ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ކޯލް ސެންޓަރެއް ފުވައްމުލައް ސޓީގައި ހުޅުވައިފި އެވެ.
ފުވައްމުލައް ސިޓީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ކޯލް ސެންޓަރު ހުޅުއްވައި ދެއްވީ ފުވައްމުލަކު ސިޓީގެ މޭޔަރު އަބްދުﷲ ފަލާހު ޝަރީފެވެ. ފުވައްމުލަކުގައި ކޯލް ސެންޓަރު ހުޅުވުމުގެ އިތުރުން ކުންފުނީގެ ހޮޓްލައިން، 1516 ވެސް ވަނީ މިއަދި އިފްތިތާހު ކޮށްފަ އެވެ.
މި ކޯލް ސެންޓަރަކީ އެ ކުންފުނިން ދެމުންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުކޮށް، ލިބިފައިވާ ތަޖުރިބާގެ އަލީގައި ހުޅުމާލެ ފަދަ އިތުރު ރަށްތައް ތަރައްގީ ކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އަމާޒުގައި ރާއްޖޭގެ އެކި ރަށްރަށުގެ ކައުންސިލްތަކާއި ގުޅިގެން “ބިޔޯންޑް ހުޅުމާލެގެ” ދަށުން ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން ހުޅުވި ކޯލް ސެންޓަރެކެވެ.
ފުވައްމުލަކު ސިޓީގައި ކުރިއަށް ދިޔަ މި ބައްދަލުވުމުގައި ޒޫމް މެދުވެރިކޮށް، ބައިވެރިވެވަޑައިގެން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ މިއީ ކުންފުނީގެ މަސައްކަތްތައް ހުޅުމާލެ ފިޔަވައި އެހެން ރަށްރަށަށް ފޯރުކޮށްދިނުމަށް އެޅިގެންދިޔަ މުހިއްމު ފިޔަވަޅެއްކަމަށެވެ. މީގެ އިތުރުން ސުހައިލް ވިދާޅުވީ މި ސެންޓަރުގެ ސަބަބުން ކުންފުނިން ދެމުންގެންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅުވެގެންދާނެ ކަމަށެވެ. އަދި ފުވައްމުލަކުގެ ރައްޔިތުންނާއި އެޗްޑީސީ އާއި ދެމެދު އޮންނަ ގުޅުން ބަދަހިވެ ކުރިމަގުގައި އިތުރު މަސައްކަތްތަކެއް ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ސުހައިލް ވިދާޅުވިއެވެ.
ފުވައްމުލަކު އިޖުތިމާއީ މަރުކަޒު ހުރި އިމާރާތުގައި ހަދާފައިވާ މި ކޯލް ސެންޓަރުގައި ތިން މުވައްޒަފުން މަސައްކަތްކުރުމަށް ހަމަޖެހިފައިވާއިރު އެ ކުންފުނިން ބުނީ، ކުންފުންޏާއި ރައްޔިތުންނާއި ދެމެދު އޮންނަ ގުޅުން ރަނގަޅުކޮށް އެކި ބޭނުންތަކަށް ކުންފުންޏަށް ގުޅާ ހިދުމަތް ހޯދާ ފަރާތްތަކަށް ދެވޭ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަކީ ކޯލް ސެންޓަރު ހުޅުވުމުގެ އެއް އަމާޒުކަމަށެވެ.