English Edition
Dhivehi Edition
ބަންޑުން ޖަހާލި ކޮޅުވެއްޓި/ފޮޓޮ އެމްއެންޑީއެފް

ފެނަކަ ކޯޕަރޭޝަންގެ މުދާ ހިފައިގެން، މާލެ އިން ތ. ގުރައިދޫއަށް ދަތުރުކުރަމުންދިޔަ ކޮޅުވެއްޓި އެއް ބަންޑުން ޖަހާލައިފި އެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ “ޝަފުރާޒް” ނަމަކަށް ކިޔާ ކޮޅުވެއްޓި ބަންޑުން ޖަހާލި އިރު އޭގައި 3 މީހުން ތިބިކަމަށާއި އެމީހުން އެ ސަރަހައްދުން ދަތުރުކުރި ދޯންޏަކަށް ނަގައި ތ. ދިޔަމިގިލި ހެލްތު ސެންޓަރަށް މެންދުރު 1:45 ގައި ގެންގޮސްފައިވާކަމަށެވެ.

ކޮޅުވެއްޓި ބަންޑުން ޖަހާލި ސަރަހައްދުގައި ކޯސްޓްގާޑް ސްކޮޑަރުން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށް އެމްއެންޑިއެފުން މަޢުލޫމާތު ދެއްވައެވެ. އެއިދާރާއަށް މި ހާދިސާގެ ރިޕޯޓް ލިބިފައިވާ ވަނީ މިއަދު މެންދުރު 1:13 ގައެވެ.

ބަންޑުން ޖަހާލި ކޮޅުވެއްޓި އެހެން އުޅަނދެއްގައި ކަފު ޖަހައިގެން ގުރައިދޫ އަށް ވެއްދުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

މިކޮޅުވެއްޓީގައި ހުރީ ފެނަކަ ކޯޕަރޭޝަންގެ ކާގޯގެ ކޮންސްޓްރަކްޝަން މަސައްކަތަށް ބޭނުންވާ ހިލަ އާއި ހިލަވެލި ފަދަ ސާމާނު ތަކެކެވެ.