ކީރިތި ގުރުއާނުން އެއް ސަފްޙާ ނަމަވެސް ކިޔެވޭތޯ އާދަކުރަން ފަށާށެވެ، އަދި މަޑުމަޑުން އެ އަދަދު އިތުރު ކުރަމުން ދާށެވެ އޭރުން ރަމަޟާން މަހާ ކުރިމަތިލާއިރު ނަފްސު އެކަމަށް ތައްޔާރުވެ ގިނަގިނައިން ޒިކުރު ކުރުމާއި ޤުރުއާން ކިޔެވުމަށް ހޭނޭނެއެވެ.
3- ފަރުޟު ނަމާދުގެ އިތުރުން ސުންނަތް ނަމާދު ކުރުން އިތުރު ކުރެވޭތޯ ބަލާށެވެ. މަޑުމަޑުން ރަކުއަތް ތައް އިތުރު ކުރަމުން ދިއުމުން ރަމަޟާން މަހު ދަމު ނަމާދު ކުރުމާއި ތަރާވީޙް ނަމާދު ކުރުމުން ހަށިގަނޑަށް ލޮޑުކަން ނުލިބި އެކަމަށް ހަށިގަނޑު އާދަކުރެވޭނެއެވެ،
4- ހިތްސާފުކުރުމަށް މަސައްކަތް ކުރާށެވެ. ކުށެއް ވެފައިވާނަމަ އެކުށަކަށް މާފަށް އެދޭށެވެ. އަދި އެހެން މީހުންނަށް މާފުކުރާށެވެ. ﷲ ގެ ޙަޟްރަތުން ތިމާ މާފަށް އެދޭއިރު ތިމާ މާފުކުރަން ޖެހޭ މީހަކު ހުރިނަމަ އެމީހަކަށް ވީހާ އަވަހަކަށް މާފުދީ ހިތްހެޔޮ ކުރާށެވެ. ހަމަ އެއާއެކު ޝުކުރުވެރިވާ މީހަކަށް ވާށެވެ. ކިތަންމެ ކުޑަ އުފަލެއް ވިޔަސް ހިތާމައެއް ވިޔަސް ލިބޭއިރަށް ﷲ ހަނދުމަކޮށް ޝުކުރުވެރިވާފަދައިން މީސްތަކުން ކޮށްދޭ ކަންތައްތަކުގެ އަގުވަޒަންކޮށް ކުދި ކުދި ކަންކަމަށް ވެސް ޝުކުރުވެރިވާށެވެ. އަދި ތިމާ ޝުކުރުވެރިވާކަން އަނެކާގެ ކުރިމަތީގައި ބުނެދޭށެވެ.
5- ޞަދަގާތް ކުރުން ގިނަ ކުރާށެވެ. ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ކަހަަލަ ޞަދަގާތެއް ކުރެވޭތޯ ބަލާށެވެ. ހިތްހެޔޮކަމާއެކު ތިމާގެ މުސްލިމް އަޚާއަށް ވާ ހިނިތުންވުމަކީ ވެސް ޞަދަޤާތެކެވެ. ތިމާގެ ޢާއިލާއާއި އެކު ހޭދަކުރާ އުފާވެރިވަގުތު ތަކަކީ ވެސް ކުރެވޭ ޞަދަޤާތެކެވެ. ބޭނުމެއް ޖެހިފައިވާ މީހެއްގެ މުހުތާދު ފުއްދައި ދެވުމަކީ ވެސް މަތިވެރި ޞަދަޤާތެކެވެ.
6- އަނެކާއަށް ލިބިފައިވާ ނިއުމަތްތަކާ މެދު ޙަސަދަވެރިވުން ދޫކޮށްލާށެވެ. އެހެންމީހުންނާއި ތިމާއާއި އަޅާ ނުކިޔާށެވެ. ޙަސަދައިން ހިތް ސާފުކޮށްލާށެވެ.
ރަމަޟާން މަހަކީ ތަޤްވާގެ މައްސަރެވެ. އަހަރުތަކުގައި އަންނަ އެންމެ ޚާއްޞަ ދުވަސްތަކެވެ. އެއްހާސް މައްސަރުގެ ހެޔޮކަން އެކުލެވިގެންވާ ޚާއްޞަ މަހެވެ. ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުވި ނަރަކައިގެ ދޮރުތައް ބަންދުކުރެވޭ މަހެވެ. ސާފު ހިތަކާއެކު މި މަހާއި ބައްދަލުކޮށްދެއްވުން އެދި ގިނަ ގިނައިން ދުއާކޮށް މި މާތް މައްސަރަށް ތައްޔާރުވާން ހިނގާށެވެ.