ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ ފްރާންސްގެ ޕީއެސްޖީ އަތުން މޮޅެއްނުލިބި ބާސެލޯނާ ކެޓިއިރު، ޖަރުމަނުގެ އާރްބީ ލީޕްޒިގު އަތުން 2-0 އިން ހޯދީ މޮޅާއެކު ލިވަޕޫލުން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއާއެކު މި ފަހަރުގެ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިން ކަމަށްވާ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ނުފެންނާނެއެވެ. މިއީ 2005 ވަނަ އަހަރުގެ ފަހުން އެ ދެ ކުޅުންތެރިން ކުޅޭ ޓީމެއް ނެތި އެ މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ފެންނާނެ ފުރަތަަމަ ފަހަރެވެ.
ރޭގެ މެޗަށް ބާސެލޯނާ ނިކުތީ މިދިޔަ ފެބުރުއަރީ މަހު އެ ޓީމުގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗުން 4-1 އިން ޕީއެސްޖީ އަތުން ބަލިވުމުން ތަފާތު ބޮޑު ނަތީޖާއަކުން ދެވަނަ ލެގުގެ މެޗު ކާމިޔާބުކޮށްގެން މެނުވީ އަނެއް ބުރަށް ދިއުމުގެ އުއްމީދެއް ނެތްކަން އެނގިތިބެއެވެ. ރޭގެ މެޗު 1-1 އިން އެެއްވަރުވުމާއެކު، ޕީއެސްޖީ އިން ކުއާޓާ އަށް ދަތުރުކުރީ 5-2ގެ އެގްރިގޭޓްގެ ނަތީޖާއަކުންނެވެ. މިއީ ފާއިތުވި 14 އަހަރު ތެރޭގައި ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ބާސެލޯނާ ކެޓި ފުރަތަމަ ފަހަރެވެ.
ކޮވިޑް-19ގެ ސަބަބުން ޖަރުމަނާއި އިނގިރޭސިވިލާތުން އަޅާފައިވާ ސަލާމަތީ ފިޔަވަޅުތަކުގެ ސަބަބުން ލިވަޕޫލާއި ދެކޮޅަށް ލީޕްޒިގު ކުޅުނު ދެ މެޗު ވެސް އަސްލު ހޯމް ސްޓޭޑިއަމްގައި ކުޅެވޭގޮތްނުވުމުން ދެ ލެގު ވެސް ކުރިއަށްދިޔައީ ހަންގޭރީގެ ބުޑަޕެސްޓްގައި ހުންނަ ޕުސްކަސް އެރީނާގައެވެ. މި ދެ މެޗު ވެސް 2-0 ގެ ނަތީޖާއަކުން ލިވަޕޫލުން ކާމިޔާބުކުރިއިރު، އެ ޓީމުން ވަނީ ލީޕްޒިގުގެ މައްޗަށް 4-0ގެ އެގްރިގޭޓުން ކުރިހޯދާފައެވެ.
ޕީއެސްޖީގެ ޕާކް ޑި ޕްރިންސަސްގައި ރޭ ކުޅުނު މި މެޗުގެ 30 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. އެ ޓީމުގެ އާޖެންޓީނާ ފޯވާޑް މައުރޯ އިކާޑީ އަށް ޕެނަލްޓީއޭރިޔާތެރެއިން ބާސެލޯނާގެ ޑިފެންޑަރު ކްލެމެންޓް ލެންގްލޭ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން މި ލަނޑު ޕީއެސްޖީ އަށް ކާމިޔާބުކޮށްދިނީ މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ ލެގުގެ މެޗުގައި ހެޓްރިކް ހެދި ފްރާންސްގެ ޒުވާން ތަރި ކިލިއަން އެމްބާޕޭ އެވެ.
ޕީއެސްޖީން ލީޑްނެގިތާ ހަތް މިނެޓުފަހުން، ބާސެލޯނާގެ ކެޕްޓަން މެސީ ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ ޕެނަލްޓީއޭރިޔާބޭރުން ފޮނުވާލި ބާރު ހަމަލާއަކުން މެސީ ކާމިޔާބުކުރި ރީތި ގޯލެކެވެ. މި ހާފުގައި ބާސެލޯނާގެ ފްރާންސް ވިންގާ އޮސްމާނޭ ޑެމްބެލޭ އަށް ވަނީ ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއްލިބި ބޭކާރުވެފައެވެ.
ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ބާސެލޯނާ އަށް ލީޑްނަގައިދޭން ރަނުގެ ފުރުޞަތެއްލިބި މެސީ އަތުން ވަނީ ބޭކާރުވެފައެވެ. އެ ޓީމުގެ ފޯވާޑް އެންޓޮއިން ގްރީޒްމަން އަށް ޕެނަލްޓީއޭރިޔާތެރެއިން ޕީއެސްޖީގެ ލޭވިން ކުރްޒާވާ ކުރި ފައުލަކަށް ރެފްރީ ދިން މި ޕެނަލްޓީ މެސީ ފޮނުވާލުމުން ކޭލާ ނަވާސް މަތަކުރިއެވެ.
ދެވަނަ ހާފުގައި ބާސެލޯނާގެ އިތުރުން ޕީއެސްޖީ އަށް ވެސް ލަނޑުޖަހާނެ މާ ރަނގަޅު ފުރުޞަތުތަކެއް ތަނަވަސްކުރެވިފައެއްނުވެއެވެ. މި ހާފުގައި ބާސެލޯނާ އަށް ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ޕެނަލްޓީއޭރިޔާތެރެއިން މެސީ ފޮނުވާލި ބޯޅަ ޕީއެސްޖީގެ ކެޕްޓަން މާކީނޯސް ބްލޮކް ކުރިއެވެ. އޭގެފަހުން، މެޗު ނިމެން ދަނިކޮށް ޕީއެސްޖީގެ އިކާޑީ އާއި އެމްބާޕޭ އަށް ލިބުނު ފުރުޞަތުތަކުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ.
މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި، 2018/2019 ވަނަ އަހަރުގެ ސީޒަނުގެ ޗެމްޕިއަން ލިވަޕޫލުން ލީޕްޒިގު ކޮޅަށް ވައްދާލި ދެލަނޑުވެސް ޖެހީ ފަހު ހާފުގައެވެ. އެ ޓީމުން ލީޑްނެގީ މެޗުގެ 70 ވަނަ މިނެޓުގައި ދާދިފަހުން އަނިޔާއަށްފަހު ކުޅުމަށް އެނބުރިއައި ޑިއޯގޯ ޔޮޓާ ދިން ބޯޅައަކުން މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އެވެ.
އޭގެ ހަތަރު މިނެޓުފަހުން، މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްލީ ސެނެގޯލްގެ ފޯވާޑް ސަޑިއޯ މާނޭ އެވެ. މިއީ އެ ޓީމަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ފޯވާޑް ޑިވޮކް އޮރީގީ ނަގައިދިން މާނޭ ކާމިޔާބުކުރި ގޯލެކެވެ. މި މެޗުގައި ލީޕްޒިގަށް ލަނޑެއް ޖަހައިދިނުމާ އެންމެ ގާތަށް ޖެހިލީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ނޯވޭގެ ފޯވާޑް އަލެކްސަންޑަ ސޯލޯތު އެވެ. އޭނާ ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.
މިއީ ލިވަޕޫލުން އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން މޮޅުވި ދެވަނަ މެޗެވެ. އަނެއް ތިން މެޗުން ވަނީ ބަލިވެފައެވެ. ފަހަކަށްއައިސް އެ ޓީމުން އަމިއްލަ ދަނޑުގައި ކުޅުނު އެއްވެސް މެޗަކުން މޮޅުވެފައެއްނުވެއެވެ.
ރޭގެ މެޗުތަކަށްފަހު ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން މިހާތަނަށް ޖާގަ ހޯދާފައިވާ ހަތަރު ޓީމަކީ ޕީއެސްޖީ އާއި ލިވަޕޫލްގެ އިތުރުން ޕޯޓޯ އަދި ބޮރޫޝިއާ ޑޯޓްމަންޑް އެވެ. މި މުބާރާތުގެ ކުއާޓާ ފައިނަލްގެ ފަހު ހަތަރު ޖާގަ ކަށަވަރުވެގެންދާނީ މި މަހުގެ 17-18 ގައި ކުޅެވޭ މެޗުތަކަށް ފަހުގައެވެ.