English Edition
Dhivehi Edition

އިންޑިއާއަށް އެތެރެވެފައިވާ ރޮހިންޖާ މުސްލިމުންގެ ތެރޭގައި ހައްދުފަހަނައަޅާފައިވާ ޖަމާއަތްތަކުގެ މީހުން އެބަ ތިބި ކަމުގެ ސާބިތު ހެކި ލިބިފައިވާ ކަމަށް އިންޑިއާ ސަރުކާރުން ބުނެފިއެވެ.

އިންޑިއާ ސަރުކާރުން މިހެން ބުނެފައިވަނީ ރޮހިންޖާ ހުރިހާ މުސްލިމުން އިންޑިއާއިން ބޭރު ކުރުމަށް އެގައުމުގެ ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް ރޮހިންޖާ 2 މުސްލިމަކު އެގައުމުގެ ސުޕްރީމް ކޯޓަށް ހުށައެޅި ޕެޓިޝަނަކަަށް ހޯމަ ދުވަހު ޖަވާބުދާރީ ވަމުންނެވެ. އެ ގައުމުން ބުނެފައިވަނީ އެފަދަ މީހުން ރޮހިންޖާ މީހުންގެ ތެރޭގައި ތިބުމުން އިންޑިއާގެ ސަލާމަތަށް އެކަމުގެ ސަބަބުން އަސަރު ކުރާނެ ކަމަށެވެ.

ރޮހިންޖާ މުސްލިމުން ކޯޓުގައި ތަމްސީލް ކުރަމުންދާ ޕްރަޝާންތް ބުޝަން ބުނެފައިވަނީ، އެމީހުން އެއްކޮށް ގައުމުން ބޭރުކޮށްލަން އުޅުމަކީ ތަފާތު ކުރުން ގެންގުޅުންކަމުގައެވެ. އެނާ ބުނެފައިވަނީ އިންޑިއާ ސަރުކާރު އަތުގައި މިޔަންމާއިން އައިސްފައި ތިބި މީހުންނަކީ ޓެރަރިސްޓުން ކަން ސާބިތު ކުރެވޭނެ އެއްވެސް ހެއްކެއް ނެތްކަމަށެވެ.

އިންޑިއާ ސަރުކާރުން ކޯޓަށް ހުށައެޅި ލިއުމުގައި ބުނެފައި ވަނީ އިންޑިއާގައި ތިބި ގަވާއިދާ ޙިލާފަށް ތިބި މީހުންތޯ ނުވަތަ އެމީހުން ގައުމުން ބޭރު ކުރާނީތޯ ނުނީ ނުކުރާނީތޯ ނިންމާނީ ސަރުކާރުން ކަމަށެވެ. އެ ފަދަ ކަންކަމުގައި ކޯޓުން ބަހެއް ބުނުމުގެ ފުރުސަތެއް ނެތްކަމަށްވެސް ސަރުކާރުން ބުނެއެވެ. ސަރުކާރުގެ ވަކީލުން ބުނެފައިވަނީ ދެ އޮންނަ އަޑު އެހުމެއްގައި ރޮހިންޖާ މުސްލިމުން ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮތް ކަމުގެ ހެކި ހުށައަޅާނެ ކަމަށެވެ. އަދި އެމީހުން ގަވާއިދާ ޙިލާފަތް ލާރި ފޮނުވާ ކަމަށް ވެސް ސަރުކާރުން ތުހުމަތު ކުރެެއެވެ.

މި މައްސަލައިގައި ދެން އަޑު އެހުމެއް އޮންނާނީ އޮކްޓޯބަރ މަހުގެ 3 ގައެވެ.