English Edition
Dhivehi Edition
ފޮޓޯ: އެމްއެންޑީއެފް
އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑާއި، ފުވައްމުލަކު ސިޓީ ކައުންސިލް ގުޅިގެން ފުވައްމުލަކުގައި “ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރ” ޓްރެއިނިން ޕްރޮގްރާމެއް ފަށައިފިއެވެ.
މި މަހުގެ 24 އިން ފެށިގެން ފަސް ދުވަހުގެ މުއްދަތަށް، ފުވައްމުލަކު ސިޓީގައި ކުރިއަށްގެންދާ މި ޕްރޮގްރާމްގައި 17 ފަރާތަކުން ބައިވެރިވެފައިވެއެވެ.
އެމްއެންޑީއެފް އިން ބުނީ މި ޕްރޮގްރާމަކީ ރަށު ފެންވަރުގައި ކޮމިއުނިޓީ ވޮލަންޓިއަރ ފަޔަރ ފައިޓަރުން އުފައްދައި، ރަށްރަށުގައި ފަޔަރ ފައިޓަރުން އިތުރުކުރުމުގެ މަގްސަދުގައި ކުރިއަށްގެންދާ ޕްރޮގްރާމެއްކަމަށެވެ. މިގޮތުން، ހިނގާފާނެ އަލިފާނުގެ ހާދިސާތަކުގައި އަވަހަށް އިޖާބަދީ، ހަރަކާތްތެރިވުމުގައި އެ މުޖުތަމަޢުގެ ބައިވެރިވުން އިތުރުކުރުމާއި، މީހުންގެ ފުރާނައާއި މުދާ ރައްކާތެރިކުރުމުގައި ޕްރޮފެޝަނަލް ފަޔަރ ފައިޓަރުންނާއި، ކުއްލި ހާލަތުގައި ރައްދުދޭ ފަރާތްތަކުގެ މަސައްކަތްތަކަށް އެހީތެރިވެދޭ، ތަމްރީނު ލިބިފައިވާ ވޮލަންޓިއަރުންގެ ދައުރު ފުޅާކުރުމަކީ ވެސް މި ޕްރޮގްރާމްގެ މަގްސަދުތަކުގެ ތެރޭގައި ހިމެނޭކަމެއްކަމުގައި އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ.
މި ޕްރޮގްރާމްގައި އަލިފާން ރޯވާން ދިމާވާ ސަބަބުތަކާއި އަލިފާން ނިއްވާނޭ ގޮތްތަކާއި އަލިފާން ނިއްވުމަށް ބޭނުންކުރާ ބައެއް އާލާތްތަކާ ބެހޭގޮތުން މައުލޫމާތު ދީ އެ ތަކެތި އަމަލީގޮތުން ބޭނުންކުރާނޭ ގޮތްތައް ބައިވެރިންނަށް ދަސްކޮށްދެވޭނެއެވެ.
މި ޕްރޮގްރާމުގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުންނެވެ.