English Edition
Dhivehi Edition

އައްޑޫ ސަރަޙައްދީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢު މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން މިއަދު އެމްޓިސީސީއާއި ޙަވާލުކޮށްފިއެވެ. މިމަޝްރޫޢު ޙަވާލުކުރުމަށް މިއަދު ހިތަދޫގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އާދަމް އާޒިމެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ސީއީއޯ ޝާހިދު ޢަލީއެވެ.

މިރަސްމިއްޔާތުގައި ހިތަދޫ އުތުރު ދާއިރާގެ މަޖްލިސް މެންބަރ މުޙައްމަދު އަސްލަމާއި ހުޅުދޫ ދާއިރާގެ މެންބަރ އިލްޔާސް ލަބީބާއި އައްޑޫ ސިޓީގެ މޭޔަރ ޢަބްދުﷲ ސާދިގު ބައިވެރިވެ ވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި އެމްޕީއެލްގެ ސީއީއޯ ޝާހިދު ޢަލީ ވިދާޅުވީ އައްޑޫ ވިޔަފާރި ބަނދަރު ތަރައްޤީކުރުމުގެ އެންމެ މުހިންމު ބޭނުމަކީ ލާމަރުކަޒީ ގޮތެއްގައި ރާއްޖެ ތަރައްޤީވެގެންދާއިރު،ސަރުކާރުގެ ސްޓްރެޓެޖިކް ޕްލޭންގައިވާ ގޮތުން ރާއްޖޭގެ 2 ސަރަހައްދީ ބަނދަރު ކަމަށްވާ ކުޅުދެއްފުށީ ބަނދަރާއި އައްޑޫ ސިޓީ ވިޔަފާރި ބަނދަރު ޑީސެންޓްރަލައިޒްކޮށް ލޮޖިސްޓިކް ހިދުމަތްދެވޭ ހަބެއްގެ ގޮތުގައި ހެދުން ކަމަށެވެ.

ހިތަދޫ ސަރަޙައްދީ ބަނދަރު ތަރައްޤީކުރުމުގެ ޕްރޮޖެކްޓް ފުރިހަމަވުމުން، އެ ބަނދަރުގެ އޮޕަރޭޝަނަލް ކެޕޭސިޓީ ވަރަށް ބޮޑުތަން އިތުރުވެ މިކަމުގެ ސަބަބުން އައްޑޫ އަށް ކަނޑުމަގުން މުދާ ގެންދިއުމަށް އޮތް މަގު ފަސޭހަވެ، އިޤްތިސާދީ ގޮތުން ވެސް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އައްޑޫ ސަރަޙައްދީ ޕޯޓް ތަރައްޤީ ކުރުމުގެމި މަޝްރޫޢުގެ ދަށުން 500،972 ކިއުބިކް މީޓަރުގެ ސަރަޙެއްދެއްގެ ބަނދަރު ފުންކުރުމާއި 8.05 ހެކްތަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި 2360 މީޓަރުގެ ސަރަޙެއްދެއްގައި ބޭރުތޮށި ލުމާއި 500 މީޓަރު ސަރަޙެއްދެއްގައި ރިވެޓްމެންޓް ޖެހުމާއި 25،900 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުން އަދި ބަނދަރު ބައްތި ހަރުކުރުމުގެ މަސައްކަތް ހިމެނެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުން އެމްޓީސީސީއާއި ޙަވާލުކުރި މިމަޝްރޫޢަކީ 211،771 މިލިއަން ރުފިޔާގެ މަޝްރޫޢެކެވެ. އަދި މިމަޝްރޫޢު ނިންމުމަށް ހަމަޖެހިފައިވަނީ ދޮޅުއަހަރު ދުވަހުގެ ތެރޭގައެވެ.

މިއަދު ވަނީ އައްޑޫސިޓީ ހިތަދޫ ބަނދަރު ތަރައްޤީ ކުރުމުގެ ޢަމަލީ މަސައްކަތް ވެސް ފަށާފައެވެ. އެމަޝްރޫޢާއިވެސް އެކު ޖުމްލަ 600 މިލިއަން ރުފިޔާގެ ތަރައްޤީގެ މަޝްރޫޢު މިވަގުތު އެމްޓީސީސީއާއި ޙަވާލުވެގެން އައްޑޫގައި ކުރިއަށް ދެއެވެ.