English Edition
Dhivehi Edition

ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ ރޭޑިއޯލޮޖީ ޑިޕާރޓްމަންޓްގައި ސީ.ޓީ ސްކޭންގެ ޙިދުމަތް ތަޢާރަފް ކޮށްފިއެވެ.

މިކަމަށް ޙާއްސަކޮށްގެން މިއަދު ހަވީރު ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ކުރިއަށްދިޔަ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ، ރޭޑިއޯލޮޖީ ޑިޕާރޓްމަންޓް ރަސްމީކޮށް ހުޅުވައިދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަޙްމަދު އާދިލެވެ.

މިރަސްމިއްޔާތުގައި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދު ސަނީފް (ސަންނަ) ގެ އިތުރުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބަދުލް މުއުނީ އާއި ޑރ. އަބްސުއްސަމަދު މެމޯރިއަލް ހޮސްޕިޓަލްގެ މެނޭޖަރ އަޙްމަދު ސައީދުގެ އިތުރުން ރާއްޖޭގެ މަޝްހޫރު ކަށީގެ ބަލިތަކަށް ޙާއްސަ ޑޮކްޓަރު ޑރ. އާޒިމް އަބްދުއް ޝުކޫރު ވެސް ބައިވެރިވެ ވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ގދ. ތިނަދޫގައި މުޅިން އަލަށް ތަރައްގީކުރުމަށް ހަމަޖެހިފައިވާ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލް ގާއިމްކުރުމުގެ ބަޖެޓް ކުއައިތު ފަންޑުން މިހާރު ހަމަޖެހިފައިވާކަން ފާހަގަކޮށް މިއަހަރުގެ ތެރޭގައި އެ ހޮސްޕިޓަލުގެ އަމަލީ މަސައްކަތް ފެއްޓޭނެ ކަމަށް ސްޓޭޓް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

މާލެ އާއި ސިޓީތަކަށް ބަރޯސާވުމެއް ނެތި އެކި ކަހަލަ ކަށީގެ އޮޕަރޭޝަންތަކާއި ކަރުންމަތީގެ އޮޕަރޭޝަންތައް މިހާރުވެސް ޑރ. އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ކުރެވެއެވެ. މިފަދަ އޮޕަރޭޝަންތައް ކުރުމުގެ ފުރުސަތު ފަހިކޮށްދެއްވުމަށް ސަރުކާރުން ވެދެއްވާ އެއްބާރުލުން ފާހަގަކޮށް، ޑރ. އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު ކުރެއްވި ޒިޔާރަތެއްގައި ހޮސްޕިޓަލުން އެދިލެއްްވި އެންމެހާ އާލާތްތައް ކުޑަ މުއްދަތެއްގެ ތެރޭގައި ފޯރުކޮށްދެއްވާފައިވާކަން އެ ހޮސްޕިޓަލުން ވަނީ ފާހަގަކޮށްފައެވެ.

އެ ހޮސްޕިޓަލުގެ ފެންވަރު ރަނގަޅުކޮށް ޙިދުމަތްތައް ފުޅާކުރުމުގެ ގޮތުން 14 ކޮންސަލްޓިންގ ރޫމް ހިމެނޭ އޯ.ޕީ.ޑީ އޭރިޔާ އަކާއި، 2 ލޭބަރ ސޫޓް ހިމެނޭ ލޭބަރ ރޫމް އަކާއި، އެން.އައި.ސީ.ޔޫ، 4 ޕްރައިވެޓް ރޫމް އަދި މިހާރުގެ އޯ.ޕީ.ޑީ އޭރިޔާ އީއާރަކަށް ބަދަލު ކުރުމަށް ސަރުކާރުން ވަނީ އެމް.ޓީ.ސީ.ސީ އާއި ހަވާލުކޮށްފައެވެ.

މީގެ އިތުރުން ކޮވިޑް-19 ގެ ބަލިމަޑުކަމުން ސަލާމަތްވުމަށް ކޮވިޑް ފެސިލިޓީއެއް ވެސް ސަރުކާރުން ވަނީ ގދ. ތިނަދޫގައި މިދިޔަ އަހަރު ތަރައްގީކޮށްފައެވެ.