English Edition
Dhivehi Edition

ދުނިޔޭގެ ޗާޓުގައި ތިކިތަކެއްގެ ސިފައިގައި ފެންނަ މިރާއްޖެއަކީ ހިތްގައިމު މަންޒިލެކެވެ. ދުނިޔެމަތީ ސުވަރުގެ ގޮތުގައި ސިފަކުރާ، މި ރާއްޖޭގެ އެންމެހާ ދިވެހިންނަށް ލިބިފައިވާ އެންމެ ހިތްގައިމު އެއްކަމަކީ ވާހަކަދައްކާނެ އަމިއްލަ ބަހެއްލިބިފައިވުމެވެ. ލިޔާނެ އަކުރުތަކެއް ލިބިފައިވުމެވެ. ޒަމާނުއްސުރެ ދިވެހިން މި ޝަރަފު ދަމަހައްޓަން މަސައްކަތްކުރަމުން އަންނައިރު ދިވެހި ބަހަށް ނޭދެވޭ އަސަރު ކުރާގޮތަށް ބަސް ބުނެ އެގޮތަށް ކަންތައްކުރާ މީހުން އުޅެއެވެ. ދިވެހި ބަހާ ގުޅުންހުރި ވާހަކައަކަށް އެންމެ ގަދަޔަށް ދެކެވޭ ވާހަކައަކީ ތިކިޖެހިތާނައިގެ ވާހަކައެވެ. ބައެއް މީހުންގެ ނަޒަރުގައި ތާނައަކުރުގައި ހިމެނޭ ތިކިޖެހި އަކުރުތަކަކީ ތުރާލެކެވެ. ބަހުގެ ކުރިމަގަށް އޮތް ހުރަހެކެވެ. އެފަދަ މީހުންގެ ލޮލުގައި ޖެހޭ ކުނިކޮޅެއް ފަދައެވެ. ސުވާލަކީ ތާނަލިޔާއިރު ތިކި ބޭނުންކުރުމަކީ ހަމަ ޙަގީގަތުގައި ވެސް ބަހަށް އޮތް ބިރެއް ތޯއެވެ. ތުރާލެއްތޯއެވެ؟

ސުވާލުގެ ޖަވާބަށް ދިއުމުގެ ކުރީގައި ދިވެހި އަކުރުގެ ތާރީޚާއި އުފެދުނުގޮތުގެ މައްޗަށް ނަޒަރެއް ހިންގާލާނަމެވެ. އެގޮތުން ބަލާލާއިރު އެވޭލާ ޒަމާނުގައި ކާބަފައިން ވާތުން ކަނާތަށް ލިޔެ އުޅުނު އަކުރުތައް ދޫކޮށްލާ މިހާރު ބޭނުންކުރަމުން މި އަންނަ ތާނައިގެ އަކުރުތަކުގެ ފުރަތަމަ ސައުވީސް އަކުރު އުފައްދާފައިވަނީ މީލާދީން 16 ވަނަ ޤަރުނުގެ ތެރޭގައި އެވެ، ތިކި ބޭނުންކުރުމުގެ އުޞޫލުތަކާއެކު ތިކިޖެހިތާނަ އިތުރުކުރެވުނީ 13 ޝަޢުބާން 1376 ގައެވެ.ކުރިން ތާނައަކުރުގެ ޢަދަދަކީ 24 ކަމުގައި ހަމަޖެހިފައި އޮތްކަމުގައިވީ ނަމަވެސް ތާނައަކުރާ ބެހޭގޮތުން ރަސްމީގޮތުން ނިންމަވާފައިވާ އެންމެފަހުގެ ނިންމެވުމުގައިވާގޮތުން ތިކިޖެހިތާނައަކީ ރަސްމީގޮތުން ތާނައަކުރުގެ ބައެވެ.އިޔާޒު ނަސީމް (2000)ވިދާޅުވެފައިވާ ގޮތުގައި 2000 ވަނަ އަހަރު ޖުލައިމަހު 20 ވަނަ ދުވަހު ބޭއްވި ގައުމީ މަހާސިންތާއެއްގައި ނިންމަވާފައިވަނީ އުވާލެވިފައިވާ ބަރު ނޫނާއި ތިކިޖެހިތާނައާއެކު މިހާރު ތާނަ އަކުރުގެ ޢަދަދަކީ 39 ކަމުގައެވެ.

މި ދެންނެވިފަދައިން ތާނައަކުރު ދިވެހިންގެ ތެރެއަށް ތަޢާރަފުވީ ދިވެހިން ބޭނުންވާ ލިޔުންތައް ލިޔުމަށެވެ. ތާނައިގެ ފުރަތަމަ ނުވަ އަކުރު އުފެދިފައިވަނީ މިހާރު ޢަރަބީންގެ ތެރޭގައި، ޚާއްސަކޮށް ފާރިސީ ބަހުގެ އަހުލުވެރިން ބޭނުންކުރާ ވިޔައަކުރުތަކުން ކަމުގައި ދިވެހި ތާރީޚު ދިރާސާކުރައްވާ ބޭފުޅުން ބަޔާންކޮށްފައިވެއެވެ. އެ އަކުރުތަކަކީ ހ ށ ނ ރ ބ ޅ ކ އ ވ މި އަކުރުތަކެވެ. ދެވަނަ ނުވަ އަކުރު އުފެދިފައިވަނީ ދިވެހި ވިޔައިގެ ނުވަ އަކުރުންނެވެ.އެއީ މ ފ ދ ތ ލ ގ ބަރު ނޫނު، ސ ޑ މި ނުވަ އަކުރެވެ.ފަހުން ބަރު ނޫނު ބޭނުންކުރުން މަދުވެ އެ މަޤާމުގައި އޮތީ ޏ އެވެ. ވިޔަ އަކުރުން އުފެދުނު 18 އަކުރަށް ފަހު ދެން އޮތީ ދިވެސް އަކުރު ލިޔުނު ޒަމާނުގައިވެސް ބޭނުންކުރެވުނު ޝ އާއި ޒ އެވެ.އެކަމަކު ފަހުން ވަނީ ޝ ތިކިޖެހި ތާނައިގެ ތެރޭގައެވެ.

މި ވިހި އަކުރަށްފަހު ދެން އުފެދިފައިވާ ބައެއް އަކުރުތަކަކީ ޚާއްސަކޮށް އަކުރު ބަދަލުވާ ޙާލަތުގައި ލިޔުމަށް ތަޢާރަފު ކުރެވުނު އަކުރުތަކެވެ.އެއީ ޓ ޏ ޔ ޕ ޖ ޗ އެވެ.ށ ބަދަލުވަނީ ޓ އަށެވެ.ޓ ގެ ބޯކޮޅު މިހާރު ބ އަކާއި ވައްތަރުވިޔަސް ކުރީގެ ލިޔުން އެއީ ށ އަށް ބިނާ ކުރެވޭ އަކުރެއްކަން އެނގެއެވެ.ދެން އަންނަނީ ޏ އެވެ،ޏ ބިނާކުރެވުނީ ނ އަށެވެ.ނ ގެ ފައިކޮޅު ލަނބާލައިގެންނެވެ.ދެން އޮތީ އ ގެ ބަދަލު އަކުރުކަމުގައިވާ ޔ އެވެ.މި އަކުރު ބިނާކޮށްފައިވަނީ އ ގެ ފަހަތު ފައިކައްޓަށް ބޮޅެއް އިތުރުކޮށްގެންނެވެ.ދެން އޮތީ ފ ގެ ބަދަލުވާ އަކުރެވެ. ފ ބަދަލުކޮށްފައިވަނީ ފ ގެ ތިރީގައި ތިއްކެއް ޖަހައިގެންނެވެ.ދެން އޮތީ ދ ގެ ބަދަލުވާ އަކުރު ކަމުގައިވާ ޖ އެވެ.މިއަކުރު ބަދަލުކޮށްފައިވަނީ ދ ގެ ފައިކޮޅު ލަނބައިގެންނެވެ.ދެން އޮތީ ތ ގެ ބަދަލުވާ އަކުރުކަމުގައިވާ ޗ އެވެ، މި އަކުރު ނިސްބަތްކޮށްފައިވަނީ ތ އަށެވެ.

އޭގެ ފަހުގައި އުފެދިގެން މިއައީ ތިކި ޖަހައިގެން އިތުރުކުރި ބައެކެވެ.މިފަދަ އަކުރުތަކެއް އުފައްދަންޖެހުނުކަމަށް ތާރީޚު ދިރާސާކުރައްވާ ބޭފުޅުން ވިދާޅުވަނީ ދިވެހިންނަކީ ޢަރަބިބަހާ ގުޅިފައިވާ މީހުންނަށް ވެފައި ދިވެހި ލިޔުންތަކުގައި ޢަރަބި ބަހުން ލިޔެފައިވާ ލަފުޒުތައް ގިނަކަމުން އެ އަކުރުތައް ދިވެހި އަކުރުން ލިޔުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުންނެވެ.ތިކި ޖަހައިގެން އިތުރު އަކުރުތަކެއް އުފެއްދީ ގަވާޢިދެއް އެކުލަވާލުމަށްފަހުގައެވެ. އެގަވާޢިދު ބުނާގޮތުން ދިވެހި ވެފައިވާ ގަމީސް، ގަލަން ފަދަ ލަފުޒުތަކުގައި ތިކިޖަހަން ނުޖެހެއެވެ.

ދިވެހިންގެ ބޭނުންތަކަށް ދިވެހިން ލިޔާނެ އަކުރުސެޓެއް އުފެއްދީ ދިވެހިން ބޭނުންވާ ލިޔުންތައް ލިޔާށެވެ. އަކުރުތައް އުފައްދާފައި ހުރީ ދުނިޔޭގެ އެހެން ބައެއް އަކުރުތައް ބަލާ ދިރާސާކޮށްގެންނެވެ. އަދި ބައެއް އަކުރުތައް އުފައްދާފައިވަނީ ބޮޅެއް އިތުރުކޮށްގެން ނުވަތަ ފައިކޮޅު ލަންބާލައިގެން ނުވަތަ ތިއްކެއް ޖަހައިގެންނެވެ. އަޑު ރަމްޒުކޮށްދޭ ނިޝާނެއް އެކުލަވަވާ ލުމަށް ތަފާތު ގޮތްތައް ބޭނުންކުރެއެވެ. ތިކިޖެހި ތާނައޭ މި ކިޔާ އަކުރުތަކުގެ ކުރީގައި އުފެދިފައިވާ އަކުރުތަކަކީވެސް ކޮންމެވެސް ބޮޅަކާއި ރޮނގު ތަކެކެވެ. ދިވެހިންގެ އަކުރު ދިވެހި ކާބަފައިން އުފައްދާފައިވަނީ ތިކި ޖެހި އަކުރުތަކަކާއި ތިކި ނުޖަހާ އަކުރުތަކަކާއެކުގައެވެ.

ތާނައަކުރުގެ ތެރެއަށް މި އަކުރުތައް އިތުރުވުމުން ދިވެހިން އައީ ޝަކުވާއެއް ނެތި ތިކިޖެހިތާނަ ބޭނުންކުރަމުންނެވެ. ތިކިޖެހިތާނަ ބޭނުންކުރި ކޮންމެ މީހަކީ ޢަރަބި އުސްތާޒެއްވެސް ނޫނެވެ. އަދި ލިޔުމުގައި ތިކިޖެހި ތާނަ ބޭނުންކުރުމަކީ ބުރައެއްކަމަށް ނުދެއެކެވެ، ތުރާލެކޭ ނުބުނެއެވެ. ދިވެހި ބަސް ފަޤީރުވާކަމުގައި ނުދެކެއެވެ. އޭރު ބަލައިގަތީ އުފަލެއްގެ ގޮތުގައެވެ.

ދިވެހިންގެ ތެރެއިން ބަޔަކު އެންމެ ފުރަތަމަ ތިކި ބޭނުންކުރުމާ އިދިކީލި ޚިޔާލެއް ގެންގުޅުނުކަމަށް ފާހަގަކުރެވުނީ 2006 ވަނައަހަރު ހަވީރު ނޫހުން ދިމާވި ބަޔަކާ ދެކެވުނު ވާހަކަތަކެއްގެ ތެރެއިންނެވެ. އެދުވަސްވަރު އަޅުގަނޑު ހަދަން ޖެހުނު އެސައިންމެންޓަކާ ގުޅިގެން ބަސްދީގަތުމެއް ހޯދާލަން ޖެހިގެން އެކި އެކި ނޫސްވެރިންނާ ސުވާލުކުރީމެވެ. ދިވެހި ބަހުގެ ޤަވާޢިދަށް ސަމާލުކަން ދެނީ ކިހާވަރަކަށްތޯ ބެލުމަށް ކުރިދިރާސާގައި ކުރެވުނު ސުވާލަކާ ގުޅިގެން ނޫހެއްގެ އިސް ބޭފުޅަކު ވިދާޅުވީ، އެ ނޫހުން ލިޔާލިޔުންތަކުގައި ތިކިޖެހި ތާނަ ބޭނުންކުރަން ބާރު ނާޅާކަމުގައެވެ.

އެ ވާހަކަ އިވުމުން، އޭރުވެސް ހިތުގައި ސުވާލު އުފެދުނެވެ، އެމީހުން ތިކިޖެހިތާނަ ދޫކޮށްލަން ނިންމީ ކީއްވެގެން ބާވައެވެ. އެމީހުންނަށް ތިކިޖެހިތާނަ ލިޔަން އުދަނގުލީ ބާވައެވެ. އެއީ ބުރައެއްކަމުގައި ދެކެނީ ބާވައެވެ. ހިތުގައި ކިތައްމެ ގިނަ ސުވާލުތަކެއް އުފެދުނަސް އެކަމާގުޅޭގޮތުން ދެވަނަ ސުވާލެއް ނުކުރަމެވެ. ލިޔުންތަކުގައި ތިކިޖެހި އަކުރުތައް ބޭނުން ނުކުރަން ނިންމީ ކީއްވެގެންބާވައޭ ހިތަށް އެރިއެވެ.

އޭގެ އަހަރުތަކެއް ފަހުން ދިވެހި ބަހަކީ ހަމައެއް ލަމައެއް ނެތް އެއްޗެއްކަން ހާމަކުރުމަށް ވާހަކަދެއްކުން ޢާއްމުވެ، ދިވެހި ތާނަ އަކުރުތަކުގެ ތެރޭގައި ހިމެނޭ ތިކިޖެހި ތާނައަކުރުތައް ބޭނުންކުރުމަކީ ވެސް ބޭކާރުއެއްޗެއްކަމުގައި ބުނެ މީހުން ދައްކާވާހަކަތަކުގެ އަޑު ކިޔަވާކުދިންގެ ކަންފަތަށްވެސް ފޯރައިފިއެވެ. ލިޔުންތައް ލިޔުމުގައި ތިކިތަކާ އިދިކޮޅު ވިސްނުންތަކެއްގެ ތެރެއިން ގަދަކުރީ އިނގިރޭސި ނުފޫޒެވެ. އޭގެ ނަތީޖާގެ އަޑު އިވުނީ، އެއް ދުވަހަކު ސްކޫލުގެ އެސެމްބްލީގައި ހުއްޓައެވެ. 2014 ވަނަ އަހަރު ސްކޫލެއްގެ އެސެމްބްލީގައި ހުއްޓާ ދަރިވަރަކު، އަލްޙަމްދު ކިޔަވަމުން ގޮސް “ޣައިރިލް މަޣްޟޫބި” ކިޔަންވާ ތަނަކަށް އަޑު އައީ ޣައިނުގެ އަޑު އޮތް ކޮންމެ ތަނެއްގައި ގާފުގެ އަޑު އިވިގެން ދިޔަ އަޑެވެ. “ގައިރިލް މަގުލޫބި” އަޑު އިވުނު ހިނދު ހިތަށް ވަރަށް އަސަރުކުރިއެވެ. ހިތަށް އެރިއެވެ. ތިކިތަކަކީ ތުރާލެއް ކަމުގައި ހަދާ ތިކިޖެހިތާނައާއި ދުރަށް ގެންދަން ޅަ ސިކުނޑިތަކަށް ވިސްނާ ދިނުމުގެ ނަތީޖާއެވެ.

ކަންދިމާކުރި ގޮތުން ހަމަ އެ އަހަރު އެ ސްކޫލުގައި ހުއްޓާ ތިކިޖެހިތާނަ ދޫކޮށްލުމަށް ވަކާލާތުކުރި ނޫހުގެ އިސް ބޭފުޅަކާ ދިމާވެއްޖެއެވެ. މީޑިއާ ކައުންސިލްގައި ހިމެނޭ މެމްބަރުންތަކެއް ވަޑައިގެން ދަރިވަރުންނަށް ޚާއްސަކޮށްގެން ބޭއްވި ބައްދަލުވުމެއްގައި ނޫސްތަކުން ގަވާއިދަށް ލިޔަން އިސްކަންދެނީ ކިހާވަރަކަށް ތޯ ސުވާލުކުރުމުން ވިދާޅުވީ ފެންވަރު ރަނގަޅުކޮށް ލިޔަން މަސައްކަތްކުރާ ކަމުގައެވެ. އެކަމަކު އެދުވަހު ވެސް ފާޅުކުރެއްވީ ތިކިޖެހިތާނައާއި އިދިކޮޅު ޚިޔާލެކެވެ.

އެވަގުތު ސުވާލުކުރީމެވެ. ތިކިޖެހިތާނަ ބޭނުންނުކުރަނީ ކީއްވެގެންތޯއެވެ، ޖަވާބުގައި ވިދާޅުވީ އަވަހަށް ޚަބަރު ލިޔަން ވަގުތު ސަލާމަތްކުރަން ބޭނުންވާތީ އެމީހުން ތިކިޖެހިތާނަ ބޭނުން ނުކުރަނީ ކަމުގައެވެ. އެ ޖަވާބު އަޑު އިވުމުން އަނެއްކާވެސް ސުވާލެއް ކޮށްލީމެވެ. އަޅުގަނޑު ބުނީމެވެ. އެންމެ ރަނގަޅެވެ، ވަގުތު ސަލާމަތްކުރަން ތިކި ނުޖަހަނީއެވެ. އެކަމަކު ތިކި ޖެހިތާނަ ބޭނުންނުކޮށް، އޭގެ ބަދަލުގައި، އެ އަކުރު އެހެން އަކުރަކަށް ބަދަލުކުރަނީ ކީއްވެހެއްޔެވެ. ބަޣާވާތް ލިޔަން ވާ ތަނެއްގައި ތިކި ނުޖަހާނަމަ އޮންނާނީ ބައާވާތް ނޫންތޯއެވެ. ބަގާވާތް، ތަގައްޔަރު ފަދަ އަކުރުތައް ފަލަ ސުރުޚީގައި ލިޔަނީކީއްވެގެން ތޯއެވެ. ޣ ގެ ބަދަލުގައި ގާފު ޖަހަނީ ކީއްވެގެންތޯއެވެ. އެ ސުވާލުގެ ޖަވާބެއް ނުލިބުނެވެ.

ތިކިޖެހި ތާނައަކީ ބަހުގެ ކުރިމަގަށް އޮތް ތުރާލެއްކަމަށް ދެކި ބަހަށް ބަސްބުނެ ތިކިޖެހި އަކުރުތަކަކީ ބޭކާރުއެއްޗެއްކަމުގައި ބުނަންފަށުމުގެ ނަތީޖާއަކީ އެ އަކުރުން އުފައްދޭ ދޭ އަޑާއި ދުރަށް ދާން ފެށުމެވެ. ގިޔާސުއްދީނު ސްކޫލް ކިޔާގޮތަށް ބަގާވާތްވެސް ލިޔަނީއެވެ، ގާޒީއާއި ޣާޒީވެސް އޮޅޭގޮތްވަނީއެވެ. ލިޔުމަށްޓަކައި ދިވެހި ކާބަފައިން އުފެއްދި މި ނިޝާނަންތަކަކީ ތުރާލެއް ކަމުގައި ދެކި އެ ދޫކޮށްލުމުން ދިވެހި ދަރިން ދަތުރުކުރަނީ އިނގިރޭސި އަޑުތަކާ ދިމާއަށެވެ. ނެރެން އާދަވަނީ އިނގިރޭސިންނަށް ވެސް ނެރެވޭ އަޑުތަކެކެވެ. މިހާރު ބައެއް މީހުން ކިޔާ ލިޔެ އުޅެނީ ލެޓިނުން ލިޔާއިރު “gh” އަންނަ ކޮންމެ ތަނަކަށް ގާފުގެ އަޑެވެ.އިނގިރޭސި އަޑުތަކުގައި ” ޣ” ނެތުމުން،”gh” ލިޔެފައިވާ ކޮންމެ ތަނަކަށް ޣައިނު ނުކިޔޭ މީހުން ކިޔަނީ ގާފުގެ އަޑުންނެވެ. އެކަމަކު ދިވެހިންނަށް މި ހުނަރު ދެއްވާފައިވެއެވެ. ތިކިތަކުން އުފައްދާ އަޑުތަކަކީ ތުރާލެއް ނޫނެވެ. އެއިން އުފައްދާ ދެނީ އިތުރު ޤާބިލުކަމެކެވެ.

ޤަބޫލުކުރަން ޖެހޭ ޙަގީގަތަކީ، ތިތްކެއްގެ ޖެހިއަސް ، ތިކި ޖަހައިގެން ލިޔާ އަކުރުތަކަކީ ދިވެހިންނަށް ނެރެން މަޖުބޫރު އަޑުތަކެއް ކަމެވެ. ދިވެހިންނަކީ ޤުދުރަތީ ގޮތުން އެ ހުނަރު ދެއްވާފައި ތިބި ބައެކެވެ. ހުނަރެއް ދެއްވިއަސް ހުނަރު ތަރައްޤީ ނުކޮށް ތުރާލެއް ކަމުގައި، ދެކޭނަމަ ހުނަރު ބީވެގެން ހިނގައިދާނެއެވެ. އަދި ތިކި ޖެހި ތާނައިގެ އަކުރުތަކުގެ އަޑު ނެރުމާއި އެ އަޑުތަކުން އަކުރު ލިޔުމަކީ ބުރައަކާއި ތުރާލެއް ކަމުގައި ދެކޭނަމަ ދިވެހި ދަރިންގެ ކިބައިގައިވާ ދިވެހިންނަށް މުހިއްމު ހުނަރެއް ގެއްލިގެން ދާނެއެވެ. ދިވެހި އިސްލާމުންނަކީ މި އަޑުތަކާއި ރައްޓެހި ބަޔަކަށް ވާންޖެހެއެވެ.

ބައެއް މީހުން ބުނެއެވެ. ޑރ ޒާކިރު ނައިކު މާތްﷲ ގެ ނަންފުޅު ކިޔާއިރު ޖަލާލަތުގެ ލަފުޒުގެ އަޑުގެ ބަދަލުގައި އަންނަނީ ލާމުގެ އަޑެވެ. ޙަޤީޤަތަކީ ޒާކިރު ނައިކަށް އެގޮތަށް ކިޔަނީ އެ އަކުރު ކިޔަން އުދަނގޫވީމައެވެ. ޒާކިރު ނައިކު އޭނައަށް ކިޔޭ އެންމެ ރަނގަޅަކަށް ޖަލާލަތުގެ ލަފުޒު ކިޔަން މަސައްކަތް ކުރެއެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގެ މީހުންނަށް ނުކިޔޭ ގިނަ އަކުރުތަކެއް ދިވެހިން ކިޔައެވެ. މި ޤާބިލުކަން އުފައްދާ ދިނުމުގެ އެންމެ ބޮޑު ބާރަކީ އިސްވެ ދިޔަ ދިވެހިން ކުރި މިންނެތް މަސައްކަތްކަމުގައި ދެންނެވިދާނެއެވެ.އެކަމަކު ތިކިޖެހިތާނައަކީ ދިވެހި ބަހަށް އޮތް ބިރެއްކަމުގައި ހީވެ ދޫކޮށްލާނަމަ އިސާހިތަކު “ތަގައްޔަރު” އާއި “މަގުރިބު” ނަމާދަށް ދިވެހި ދޫތައް ފަރިތަވެ ދައްކާ ވާހަކަ ފަހުމް ނުވާ މިންވަރުވެދާނެއެވެ.

އަދި ހަމަ މިއާއެކު ތިކިޖެހި އަކުރުތައް އުވާލުން ވެގެންދާނީ އެއް މާބަނޑުދަރިން އުފަންވުން ކަހަލަ ކަމަކަށެވެ. އެ ދަރިން ވަކިކުރަން އުދަނގޫވެ އޮޅުންބޮޅުންގަނޑަކަށް ވެދާނެއެވެ. މިސާލަކަށް ” ސީލާ ސީލާ” މިހެން ބުނުމުން އޮޅުން އަރައެވެ.ސުވާލު އުފެދެއެވެ. އޭގެ ބަދަލުގައި “ޝީލާ ސީލާ” ލިޔުމުން އޮޅުން ފިލައެވެ.މިގޮތަށް ” އަހެއް އަހަކަށް ގެއްލުން ނުދޭނެ” ބުނުމުން ވެސް ސުވާލު އުފެދެއެވެ.އޭގެ ބަދަލުގައި ” އަޚެއް އަހަކަށް ގެއްލުން ނުދޭނެ” އޭ ބުނުމުން އޮޅުން ފިލާމިންވަރު މާ ބޮޑެވެ.ދެބަސް ވަކިކުރަން އިތުރު އެތައް ވާހަކަތަކެއް ދައްކާ ސުވާލުކޮށް ޒުވާބަކަށްދާ ހިސާބަށް ގެންދިއުމުގެ ބަދަލުގައި ތިކިޖެހޭ އަކުރުން ބޭނުންކުރުން ދޭހަކުރަން ފަސޭހަވެއެވެ. ދަންނަވަންތޯއެވެ. ތިކިތަކަކީ އުދަނގުލެއް ނޫނެވެ. ދިވެހި ބަސް ބަލިކަށި ކުރާއެއްޗެއް ނޫނެވެ، އެއީ ބަސް މުއްސަނދިކޮށްދޭ އެއްޗެކެވެ. ދިވެހި ކާބަފައިން ތިކި އުފެއްދީ ދިވެހި ބަސް “ދިވެހި” ކުރުމަށެވެ.

ތިކިޖެހިތާނަ އުވާލައިފިނަމަ ޤުރުއާން ކިޔަވާދެއްވާ ޓީޗަރުން “ހަންކެނޑޭނެ” އެވެ. މަޚުރަޖުން ކިޔުއްވަން ކުރާ މަސައްކަތް ހަ ގުނަ އިތުރުވެގެންދާނެއެވެ. ތާނަ ކީބޯޑުން ތިކިޖެހިތާނަ ފޮހެލައިފިނަމަ ދިވެހި ލިޔުންގަނޑުގެތެރެއަށް އިހު އޮތްގޮތަށް ޢަރަބި އަކުރުތައް ވަންނަން ފަށާނެއެވެ. ސަބަބަކީ ރާއްޖޭގައި ތިބި އިސްލާމީ ޝިޢާރު ފާޅުކޮށް ދީނީ ވަޙުދަތު ދަމަހައްޓަން ބޭނުންވާ ބޭފުޅުން ” އުޚުރަވީ ޙަޔާތް ބާއްޖަވެރި ކުރުމަށް ޣައިބަށް އީމާންވެ ޢަޤީދާ ވަރުގަދަ ކުރަންޖެހޭ” ފަދަ ދީނީ ބުނުންތައް އޭގެ އަސަރު ގެއްލޭގޮތަށް ބުނަން ބޭނުންނުވާނެތީއެވެ.

އަދި މި ނޫނަސް ބަސް ހުތުރުވެ ނިކަމެތިވާ ކިތައްމެ ކަމެއް ފެންމަތިވާނެއެވެ. ބަޔަކު ތިކިޖެހިތާނަ ނުބައިކޮށް ބޭނުންކުރުމާއި ،ދިވެހި ވެފައި ހުންނަ ” ގަމީސް” ފަދަ ލަފުޒުތަކުގައި ތިކިޖެހުމަކީ ތިކިޖެހި ތާނައިގެ މައްސަލައެއް ނޫނެވެ.އިނގިރޭސި ބަހަށް މޮޅު ބައެއް މީހުން ލިޔާ ލިޔުމުގައި “އިނގިރޭސި “އަސަރު ހުންނަ ގޮތަށް ޢަރަބި ބަހަށް މޮޅު ބައެއް މީހުން ލިޔާލިޔުުމުގައި “ޢަރަބި”އަސަރު ހުރެދާނެއެވެ.އެއީ އެންމެ ރަނގަޅުގޮތެއް ނޫނެވެ.އަދި މިހާރަކަށް އައިސް “ޏ”ގެ ބަދަލުގައި ވަރަށް ގިނައިން “ޔ” ބޭނުންކޮށްފައި ހުރެއެވެ. ދިވެހި ބަހުން ވާހަކަދައްކާއިރު އިންތިހާއަށް އިނގިރޭސި ބަހާ މައްސުނިކޮށްގެން ވާހަކަދައްކައެވެ. ދިރާސާކޮށްލާއިރު މިކަހަލަ ތަފާތު މައްސަލަތައް ފާހަގަކުރެވެއެވެ. އެކަމަކު ލިޔުންތަކުން ކުށްތައް ފެނުމަކީ ތިކިޖެހިތާނަ އުވާލަން ޖެހޭ ސަބަބެއް ނޫނެވެ.

ދިވެހި ބަހާމެދު ފައްސިކޮށް ވިސްނާ، ދިވެހި ބަސް ތަރައްޤީކުރަން ފިކުރު ހިންގާ ކޮންމެ މީހަކުވެސް ޤަބޫލުކުރާނޭ ފަދައިން، ބޭނުންކުރުމަށް ވަކިހަމަތަކަކާއެކު އެކަށައަޅާފައިވާ ހަމަތަކަށް ތަބަޢަވެ ތިކިޖެހިތާނަ ބޭނުންކުރުމަކީ އޭގެ ސަބަބުން ތިކިޖެހިތާނައަކީ އޭގެ ސަބަބުން ދިވެހި ބަސް މުއްސަނދި ވެގެންދާނެ ކަމެކެވެ.ދިވެހި ކުދިންނަށް އެކި އަޑުތައް ނެރުމުގެ ހުނަރު އުފައްދާދެއެވެ. އިސްލާމީ ޝިޢާރު ދިރުވައިދެއެވެ. ބަސްކޮށާރު މުއްސަނދިކޮށް އޮޅުންބޮޅުން ކުޑަކޮށްދޭ އެއްޗެކެވެ. ތިކިޖެހި ތާނަ ބޭނުންކުރުމުގެ ހަމަތަކަށް ބަލާއިރު ދިވެހި ވެފައިވާ ބޭރު ލަފުޒުތަކުގައި އަލުން ތިކިޖަހައިގެން ލިޔުމަކަށް ބާރުނާޅައެވެ. ތިކިތަކުގެ ކުށެއް ނެތެވެ. ކުށް ކުރަނީ އަޅުގަނޑުމެންނެވެ.

ޤަބޫލުކުރަންވީ ދުނިޔޭގެ ޗާޓުން ތިކިތަކެއްގެ ސިފައިގައި ފެންނަ މި ހިތްގައިމު މިރާއްޖޭގެ، ދިވެހި ކާބަފައިން ދޫކޮށްފައިވާ އަގުބޮޑު ދިވެހި ތަރިކައެއްކަމުގައިވާ، ތިކިޖެހި އަކުރުތަކަކީ ތުރާލެއް ނޫންކަމެވެ.އެއީ ދިވެހި ބަހަށް ލިބިފައިވާ އިތުރު ހިތްގައިމުކަމެކެވެ. ފޮނިމީރުކަމެކެވެ.