English Edition
Dhivehi Edition

ރޭ ފަތިހު ފުވައްމުލަކުން މަހަށް ނިކުތް ޑިންގީއެއްގެ ހަބަރު ނުވެގެން ޑިންގީ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.

އެމްއެންޑީއެފް ގެ މީޑިއާއިން މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައިވަނީ ޑިންގީގައި މަހަށް ނިކުތް މީހެއްގެ އާއިލާގެ ފަރާތުން މިއަދު ހެނދުނު 10:40 ހާއިރު ކަމަށެވެ.

އަދި ޑިންގީ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ސްކޮޑްރަން އިން ކުރަމުންދާ ކަމަށާއި މި ޑިންގީ އަކީ 22 ފޫޓުގެ، ހުދުކުލައިގެ ޑިންގީއެއް ކަމަށް އެމްއެންޑީއެފުން ބުނެއެވެ. މީގެ އިތުރުން މި ޑިންގީގައި ރަތްކުލައިގެ ފަށެއް ފަމާފައި ހުންނާނެ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ޑިންގީ ހޯދުމުގެ މަސައްކަތުގައި އެމްއެންޑީއެފްގެ ހެލިކޮޕްޓަރާއި ކޯސްޓްގާޑް ލޯންޗް ނޫރައްދީން އަދި ސީއެމްބިއުލާންސް ހަރަކާތްތެރިވަމުންދާ ކަމަށާއި ޑިންގީގައި މަހަށް ނިކުތް ދިމާލެއް އަދި އޭގައި ތިބި މީހުންގެ އަދަދު ސާފުނުވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.