ހޮރައިޒަން ފިޝަރީސްގެ އައްޑު އަތޮޅުގެ އެކްސްކްލޫސިވް ޕާޓްނަރެއްގެ ގޮތުގައި ހިތަދޫ މަލްޓި ސުޕަރމާޓް (މަލްޓި) ހަމަ ޖައްސައި، އެފިހާރައިން ހެޔޮއަގުގައި މަސްދަޅު ވިއްކަން ފަށައިފިއެވެ. މަލްޓިގެ ފަރާތުން މަޢުލޫމާތު ދެއްވިގޮތުގައި، މާންދޫގައި އުފައްދާ ހޮރައިޒަންގެ މަސްދަޅަކީ މިވަގުތު ބަޒާރުގައި ލިބެން ހުރި އެންމެ ފެންވަރު ރަނގަޅު އަދި އަގަށް ބަލާއިރުވެސް އެންމެ ރަނގަޅު މަސްދަޅެވެ. މިގޮތުން ޢާއްމުކޮށް ބަޒާރުގައި މިހުންނަ މަސްދަޅު ތަކަކީ، ސިންގަލް ކްލީން (އެއްފަހަރު ސާފުކޮށްފައި ހުންނަ) އަދި ސޯޔާ ނުވަތަ ވެޖިޓަބަލް އޮއިލް ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ މަސްދަޅު ކަމަށެވެ. މިއާއި ޚިލާފަށް ހޮރައިޒަންގެ މަސްދަޅުތަކަކީ ސިދާ ޔޫރަޕްގެ އެެކްސްޕޯޓް ކޮލިޓީގެ މަސްދަޅު ކަމަށާއި، މިގައި ބޭނުން ކޮށްފައި ހުންނާނީ ސަންފްލާވަރ ނުވަތަ އޮލިވް އޮއިލް ކަމަށެވެ. އެހެން ކަމުން ސިއްޙަތަށް ވެސް މިމަސްދަޅުތަކުން ލުއިކަމެއް ގެނެސްދޭނެ ކަމަށެވެ. ހޮރައިޒަންގެ އުފެއްދުންތަކުގެ ތެރޭގައި ޚާއްސަ އައިޓަމެއްގެ ގޮތުގައި ހިމެނޭ ހެބޮނެރޯ ޗިލީ (ގިތެޔޮ މިރުހާއިއެކު ހުންނަ) މަސްދަޅު ވެސް ވަނީ ވިއްކަން ފަށާފައެވެ. މަސްހުނި އަދި ސްޕަގެޓީ ފަދަ ބާވަތްތަކާއިއެކު ބޭނުންކުރަން ޚާއްސަ މިއުފެއްދުމަށް، ރަނގަޅު ތަރުޙީބެއް ލިބެމުން އަންނަކަމަށް އެފަރާތުން ހާމަ ކުރައްވައެވެ. ހަމަ އެހެންމެ ހޮރައިޒަން ބްރޭންޑްގެ ޕައުޗް (ޕެކެޓް) ގައި ބަންދުކޮށްފައި ހުންނަ މަސް (ޑްރެއިންޑް-ވެއިޓް) ނިސްބަތުން މަސްދަޅަކަށް ވުރެ ބޮޑުތަން ޚަރަދު ކުޑަވާނެ ކަމަށާއި، ކެފޭ، ރެސްޓޯރެންޓް އަދި ކާބޯތަކެތި ތައްޔާރުކުރައްވާ ފަރާތްތަކަށް ވަރަށް އެކަށޭނެ ކަމަށް އެފަރާތުން މަޢްލޫމާތު ދެއްވައެވެ. މަލްޓީގައި މިވަގުތު ޕްރޮމޯޝަން ތެރެއިން މިތަކެތި ވިއްކަން ހުރި އަގުތަކަށް ބަލާއިިރު، ސަންފްލާވަރ ތެޔޮ މަސްދަޅު ކޭހެއް 715ރ. ވިއްކަން ހުރި އިރު، ވަކި ދަޅެއް ވިއްކަން ހުރީ 15ރ. އަށެވެ. އެހެނިހެން ބާވަތްތަކުގެ އަގުތައް ހުރީ، ފެން މަސްދަޅެއް 14ރ. އަށް، ގިތެޔޮ މިރުހާއިއެކު ހުންނަ މަސްދަޅެއް 17ރ. އަށް، ޕައުޗް 500ގ ތެލުގައި 55ރ. އަށް، އަދި ޕައުޗް 1ކ 95ރ. އަށެވެ. އެފަރާތުން ވިދާޅުވިގޮތުގައި ރޯދަމަހާއި ދިމާކޮށް މިފަހަރު ގެނެވުނު ބައެއް ބާވަތްތައް ސްޓޮކް ކުރެވިފައި ހުރީ މަދުން ނަމަވެސް، ކުރިއަށް އޮތްތަނުގައި މާންދޫގައި އުފައްދާ ހުރިހާ އުފެއްދުންތަކެއް ވެސް މެދުނުކެނޑި ކަސްޓަމަރުންނާއި ހަމަޔަށް ފޯރުކޮށްދިނުމަށް ޓަކައި ހޮރައިޒަން ފިޝަރީސް އާއި ގުޅިގެން މަސައްކަތް ކުރާނެކަމަށެވެ.