މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ގއ ކޮލަމާފުށްޓަށް އުދައަރައި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
ކޮލަމާފުށީ ކައުންސިލްގެ ރައީސް އިބްރާހިމް އަލީމް އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިއްޔެ މެންދުރުފަހުން ފެށިގެން އުދައެރުމުގެ ސަބަބުން އެރަށަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަމަށެވެ.
“އުދައިގެ އެންމެ ބޮޑު އަސަރެއް ކޮށްފައިވަނީ ރޯހައުސްތައް އަޅާފައިވާ ސަރަހައްދަށް . 25 ރޯހައުސްގެތެރެއިން 20 ރޯހައުސްއަކަށް އެކިވަރުގެ ގެއްލުން ލިބިފައިވާއިރު ރަށުގެ ހުޅަނގުފަރާތުގެ 15 ގެއަކަށްވެސް ވަނީ ގެއްލުން ލިބިފައި.” އަލީމް ވިދާޅުވިއެވެ.
މީގެ އިތުރުން އަލީމް ވިދާޅުވީ ރަށުގެ އެކި ހިސާބުތަކަށް ލޮނުގަނޑުގެ އެރުމުގެ ސަބަބުން ގެތަކުގައި ހައްދާފައިވާ ގިނަ އަދަދެއްގެ ގަސްތަކަށް ގެއްލުން ލިބިފައިވާކަމަށެވެ. އަދި ލޮނުގަނޑު ބޭރުކުރުމަށާއި ވަގުތީ ވެލިބެޑް އެޅުމަށް ފަޅުފުންކުރުމުގެ މަސައްކަތް ކުރާތަނުގެ އެކްސްކަވޭޓަރެއްގެ އެހީގައި ކުރަމުންދާ ކަމަށް ވެސް އަލީމް ވިދާޅުވިއެވެ.
އަލީމް އިތުރަށް ވިދާޅުވީ މިމައްސަލައާގުޅިގެން ސަރުކާރާ ވާހަކަދެއްކުމުން ފަޅުގެ މަޝްރޫއުއާ ބިންހިއްކުމުގެ މަސައްކަތާއެކީގައި މިކަމަށް ހައްލެއް ލިބިގެންދާނެކަމުގެ ފެހިސިގްނަލް ލިބިފައިވާކަމަށެވެ. އަލީމް ވިދާޅުވީ ހުޅަނގުން ވައި ޖެހިފައި ވައިބާރުވެ ކަނޑުގަދަވެއްޖެނަމަ އެރަށަށް ކޮންމެވެސްވަރަކަށް އުދަ އަރާކަމުގައެވެ.
މޫސުމާބެހޭހޭ ގައުމީ އިދާރާ އިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ދެކުނުގެ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި، މެދުރާއްޖެތެއާއި އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށާއި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށެވެ.