English Edition
Dhivehi Edition

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އަތޮޅު ތެރޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އިން ބުނީ މި މާރިޗު މަހުގެ 16 ވަނަ ދުވަހު މާލެއިން ތޮއްޑުއަށް ދިޔަ ލޯންޗަކުން ބޭލި ކޮތަޅެއް ހަވާލުވާނެ މީހަކު ނެތި ހުރި ކަމުގެ މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް އެ ކޮތަޅު ގެނެސް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 12 ސެލޯފިންކޮޅު ފެނިފައިވާކަމަށާއި މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ.

މި މާރިޗު މަހުގެ 15 ވަނަ ދުވަހުގެ ރޭ އދ. ފެންފުށިން މާމިގިއްޔަށް ޑިންގީއެއްގައި ގޮސް ފެންފުއްޓަށް އައި ދެ މީހަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ކުޑަ ތިން ރަބަރު ޕެކެޓު ފެނިފައިވާކަމަށާއި މައްސަލައާ ގުޅިގެން 33 އަހަރުގެ ދިވެހި ދެ ފިރިހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުންވަނީ ބުނެފައެވެ، މި މައްސަލައާ ގުޅިގެން އެ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މަހިބަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބޭތިއްބުމަށް 10 ދުވަހުގެ މުއްދަތު ދެ މީހުންނަށްވެސް ވަނީ ދީފައެވެ

މީގެ އިތުރުން ރ. ރަސްމާދޫގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ މާލެއިން ފުރައިގެން އެ ރަށަށް ދަތުރުކުރަމުންދާ ލޯންޗަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ. އުނގޫފާރު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި، އެ ލޯންޗުން ގެނައި ކޮތަޅަކާ ހަވާލުވި 19 އަހަރުގެ މީހަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ވަނީ ފެނިފައެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެއެވެ.