ހުވަދު އަތޮޅުގެ ހަތަރު ރަށެއްގައި ސަރުކާރުން ޤާއިމް ކޮށްފައިވާ ވާރޭފެނުގެ ނިޒާމް ބެލެހެއްޓުން ފެނަކަ ކޯޕަރޭޝަން އާއި ހަވާލު ކޮށްފިއެވެ.
ވާރޭފެނުގެ ނިޒާމް ޤާއިމްކުރުމުގެ މި މަސައްކަތަކީ ހޫނު މޫސުމުގައި ފެނަށް ލިބުން ދަތިވުމުގެ މައްސަލަތަކަށް ނިމުމެއް ގެނެސްދިނުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ. މި ނިޒާމް ހިންގަން ފެނަކަ ކޯޕަރޭޝަނާ ހަވާލު ކުރެއްވީ އެރަށްތަކަށް ޚާއްސަކޮށްގެން ވަކި ވަކި ރަށްތަކުގައި ބޭއްވި ރަސްމިއްޔާތުތަކުގައި އެންވަޔަރަމެންޓް މިނސްޓަރު ޑރ ހުސައިން ރަޝީދު ހަސަނެވެ.
ފެނުގެ ނިޒާމް ހަވާލު ކުރެވުނު ރަށްތަކަކީ، ގއ މާމެންދޫ، ގއ ކޮނޑޭ، ގއ ނިލަންދޫ، އަދި ގދ ފަރެސްމާތޮޑާ އެވެ.ފެނަކަ ކޯޕަރޭޝަނުން މި ނިޒާމާއި ރަސްމީކޮށް ހަވާލުވެ ވަޑައިގަތީ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދެވެ.
ސަރުކާރުގެ ގްރީން ކްލައިމެޓް ފަންޑު (ޖީ ސީ އެފް) ގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަމެންޓާއި ޔޫ އެންޑީޕީ ގުޅިގެން ކުރިއަށްގެންދާ ސަޕޯޓިން ވަލްނެރަބަލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކުލައިމެޓް ޗޭންޖް އިންޑޫސްޓް ވޯޓާރ ޝޯޓޭޖަސް މަޝްރޫޢުގެ ދަށުން ހުވަދު އަތޮޅު އުތުރުބުރިއާއި ދެކުނުބުރީގެ 8 ރަށެއްގައި ވާރޭފެނުގެ ނިޒާމް ޤާއިމްކުރަންވަނީ ނިންމާފައެވެ.
މި ނިޒާމްތަކަކީ މި ރަށްރަށުގައި ހުންނަ ސަރުކާރުގެ އިމާރާތް ތަކާއި މިސްކިތްތަކާއި ސުކޫލް ތަކުގެ ފުރާޅުން ވާރޭފެންނަގައި އެފެން ޓްރީޓް ކޮށް ރަށުގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައި ހުރި އިސްކުރުބަރިތައް މެދުވެރިކޮށް ރައްޔިތުންނަށް ފެން ފޯރުކޮށްދިނުމަށް ޤާއިމްކޮށްފައިވާ ނިޒާމެކެވެ.
ފެނަކަ ކޯޕަރޭޝަނާއި މި ނިޒާމް ހަވާލުކުރެވުނު ރަސްމިއްޔާތުގައި ޑރ ހުސައިން ރަޝީދު ވިދާޅުވީ މި މަޝްރޫޢުތަކަކީ ސަރުކާރުން މުޅިން އަލަށް ރާއްޖޭގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމުގެ ކުރިން ރޭވި ކުރިއަށް ގޮސްފައިވާ މަޝްރޫޢު ތަކެއްކަމަށެވެ. މި މަޝްރޫޢުގެ ޑިޒައިން އެންޑް ސުޕަވިޝަން ކޮންސަލްޓެންޓުންނަކީ އިންޑިއާގެ ޝާޙް ޓެކްނިކަލް ކޮންސަލްޓެންޓުންނެވެ.
ރަށު ރައްޔިތުންނަށް ފެންފޯރުކޮށްދިނުމަށް ޤާއިމްކުރެވޭ މި ނިޒާމްތަކުން ދޫކުރެވޭ ފެނަކީ ކޮލިޓީ ކަށަވަރުކުރެވި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަޑާއި އެއްގޮތަށް ދޫކުރެވޭފެން ކަން ފާހަގަ ކޮށްލެވެއެވެ.