English Edition
Dhivehi Edition

އިންޑިއާގެ ސްޓޭޓެއް ކަމަށްވާ މަދްޔަޕްރަދޭޝްގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކާ އޭނަގެ ލޯބިވެރިޔާ ބަނދެގެން އަނިޔާކުރަމުން އެއަވަށުގައި ހިނގުވި މައްސަލަ ބޮލީވުޑްގެ ތަރި ރަވީނާ ޓަންޑަން ކުށްވެރިކޮށްފިއެވެ.

މިހާރު ވައިރަލް ވެފައިވާ އެވީޑިއޯ އާބެހޭގޮތުން ރަވީނާ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ، ކުޑަ ކުއްޖަކާ އޭނާ ރޭޕްކޮށްފައިވާ މީހާ އާއި ދެމީހުން ވާފަށަކުން ބަނދެ އަނިޔާކުރަމުން މަގުމަތިން ހިންގުވާފައިވާ އިރު އެކަން ހުއްޓުވާނެ ބަޔަކު ނެތުމުން އަދިވެސް އިންޑިއާގެ ލީގަލް ސިސްޓަމް އާއި މެދު ޝައްކުއުފެދޭ ކަމަށެވެ. އޭނާގެ ޓްވީޓްގައި ބޭޓީބަޗާއޯ ސްލޯގަން އެއްގެ ގޮތުގައި ޖެހުމަށްފަހު ހޭޝްޓެގްކޮށްފައި ވެއެވެ.

އިންޑިއާގެ މީޑިއާ ރިޕޯރޓްތައް ބުނާގޮތުގައި، އުމުރުން 16 އަހަރުގެ އަންހެން ކުއްޖާއާއި އޭނަގެ ލޯބިވެރިޔާ މަސައްކަތު އުޅޭ މާހައުލުން ދިމާވެ ރައްޓެހިވެގެން އުޅޭތާ ދުވަސްތަކެއް ވެއްޖެއެވެ. އެހެން ނަމަވެސް މިގުޅުމަށް ދެމީހުންގެ އާއިލާ މީހުންވެސް ނުރުހެއެވެ. މި ދެމީހުންނަށް ދެފަރާތު އާއިލާ މީހުން ގުޅިގެން އަނިޔާ ކޮށްފައިވަނީ ދެމީހުން އެއްކޮށް ހިނގާފައި އަންނަނިކޮށް ފެނިގެންނެވެ.

ފުލުހުން ބުނީ، މި މައްސަލައިގެ މައުލޫމާތު މިދިޔަ އާދީއްތަދުވަހު ލިބިފައި ވާކަމަށެވެ. އަދި އެ ދެމީހުންނަށް އަނިޔާ ކުރި އެންމެންނާ މެދު ފިޔަވަޅު އަޅާނެކަމަށާއި މިހާރު މައްސަލަ ބަލަމުން ގެންދާކަމަށެވެ.

މިހާދިސާގައި އަންހެން ކުއްޖާ އަށް އަދި އެ ފިރިހެން މީހާއަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ.

އިންޑިއާއަކީ ބޮޑެތި ކުށްކުރުމުގެ ރެކޯޑް އޮންނަ ގައުމެކެވެ. އިންޑިއާއަކީ ރޭޕްގެ މައްސަލަތަކާއި ޖިންސީ މައްސަލަތައް ބޮޑު ގައުމަކަށްވެފައި އެގައުމަކީ އަންހެނުންނާއި ކުޑަކުދިންނަށް ރައްކާތެރި ގައުމެއް ނޫންކަަމަށް ބުނެ އެ ގައުމުގެ މީހުން އަޑުއުފުލައެވެ.