English Edition
Dhivehi Edition

ކަރަންޓީން ނުވާންވެގެން ޓިކެޓެއް ފޯޖް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ތިނަދޫ ކައުންސިލުން ފުލުހަށް ހުށަހަޅައިފިއެވެ.

މިދިޔަ ހުކުރު ދުވަހު މާލެއިން ކާޑެއްދޫ އެއަރޕޯޓް އަށް ދަތުރުކުރި މީހަކު ތިނަދޫގައި ހޯމް ކަރަންޓީން ނުވެ އުޅެމުންދާކަމަށް ބުނެ ރައްޔިތުންގެ ޝަކުވާތަކެއް ތިނަދޫ ކައުންސިލަށް ލިބުމާއި ގުޅިގެން ބަލަންޖެހޭ ކަންތައް ބެލުމުގެ ތެރޭގައި ދަތުރުކުރި ފަރާތުން ކަރަންޓީން ނުވާންވެގެން ޓިކެޓެއް ފޯޖް ކޮށްގެން ކައުންސިލަށް ފޮނުވާފައިވާ ކަމަށް ބުނެ ތިނަދޫ ކައުންސިލުން ފުލުހަށް މައްސަލަ ހުށަހަޅައިފިއެވެ.

ޓިކެޓެއް ފޯޖް ކޮށްފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ގދ، ތިނަދޫ ކައުންސިލުން ފުލުހަށް ހުށަހަޅާފައިވާ ކަމަށާއި މިމައްސަލައާއި ގުޅޭގޮތުން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން ބަލަމުންދާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ އޭ.އޯ ނިއުސް އަށް ކަށަވަރުކޮށްދީފައެވެ.

މިކަމާއި ގުޅޭގޮތުން އޭ.އޯ ނިއުސް އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ތިނަދޫ ކައުންސިލްގެ ރައީސް އަލީ އަމްޖަދު ވިދާޅުވީ އެފަދަ މައްސަލައެއްް ފެންމަތިވެފައިވާ ކަމަށާއި މިހާތަނަށް ރަސްމީކޮށް އައިލެންޑް އޭވިއޭޝަނުން ޓިކެޓުގެ ސައްޙަކަން ކަށަވަރުވެފައި ނުވާކަމަށެވެ. އެހެންނަމަވެސް އައިލެންޑް އޭވިއޭޝަންގެ މުވައްޒަފުންގެ ފަރާތުން ލިބޭ މަޢުލޫމާތަށް ބަލާފައި ކައުންސިލަށް ލިބުނު ޓިކެޓަކީ ފޯޖް ކުރެވިފައިވާ ޓިކެޓެއް ކަމަށް އަމްޖަދު ވަނީ ވިދާޅުވެފައެވެ.

ދަތުރުކުރި ފަރާތަކީ ލ. އަތޮޅުގެ އަންހެނެއް ކަމަށާއި އެ ފަރާތުން ގދ. ތިނަދޫގެ ގިނަ ބަޔަކާއި ޖަދަލުކޮށް ވާހަކަ ދައްކާފައިވާ ކަމަށް އޭ.އޯ ނިއުސް އަށް ވަނީ މަޢުލޫމާތު ލިބިފައެވެ. މީގެ ތެރޭގައި އިތުބާރުކުރެވޭ ސަރުކާރުގެ ވަޒީފާ އަދާކުރައްވާ މުވައްޒަފުންވެސް ހިމެނެއެވެ.