މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ބައެއް ރަށްރަށަށް ގެއްލުން ލިބުމާއި ގުޅިގެން އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ފަށައިފިއެވެ.
އެމްއެންޑީއެފުން ބުނީ ސަދަން އޭރިއާގެ ސަރަހައްދު ކަމަށްވާ ފުވައްމުލަކު ސިޓީއާއި އައްޑޫ ސިޓީގެ ބައެއް ރަށްރަށުގައި ގޭގޭގެ ފުރާޅު އެއްލާލުމާއި ފެން ބޮޑުވުމާއި ގަސްތައް ވެއްޓުންފަދަ ބައެއް ހާދިސާތައް މި ވިއްސާރައިގެ ސަބަބުން ހިގާފައިވާ ކަމަށެވެ.
“ފުވައްމުލަކުގައި ފެން ބޮޑުވެގެން ބައެއް ގޭގެއަށް ފެންވަނާތީ އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ވަނީ 89 ގެއެއްގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތްކޮށްފައި. އަދި ވައިގަދަވެ 5 ގޯއްޗެއްގައި ހުރި ރުއް ވެއްޓުމާ ގުޅިގެން އެ ރުއް ނެގުމުގެ މަސައްކަތް ވެސް އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ދަނީ ކުރަމުން.” އެމްއެންޑީއެފުގެ މީޑިއާއިން ވިދާޅުވިއެވެ.
މީޑިއާއިން އިތުރަށް ވިދާޅުވީ އައްޑޫ ސިޓީގެ 3 ރަށަކަށް މި ވިއްސާރައިގެ ސަބަބުން އެކި ގެއްލުންތައް ވެފައިވާއިރު .ފޭދޫ 2 ގެއެއްގެ ފުރާޅު އެއްލާލުމާއި ގުޅިގެން ފުރާޅު މަރާމާތްކުރުމުގެ މަސައްކަތާއި އަދި އެގޭތަކުގައި ފެން ބޮޑުވުމާ ގުޅިގެން ވެލި ބަސްތާޖެހުމުގެ މަސައްކަތް ވެސް ކުރަމުން ދާ ކަމަށެވެ.
ހިތަދޫގެ ގެއްގެ ފުރާޅު އެއްލާލުމާއި ގުޅިގެން ފުރާޅު މަރާމާތު ކުރުމާއި 4 ގެއެއްގެ ގޯތިތެރޭގައި ހުރި ގަސްވެއްޓުމާ ގުޅިގެން ގަސް ނެގުމުގެ މަސައްކަތުގެ އިތުރުން 2 ގެއަކަށް ފެން ވަންނަ ކަމުގެ ރިޕޯޓް ލިބިގެން އެ ގޭތަކުގައި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ވެސް ސަދަން އޭރިއާގެ ސިފައިން ވަނީ ކޮށްފައެވެ. މީގެ އިތުރުން މަރަދޫ ގެއެއްގެ ތެރޭގައި ހުރި ރުކެއް ވެއްޓުމާއި ގުޅިގެން އެ ރުއް ނެގުމުގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން ވަނީ ހަރަކާތްތެރިވެފައެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ރާއްޖޭގެ އެކި ރަށްރަށަށް ގެއްލުންތައް ލިބުމާ ގުޅިގެން އެމްއެންޑީއެފް އޭރިއާތަކުގައި ތިއްބަވާ ސިފައިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.