English Edition
Dhivehi Edition

“20 ވަނަ މައިލޯ އިންޓަރ ސްކޫލް އެތްލެޓިކްސް ޗެމްޕިއަންޝިޕް 2017” ގައި ބައިވެރިވި ހުޅުދޫ ސްކޫލުގެ އެތްލެޓިކްސް ޓީމަށް ވަރަށް ހޫނު މަރްޙަބާއެއް ކިޔައިފިއެވެ. މަރްޙަބާ ކިޔާފައިވަނީ، މުބާރާތް ނިންމާލުމަށްފަހު ހޮނިހިރު ދުވަހު އެ ޓީމް ރަށަށް އައި ވަގުތު، ހުޅުމީދޫގެ ބަނދަރު ސަރަހައްދުންނެވެ.

އެތްލެޓިކްސް ޓީމަށް މަރްޙަބާ ކިޔުމަށްޓަކައި ސްކޫލްގެ މުދައްރިސުންގެ އިތުރުން ވަރަށްގިނަ ބެލެނިވެރިންނާއި ދަރިވަރުން ބަނދަރު ސަރަހައްދަށް ޖަމާވެފައި ތިއްބެވެ. އަދި ސްކޫލުގެ ޕީ.ޓީ.އޭ ގެ މެމްބަރުން ދަރިވަރުންގެ ކަރުގައި މާފަތި އަޅައި، މަރްޙަބާ ކިޔައި ހިތްވަރު ދީފައިވެއެވެ.

މި މުބާރާތުގައި ހުޅުދޫ ސްކޫލުގެ ފަރާތުން ބައިވެރިވެފައި ވަނީ 8 އެތްލީޓުންނެވެ. އެއީ 13 އަހަރުން ދަށުގެ އުމުރުފުރާގެ 6 ފިރިހެން އަދި 2 އަންހެން އެތްލީޓުންނެވެ.

މި މުބާރާތުގައި ހުޅުދޫ ސްކޫލަށް ލިބުނު ހަމައެކަނި މެޑަލް ކާމިޔާބު ކޮށްދީފައިވަނީ ހަސަން ނައުޝް ހުސެއިންއެވެ. އެއީ 13 އަހަރުން ދަށުގެ ފިރިހެން ކުދިންގެ ލޯންގް ޖަމްޕުން އޭނާ ހޯދި ސިލްވާ މެޑަލްއެވެ.

“އިތުރު މެޑަލް އެއް ކާމިޔާބު ނުކުރެވުނު ކަމުގައިވިޔަސް ސްކޫލްގެ އެތްލީޓުން ވަނީ މުބާރާތުގައި ފާހަގަ ކުރެވޭފަދަ ހުނަރެއް ދައްކާފަ. އެގޮތުން ބައިވެރިވި ބައެއް އިވެންޓްތަކުން ސެމިފައިނަލް އަދި ފައިނަލްގެ ޖާގަ ބައެއް ދަރިވަރުން ހޯދި. އެހެން ކަމުން އެއީ މިފަދަ ބޮޑު މުބާރާތަކުން ސްކޫލަށް ލިބުނު ބޮޑު ކާމިޔާބީ އެއްކަމުގައި އަޅުގަނޑުމެން ދެކެނީ” ޓީމްގެ މެނޭޖަރ ތަވީލް އަބްދުލް މުޙްސިން ވިދާޅުވިއެވެ.

ހުޅުދޫ ސްކޫލުގެ އެތްލީޓްން ހޯދި ކާމިޔާބީ ތަކުގެ ތެރޭގައި އަންހެންކުދިންގެ ލޯންގް ޖަމްޕްއިން 4 ވަނަ އައިޝަތު އަމީޝާ ސަލާމް ހޯދާފައިވެއެވެ. މީގެ އިތުރުން އޭނާވަނީ ވަނައެއް ނުލިބުނު ކަމުގައިވިޔަސް 200 މީޓަރު ދުވުމުން ސެމީ ފައިނަލަށް އަދި 600 މީޓަރު ދުވުމުން ފައިނަލަށް ގޮސްފައެވެ. އަމީޝާގެ އިތުރުން ނައުޝް ވަނީ 100 މީޓަރު ދުވުމުން ސެމީ ފައިނަލުގައި ވާދަކޮށް އަދި 80 މީޓަރު ދުވުމުން ފައިނަލުގައި ވާދަކޮށްފައެވެ. އަދި 200 މީޓަރު ދުވުމުގައި މުޙައްމަދު އާލަމް ވެސް ވަނީ ސެމީ ފައިނަލުގައި ވާދަކޮށްފައެވެ.

މިއީ މިކަހަލަ ބޮޑު މުބާރާތެއްގައި ހުޅުދޫ ސްކޫލް ވާދަކުރި ފުރަތަމަ ފަހަރެވެ. ކުރިއަށް އޮތް ތަނުގައިވެސް މިކަހަލަ ފުރުސަތުތައް ދަރިވަރުންނަށް ފަހި ކޮށްދީ، އިތުރު ކާމިޔާބީތައް ހާސިލުކުރުމަށް މަސައްކަތް ކުރާނެކަމަށް ސްކޫލްގެ ޕްރިންސިޕަލް ވިދާޅުވިއެވެ.