English Edition
Dhivehi Edition

އޮޅުކޮށްގެން ޖަނަވާރެއް ގެންގުޅުމަކީ ކިހާ ބޭނުންތެރިކަމެއް ހެއްޔެވެ؟ ބުޅަލާއި، ދޫންޏާއި އެހެނިހެން ދިރޭތަކެތި އޮޅުކޮށްގެން ގެނގުޅުމަކީ ދިވެހިންގެ ވެސް އާދައެކެވެ. އަދި އެއެއްޗެހި ބެލެހެއްޓުމަކީ އެހާމެ އުނދަގޫ އަދި ގިނަ ޙަރަދު ވެސް ހިނގާނެކަމެކެވެ.

އެމީހަކު ގެންގުޅެން ބޭނުންވާކަހަލަ ޖަނަވާރެއް ހިޔާރު ކުރުމުގައި ވަރަށް ގިނަ ކަންކަމަށް ވިސްނަންޖެހެއެވެ. އޭގެ ތެރެއިން އެންމެ މުހިއްމު ކަމަކީ އެމީހަކު ހިތްރުހޭ ކަހަލަ އެއްޗަކަށް ވުމެވެ. އެގޮތުން ބުޅަލަކީ ވަރަށް ގިނަމީހުން ގަޔާވާ އެއްޗަކަށް ވަނީ ވެފައެވެ. އެހެން އެކަން ވަނީ ވަރަށް ގިނަ ސަބަބުތަކާއި ހުރެއެވެ.

ބުޅަލަކީ އެންމެނާއި ވެސް ވަރަށް ގުޅޭ އެއްޗެކެވެ. އެހެން ޤައުމުތަކުގައި ގެންގުޅޭ ކުއްތާ އާއި ހިލާފަށް ބުޅާ ގެންގުޅޭ މީހާގެ އިތުރުން އެހެން މީހުންނާއިވެސް ގުޅިގެން އުޅޭނެއެވެ. އަދި އެމީހަކު ބުޅާ ދެކެ ލޯބިވާނަމަ އެބުޅަލެއްވެސް އެމީހެއްދެކެ ލޯބިވާނެއެވެ.

ބުޅަލަކީ ގިނަ ބަޔަކަށް ކަމުދާ އެއްޗަކަށް ވީނަމަވެސް ބުޅަލަކީވެސް ގެންގުޅެން އެހާ ފަސޭހަ އެއްޗެއް ނޫނެވެ. ގެންގުޅޭ ދޫނިހެން ބުޅާ ކޮއްޓެއްގައި އޮންނާކަށް ބޭނުމެއް ނުވާނެއެވެ. އޭގެ ބަދަލުގައި ބުޅާ ބޭނުންވާނީ އަބަދުވެސް މީހުންނާއި އެކީގައި އުޅުމަށެވެ. މީގެ އިތުރުން ބުޅަލަކީ އެހެން އެއްޗަށްސާ އަޅާކިޔާއިރު ވަރަށް އުމުރު ދިގު އެއްޗެކެވެ. ބައެއް ބުޅާ 20 އަހަރަށް ދިރިއުޅޭއިރު މުސަޅު ނުވަތަ އެކި ކަހަލަ ދޫނި ގިނަވެގެން އުޅޭނީ 3 އަހަރާއި 7 އަހަރާއި ދެމެދުގައެވެ.

ބުރަކޮށް މަސައްކަތުގައި އުޅެފައި ގެއަށް އަންނަގަޑީގައި ބުޅަލަކީ އެކުގައި އަރާމުކޮށްލަން ރަނގަޅު އެއްޗެކެވެ. ބުޅާ އޮޅުކޮށް ތަމްރީން ކުރާ ގޮތަކުން އޭގެ ބޭނުން ވަރަށް ރަނގަޅަށް ލިބިގެންދާނެއެވެ. ބުޅަލަކީ އިންސަނުންގެ އިނގިލިތަކުގެ މަސާޖުން ހިތްހަމަޖެހުން ހޯދާ އެއްްޗެކެވެ.

އޮޅު ޖަނަވާރު ގެންގުޅުމުގައި ވިސްނާލަން ޖެހޭ އެހެން ކަންތައްތައް ވެސް ހުރެއެވެ. އެގޮތުން އެއް ޖަނަވާރަށްވުރެ ގިނައި ގެންގުޅޭނަމަ ހުރިހާ އެއްޗަކަށް އެކަށީގެންވާ ވަރަށް ވަގުތު ދިނުމަށް ވިސްނަަންވާނެއެވެ.އިންސާނުންނެކޭ އެއްގޮތަށް އެތަކެތިވެސް ލޯތްބާ އަޅާލުން ބޭނުންވާނެއެވެ.

ބުޅަލަކީ ވެސް ގިނަ ބަޔަކު އޮޅު ކޮށްގެން ގެންގުޅޭ އެއްޗަކަށް ވީނަމަވެސް ބަޅަލުގެ ސަބަބުން ބައެއްކަހަލަ ބަލި ޖެހުމަށް މަގުފަހިވެއެވެ. އެގޮތުން ލޭގެ ބައެއް ބަލިތަކަކީ އާއްމު ކަމެކެވެ. އެހެންނަމަވެސް އެއީ ވަރަށް މަދުން ފެންމަތިވާކަމެކެވެ. އެހެންކަމުން ބުޅަލަކީ އޮޅުކޮށްގެން ގެންގުޅުމަށް އެކަށީގެންވާ ޖަނަވާރެކަމަށް ގިނަ ބަޔަކު ދެކެއެވެ.